ޚަބަރު

ސީ އެމްބިއުލާންސަކާއި ލޯންޗެއް ޖެހި އެކްސިޑެންޓުވެ، ތިން މީހަކަށް އަނިޔާވެއްޖެ

އަލީ އަފާފް ރަމީޒު

މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީ އެމްބިއުލާންސަކާއި މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މ. މުލިން ފުރައިގެން މާލެ ދަތުރުކުރި ސީ އެމްބިއުލާންސަކާއި މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް، ކަނޑުމަތިން އެކްސިޑެންޓުވެ، ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސީ އެމްބިއުލާންސް އިން ދަތުރުކުރި އަށް މީހުންގެ ތެރެއިން ދެ މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަދި އަނެއް ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން، ކެޕްޓަނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި ހާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމަށްޓަކައި ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމެއް ސާފެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ މާލެ އަތޮޅު އިތާފުށި ރިސޯޓް ކައިރިން ކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 1:00 ހާއިރު ކަމަށެވެ. އަދި އިތުރު ސީއެމްބިއުލާންސެއް ހާދިސާ ހިނގި ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށެވެ.