ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން އަވަސް ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހުތަކެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.
ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މިއަހަރަށް ފަސްކުރިއެވެ. އެ ބިލު ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މިއަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ބޭއްވުމުގެ އެއްވެސް ބާރެއް އީސީއަށް ލިބިގެންނުވެއެވެ.
ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްހާ ހިނދަކު އިންތިހާބު ނުބޭއްވޭނެ ކަމަށާއި އިންތިހާބު ބާއްވާނެ ތާރީހަކާއި މަސައްކަތްތައްވެސް އިއުލާން ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިކަމަށް ދެން އޮތް ހައްލަކީ މިހާރު އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް ބަދަލުތަކެއް ގެނައުން ކަމަށެވެ.
"އެހެންވީމަ ރައްޔިތުންގެ މަޖިލީހަށް މިހާރު އަޅުގަނޑުމެން ގާނޫނު އިސްލާހުކުރުމަށް އެ ބިލު ޑްރާފް ކުރަމުން މިހާރު މިދަނީ. ރައްޔިތުން މަޖިލިސް ރިސެސް ނިންމާފައި އައުމާ އެކީގައި ހަމަ ފެބްރުއަރީ މަސް ތެރޭގައި އަޅުގަނޑުމެން އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް އަޅުގަނޑުމެން ހުށަހަޅާނަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމާއި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަކީ ގާނޫނުން އީސީއަށް ދީފައިވާ ބާރެއް ކަމަށާއި ނަމަވެސް ހާއްސަ ގާނޫނުގެ ދަށުން އެ ބާރު އެހެން ބައެއްގެ މެންޑޭޓްގެ ތެރެއަށް ލާފައިވާ ކަމަށެވެ. އެއީ އިންތިހާބު އެހާ ބޮޑަށް ލަސްވާން ދިމާވާ ސަބަބު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހާއްސަ ގާނޫނުގެ ދަށުން އީސީއަށް އިންތިހާބަށް އިއުލާނު ކުރެވޭނީ އެޗްޕީއޭ އިން ވަކި ގޮތަކަށް އަމަލުކޮށްގެން ކަމަށާއި އެ ބާރު އޮތީ އެޗްޕީއޭގެ ދަށުގައި ކަމަށެވެ.
އެޗްޕީއޭއިން މިއަދު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް މީގެ ކުރިން ވެސް އީސީން ވަނީ ބުނެފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިހާބުގެ ތައްޔާރީތަކަށް ވެސް ވަގުތު ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
އީސީން ކުރިން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށެވެ. އަދި ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް މިހާރު އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު