ވަގުތު ނޫހުގެ ނޫސްވެރިންތަކަކަށް މަރުގެ އިންޒާރު ދިން މައްސަލަ ތަހުގީގުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް ގޮވާލައިފި އެވެ.
"އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!"، މި ނަމުގައި "ވަގުތު" ނޫހުން ޝާއިއުކުރި ލިޔުމަކާ ގުޅިގެން ސޯޝަލް މީޑިއާގައި "ވަގުތު" ނޫހުގެ ނޫސްވެރިންނަށް ގެންދަނީ މަރުގެ އިންޒާރު ދެމުންނެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލާ ހިލާފު ނުވާ ގޮތެއްގެ މަތިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނޫ އަސާސީން ކޮންމެ ފަރުދަކަށްވެސް ދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ހިޔާލުފާޅު ކުރުމުގެ ސަބަބުން ނޫސްވެރިޔާގެ ޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް ބިރުދައްކައި އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
މީގެ ކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކި ކަހަލަ އިންޒާރާއި ފުރައްސާރައަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަށް ވެފައިވާތީ ވަގުތުގެ ނޫސްވެރިންނަށް ދިން އިންޒާރުތަކަކީ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
އެހެންކަމުން މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެންނަ ކަމަށާއި އެކަން ވީ އެންމެ އަވަހަކަށް ތަހުގީގު ކުރުމަށް ވަނީ ގޮވާލައިފައެވެ.
މީގެ އިތުރުން އެމްޖޭއޭ އިން ބުނީ ވަގުތު ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދެމުންދާ ކަމަށް އެ ނޫހުން، އެ އެސޯސިއޭޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި މިކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކުރުމަށް ފުލުހުންނަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު