ބާސެލޯނާގެ އެންމެ ބޮޑު މައްސަލައަކީ ގޯލް ޖެހުމުގެ ނިސްބަތް މަދުވުން ކަމަށާއި، އިތުރު ފޯވަޑެއް ޓީމަށް ގެންނަން ކޮންމެހެންވެސް ޖެހޭ ކަމަށް ކޯޗު ރޮނަލްޑޯ ކޯމަން ބުނެފިއެވެ.

ރޭ ބާސާއިން ލީގުގައި ކުޅުނު މެޗުގައި 1-0ގެ ނަތީޖާއަކުން ހުއެސްކާ ބަލިކޮށްފައިވާ އިރު، މެޗުގައި ބާސާއިން ވަނީ ގޯލަށް 20 ހަމަލާއެއް އުފައްދައިފައެވެ. 20 ހަމަލާގެ ތެރެއިން އެންމެ ހަމަލާއެއް ގޯލަށް ވައްދާލެވުމުން ކޯޗު ކޯމަން ވަނީ ގޯލް ނުޖެހުމުގެ މައްސަލައިގައި ކަންބޮޑުވާކަން ފާހަގަކޮށްފައެވެ.

އަނިޔާއަށް ފަހު ލިއޮނަލް މެސީ ރޭގެ މެޗުގައި ކުޅެފައިވާ އިރު، އޭނާގެ ކުރިން ފޯވަޑް ލައިނުން ފެނިފައިވަނީ އުސްމާން ޑެމްބޭލޭއާއި މާޓިން ބްރައިތުވެއިޓެވެ. ފޯވަޑް ތިން ކުޅުންތެރިންގެ ފަރާތުން 15 ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، ގޯލް ޖެހީ ފްރޭންކް ޑިޔޯންގެވެ. އިތުރުން އެޓޭކިން އޮޕްޝަނެއްގެ ގޮތުގައި އެންޓޮއިން ގްރީޒްމަންވެސް ކޯމަން ވަނީ ދަނޑު މައްޗަށް ނެރެފައެވެ.

"ސްކޮޑުގައި ތިބި ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު އެބައޮތް. އެކަމަކު ތިން ފޯވަޑުންނަށް ދެވޭ ފުރުސަތުގެ ބޭނުން ނުހިފުމަކީ ކަންބޮޑުވުމެއް. ލިއޯގެ އިތުރުން ޑެމްބެލޭއާއެކު އެޓޭކަށް ވަރަށް ބޮޑަށް ސަޕޯޓެއް ލިބޭ، މާޓިންއާއި އެންޓޮއިންގެ ދައުރުވެސް މުހިއްމުވާނެ. މާޓިން ވަނީ އެޓޭކިން ފޯވަޑެއްގެ ދައުރުވެސް އަދާކޮށްފައި. އެކަމަކު އަދިވެސް ސީދާ ނަންބަރު 9ގެ ފޯވަޑެއްގެ ބޭނުންވޭ،" ކޯމަން ބުނެފައިވެއެވެ.

ޖަނަވަރީގެ ޓްރާންސްފާ ސީޒަން ހުޅުވިފައިވާ އިރު، ބާސާއިން އިތުރު ފޯވަޑެއް ގެންދަން ބޭނުންވާ ކަމުގެ ސިގްނަލެއް ކޯމަން ވަނީ ދީފައެވެ. މީގެ ކުރިން ބާސާއިން ވަނީ ފޯވަޑެއް ހޯދަން މަސައްކަތްކޮށްފައެވެ. އެގޮތުން ނެދަލޭންޑްސްގެ މެމްފިސް ޑިޕޭއާއި އިންޓައަށް ކުޅެމުންދާ ލައުޓޫރޯ މާޓިނޭޒްއަށް ބާސާއިން ވަނީ ފާރަލައިފައެވެ.