މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ ގޮނޑުން ނަގާފައިވާ ފޮށިތަކެއްގައި ކަމަށް އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ވައިގެ މަގުން ރާއްޖެއިން ބޭރު ކުރަން އުޅުނު 429 ކިލޯގެ މިޔަރު އުރަހަ އިއްޔެ ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. މިތަކެތި ބަންދުކޮށްފައި ހުރީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ފިނިކުރި މަސް އެކްސްޕޯޓު ކުރަމުން އަންނަ އެސްސިސް ކުންފުނީގެ އެންޒީ ފޮށިގަނޑުތަކެއްގަ އެވެ. ނަމަވެސް ކަސްޓަމްސް އިން ބުނީ އުރަހަތައް ބޭރު ކުރުމަށް ކަސްޓަމްސް އަށް ހުށަހަޅާފައިވަނީ އެންޒީ އިން ނޫން ކަމަށެވެ.
މިކަމާގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަސީމް މިއަދު ވިދާޅުވީ މިފަދަ ގޮތަކަށް އެންޒީގެ ފޮށިގަނޑުތަކެއް ބޭނުންކުރުމުގެ ސަބަބުން އެކުންފުނީގެ ނަން ވަރަށް ބޮޑަށް ބަދުނާމު ވެފައިވާ ކަމަށެވެ. އަދި އެކަން ކުށްވެރިކުރައްވާ ކަމަށްވެސް ވަސީމް ވިދާޅުވި އެވެ.
ވަސީމް ވިދާޅުވީ މިޔަރު އުރަހަތަކެއް އެކުންފުނީގެ ފޮށިގަނޑުތަކެއްގައި ބަންދުކޮށް އެކްސްޕޯޓުކުރަން މަސައްކަތް ކޮށްފައިވަނީ ކޮން ބައެއްކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި ނަމަވެސް ކަސްޓަމްސް އިން އެބައެއްގެ ނަން ހާމަކުރުމުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
ވަސީމް ވިދާޅުވީ މިޔަރު އުރަހަތައް ބޭރުކުރާކަމުގެ އެއްވެސް މައުލޫމާތެއް ވެސް އެކުންފުންޏަށް ނޭނގޭ ކަމަށާއި އެ އެއްޗެހިތައް ބަންދުކޮށްފައި އެވާ ފޮށިތަކަކީ ގޮނޑުން ހޮވާފައިވާ ފޮށިގަނޑުތަކެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ރާއްޖޭގައި މަނާކޮށްފައިވާ ތަކެތި އެކްސްޕޯޓު ކުރާ ބައެއް ނޫން. މިކަމުގެ ސަބަބުން އަޅުގަނޑުމެން (އެންޒީ)ގެ ނަމަށް ވަރަށް ހުތުރުވެއްޖެ. ގޮނޑުން ނަގައިގެން މި ފޮށިތައް މިފަދަ ގޮތަކަށް ބޭނުންކުރުން އެންމެ ހަރުކަށިކޮށް ކުށްވެރިކުރަން." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިފަދަ އަމަލުތަކުގެ ސަބަބުން ރަނގަޅު ގޮތުގައި ވިޔަފާރިކުރާ ކުންފުނިތަކަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށާއި މިފަދަ އަމަލުތައް ނުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
މިޔަރު ހިފުމާއި މިޔަރުގެ މަސްވެރިކަން ކުރުން ރާއްޖޭގައި 2010 ވަނަ އަހަރުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެން ކަމުން މިޔަރު އުރަހަ އެކްސްޕޯޓު ކުރުމަކީ ގާނޫނީ ބޮޑު ކުށެކެވެ.
އެންސިސް
އެންސިސް
އެންސިސް
އެންސިސް