ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު އިރު، ދަ ގްރާންޑޭގެ ދެވަނަ ގޯލު، ކޮމިލޯވް އަބްދުރަސުލް ޖެހީ މެޗުގެ ފަހު މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް، އެޓީމުން އެ ލީޑު ގެއްލުވާލީއެވެ.
ވަރުގަދަ ސްކޮޑަކާއެކު ސީޒަނަށް ތައްޔާރުވި މާޒިޔާއިން ފުރަތަމަ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އަތުން ބަލިވި އިރު، ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް ދެ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިރޭގެ ކުރިން އެންމެ ފަހުން އެޓީމުން ވެލެންސިއާއާ ދެކޮޅަށް ކުޅެ އެއްވަރުވުމުން، ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ކޯޗުކަމުން އިސްތިއުފާ ދީފައެވެ.
މާޒިޔާއިން ތަޖުރިބާކާރު ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް އެ ކްލަބަށް ގެނައިކަން މިއަދު އިއުލާން ކުރި ނަމަވެސް، މިރޭގެ މެޗުގައި ޓީމަށް އިރުޝާދު ދިނީ ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވެ ހުރި އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ.
މެޗުގެ ފުރަތަމަ 11 އިން ބަދަލުތަކެއް ފެނިފައިވާ އިރު، މެޗުގެ ކުރީކޮޅުގައި މާޒިޔާއިން ލީޑު ނެގިއެވެ. މޫސާ ޔާމީން (ޔާންބެ) އޭރިއާ ބޭރުން ވައްދާލި ހިތްގައިމު ގޯލާއެކު މާޒިޔައިން ލީޑު ނެގި އިރު، އެޓީމުން ވަނީ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާވެސް ކޮށްފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން މާޒިޔާގެ ލީޑު ފުޅާކޮށްދިނީ ކޯނެލިއަސް ސްޓެވާޓެވެ.
ދެވަނަ ހާފަށް ނުކުމެ، ދަ ގްރާންޑޭއިން ކުޅުން ރަނގަޅުކުރިއެވެ. މާޒިޔާ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ވަރުގަދައަށް ޕުޝް ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު އަޔާޒް (އަޔާ)ގެ ގޯލާއެކު ދަ ގްރާންޑޭއިން ހިތްވަރު އާކުރިއެވެ. އަޔާގެ އެ ގޯލަކީ މާޒިޔާގެ ހަތަރު ކުޅުންތެރިން ނައްޓާލައި، ހިތްގައިމު ޗަރުކޭހަކާއެކު ތަނަވަސްކުރި ފުރުސަތު ގޯލުުގެ ކަނަށް ވައްދާލައިގެން އޭނާ ޖެހި ގޯލެކެވެ.
މާޒިޔާއިން އަނެއްކާވެސް ދެވަނަ ގޯލެއް ޖަހަން މަސައްކަތް ކުރި އިރު، އިބާރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ ހަމަލާއެއް ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ. ޕްރެޝަރުގައި ކުޅެމުން ދިޔަ މާޒިޔާގެ ކޮޅަށް ފަހު މިނެޓުގައި ގޯލް ރަސުލް ޖެހީ ޔަސްފާދު ހަބީބު (މުލަކޭ)ގެ ފުރުސަތަކުންނެވެ.
މެޗުން ލިބުނު ޕޮއިންޓާއެކު ދަ ގްރާންޑޭއަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ލީގުގެ އެއްވަނައިގައި މާޒިޔާއިން އެއް ޕޮއިންޓްގެ ލީޑެއްގައި އޮތް އިރު، ވެލެންސިއާ މާދަމާ ހަވީރު ކުޅޭ މެޗުން އީގަލްސް އަތުން މޮޅުވެގެން އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގޭނެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު