ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ހުއްދަ ހިފެހެއްޓޭނެ ހާލަތުތައް ބަޔާންކޮށް، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ ކިބައިގައި ހަތް ޝަރުތެއް ފުރިހަމަވާން ޖެހެ އެވެ.

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 21 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
  • ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
  • ބާ ކައުންސިލުން ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ، އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި، ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކު ކަމުގައިވުން
  • މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ބާ އިމްތިހާނާއި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން
  • ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހަކު ކަމުގައިވުން

މިއަދު ޝާއިއުކުރި އިސްލާހުގައި ބުނީ، އޭގެން ޝަރުތެއް އުނިވެއްޖެކަން ބާ ކައުންސިލަށް އެނގިއްޖެނަމަ، އެ ފަރާތެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން އެ އިސްލާހުގައި ވަނީ ގާނޫނީ ވަކީލެއްގެ ހުއްދަ ލިބިފައިވާ ފަރާތެއްގެ މައްޗަށް ވަކި ކަހަލަ ކުށްތަކެއް ސާބިތުވެއްޖެނަމަ އެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށެވެ. އެއީ ގާނޫނުލްއުގޫބާތުގައި ބުނާ ވައްކަމުގެ ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ ކުށް އަދި ގާނޫނުލްއުގޫބާތުގައިވާ ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި މަކަރުވެރި އަމަލު ހިންގުމުގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެކެވެ.

ގާނޫނީ ވަކީލެއްގެ ހުއްދަ، ބާ ކައުންސިލުން ހިފަހައްޓައިފިނަމަ، އެ ވަކީލަކަށް އަލުން ހުއްދަ ދޫކުރެވޭނެ ހާލަތުތައް ވެސް މިއަދު ޝާއިއުކުރި އިސްލާހުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޖިނާއީ ބޮޑު ކުށެއް ކޮށްފިނަމަ، އަލުން ހުއްދަ ދޭނީ ހުކުމް ތަންފީޒުކޮށް ނިމުނުތާ ފަސް އަހަރުވުމުންނެވެ.

ނަމަވެސް ވައްކަމާއި ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި ނަކަލުކުރުމާއި މަކަރުވެރި އަމަލު ހިންގުމުގެ ކުށެއް ކޮށްފިނަމަ، އެ ކުށެއްގެ ހުކުމް ތަންފީޒުކޮށް ނިމުމުން ހުއްދަ ދޫކުރެވޭނެއެވެ. އަދި ސާބިތު ދަރަނީގެ މައްސަލަތަކުގައި ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ކަމުގައިވާ ނަމަވެސް އަލުން ހުއްދަ ދެވޭނެއެވެ.

ހުއްދަ ހިފެހެއްޓުނީ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރުން ލާޒިމް ޝަރުތެއް އުނިވެގެން ކަމުގައިވާ ނަމަ، އެ ޝަރުތެއް ފުރިހަމަވާކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. މި ގަވާއިދު މިއަދު ގެޒެޓުގައި ޝާއިއުކުރުމާއެކު އެ ގަވާއިދަށް ވަނީ އަމަލުކުރަން ފަށައިފައެވެ.