މިދިޔަ އަހަރު ސިވިލް ކޯޓުން 2394 މައްސަލައެއް ނިންމައި ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުގައި 1574 މައްސަލަ ނުނިމި ހުއްޓެވެ. އަދި މިދިޔަ އަހަރު އެ ކޯޓަށް އިތުރު 3578 މައްސަލަ ހުށަހެޅުނު އިރު، މިދިޔަ އަހަރު އެ ކޯޓަށް ނިންމިފައިވަނީ 2394 މައްސަލައެވެ.

މީގެ އިތުރުން ސިވިލް ކޯޓުގައި ނުނިމި ބާކީ 2758 މައްސަލައެއް ހުރި އިރު، އޭގެ ތެރެއިން 678 މައްސަލައަކީ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަ ކަމަށްވެސް ތަފާސްހިސާބުގައިވެއެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނަށް 1996 މައްސަލަ ހުށަހެޅުނު އިރު، އޭގެ ތެރެއިން 1377 މައްސަލައެއް ވަނީ މިދިޔަ އަހަރު ނިންމައިފައެވެ. އެއީ މައްސަލަތަކުގެ 59.66 ޕަސެންޓެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އެ ކޯޓުން ވަނީ 572 އެގްރީމަންޓާއި 247 ލިޔުން ރަޖިސްޓްރީކޮށްދީފައެވެ. އަދި މިދިޔަ އަަހަރު އެ ކޯޓުން 2908 ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިޔަން ޖެހޭއިރު، ނިންމާފައިވަނީ 2014 ރިޕޯޓެވެ.

މިދިޔަ އަހަރު އެކޯޓަށް ދަރަނީގެ ފައިސާގެ ގޮތުގައި 223،275،207.82 ރުފިޔާ އާއި 57،478،587.34 ޑޮލަރާއި 22،000 ޔޫރޯ ބަލައިގެންފައިވާ ކަމަށް ތަފާސްހިސާބުގައިވެއެވެ.

ސިވިލް ކޯޓުން ބުނީ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 678 މައްސަލަ ނިންމުމަށްޓަކައި ހިތްވަރާއެކު މިއަހަރު މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެގޮތުން މިއަހަރު ތިން ފިޔަވައްސަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށާއި އެންމެ ފުރަތަމަ ފިޔަވަހީގައި އަހަރުވެފައިވާ 678 މައްސަލަ ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ތެރޭގައި ހަ މަސްވީ މައްސަލަތަކަށް އަމާޒުކޮށްގެން އެ ލަނޑުދަނޑިއަށް ވާސިލުވުމަށް މަސައްކަތްކުރާނެ ކަމަށާއި ތިންވަނަ ފިޔަވަހީގައި ކޯޓަށް ހުށަހެޅުނު އަދަދަށްވުރެ އިތުރަށް މައްސަލަ ނިންމުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ކޯޓުން ބުންޏެވެ.