ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީންސްޓްރީޓްސް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެއްޖެއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރު ވެގެން ނިމުނު އިރު، އެ ނަތީޖާއާއެކު އަލަށް ފަސްޓް ކުޅެމުން އަންނަ ސަސްއަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ގްރީން އިން މިހާތަނަށް ކުޅުނު ހަތަރު މެޗުން އެޓީމަށް ލިބުނީ ދެ ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފް ފެނުނީ ހަމަލާތައް މަދުކޮށެވެ. ނުރައްކާތެރި ހަމަލާތަކެއް ނުފެނި ދިޔައީ ދެޓީމުގެ ފަރާތުންވެސް ކުޅުނު ޓެކްޓިކަލް ކުޅުމުގެ ސަބަބުންނެވެ. ޑިސިޕްލިން ހިފަހައްޓައިގެން މާ ބޮޑަށް ހުޅުވާނުލައި ދެޓީމުންވެސް ކުޅެން މަސައްކަތް ކުރި އިރު، ފުރަތަމަ 20 މިނެޓް ތެރޭގައި ހަމަލާއެއް ފެނިގެން ދިޔައެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަންނަން ދިޔަ ނަމަވެސް، ސަސްގެ ގޯލްކީޕަރު މަމަތުނޮހޯފް މިރްޒޮހިދް ވަނީ މޮޅު ސޭވްއެއްކޮށް ބޭރުކޮށްލައިފައެވެ.

ދެވަނަ ހާފުގައި ކޮންމެވެސް ވަރަކަށް މެޗު ހުޅުވިގެން ދިޔައެވެ. 60 ވަނަ މިނެޓުގައި ސަސްގެ ރޮޑްރިގޭޒް މުނޯޒް ވިކްޓާ ފޮނުވާލި ބާރު ޝޮޓެއް ގްރީންގެ ގޯލްކީޕަރު ސާގިބް ހަނީފް މަތަކުރި އިރު، މިނެޓެއް ފަހުން ގްރީންގެ މުހައްމަދު މުސްލިހް ފޮނުވާލަން އުޅުނު ހަމަލާ ނުރައްކާ ވިޔަ ނުދީ ސަލާމަތްކުރީ ސަސްގެ ގޯލްކީޕަރެވެ.

މެޗުގެ ފަހުކޮޅު ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ)ގެ ދެ ހަމަލާއެއް ފާހަގަވިއެވެ. ފުރަތަމަ ހަމަލާ ހިލޭ ޖެހުމަކުން ފެނުނު އިރު، ބެންޖޯގެ ހިލޭ ޖެހުން މަތަކުރީ ގޯލްކީޕަރެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން މުހައްމަދު ރަޝީދު (ހޮކޭ) ނެގި ހިލޭ ޖެހުމެއް ބެންޖޯ ބޮލުން ޖެހުމުން ވެސް މަތަކުރީ ގޯލްކީޕަރު ސާގިބް ހަނީފެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ އޮންނަ މެޗުގައި މާޒިޔާ އިން ނުކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.