ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމަށް ހެވީ ވެހިކަލް އޮޕަރޭޓް ކުރުމުގެ ތަމްރީން ޕްރޮގްރާމެއް އެމްޓީސީސީން ތައާރަފުކޮށްފިއެވެ.
"ހުނަވަރު"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެ އެވެ. ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ލިބޭނެ އެވެ.
ހުނަވަރު ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ ޕްރޮގްރާމުގެ ބޭނުމަކީ އެ ކުންފުނީގައި ހެވީ ވެހިކަލް އޮޕަރޭޓް ކުރަން ތިބި ހުރިހާ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ދިވެހިންނަށް އެ ފުރުސަތު ހޯދައިދިނުމެވެ. އާޒިމް ވަނީ އިންޖިނިއަރިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުން ޕޮރޮގްރާމްގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
"މިފަދަ މަސައްކަތްތަކަކީ ފަސޭހައިން ދަސްވެ ފުދޭވަރެއްގެ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް. އެގޮތުން މި ދާއިރާއިން ތަމްރީނު ލިބިގެން ވަޒީފާގެ މާހައުލަށް ނުކުންނަ މީހުންނަށް މަހަކު 12،000 ރުފިޔާއާއި 20،000 އާ ދެމެދުގެ މުސާރައެއް އެބަ ލިބޭ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، އިންޖިނިއަރިންއާ ގުޅޭ މަސައްކަތްތަކުގައި އެކުންފުނީގައި 130 ބިދޭސީން އުޅޭ ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، އެ ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަކީ ހީވާގި، މަސައްކަތަށް ފަރުވާތެރި ބަޔަކަށް ހެދުމަށް އިސްކަންދޭނެ ކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ ޒުވާނުންނަށް ހަމައެކަނި ވަޒީފާއެއް ހޯދައިދިނުން ނޫން ކަމަށާއި އެކުންފުނީގެ އަމާޒަކީ ޒުވާނުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ އަހުލާގު ރަނގަޅު ބަޔަކަށް ހެދުން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
ހުނަވަރު ޕްރޮގްރާމް ފެށުމުގެ ގޮތުން ފުވައްމުލަކާއި އައްޑޫގައި އޯޕަން ޑޭއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުވައްމުލަކުގައި މިމަހުގެ ނުވަވަނަ ދުވަހު އޯޕަން ޑޭ ބާއްވާ އިރު، އައްޑޫގައި ބާއްވާނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީއާއި މާލޭގައި ވެސް އޯޕަން ޑޭ ބާއްވާނެއެވެ. ނަމަވެސް ކުޅުދުއްފުއްޓާއި މާލޭގައި އޯޕަން ޑޭ ބާއްވާނެ ތާރީހެއް އެމްޓީސީސީން ނުބުނެއެވެ.
އެމްޓީސީސީގެ ހިއުމަން ރިސޯސް ހެޑް، ފާތިމަތު ޖަބީން ވިދާޅުވީ، އޯޕަންޑޭގައި ބައިވެރިވާ މީހުންގެ ތެރެއިން މިވަގުތު އެމްޓީސީސީން އިއުލާންކޮށްފައިވާ ވަޒީފާތަކަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ. އެމްޓީސީސީން މިހާރު ވަނީ 30 އަށްވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފައެވެ.
މި ޕްރޮގްރާމުގެ ދަށުން ތަމްރީން ދޭނީ އެމްޓީސީސީގެ ސައިޓުތަކުގައެވެ. އެހެންކަމުން އެކުންފުނީގެ ސައިޓު ހުންނަ ރަށް ނޫން އެހެން ރަށެއްގެ މީހަކު ޕްރޮގްރާމުގައި ބައިވެރިވާ ނަމަ އެމީހެއްގެ ހުރުމާއި ކެއުމުގެ ހަރަދު ވެސް އެމްޓީސީސީން ހަމަޖައްސާނެއެވެ. އެ ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް، ހެވީ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިގެންދާނެއެވެ. އެމްޓީސީސިން ބުނީ ޕްރޮގްރާމްގެ ސެޓްފިކެޓަކީ ލައިސަންސް ހާސިލުކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު