ސާބިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކޮށް، ޔޫރަޕްގެ އިތުރުން އޭޝިއާގެ ތަޖުރިބާ ވެސް ހުރި ކޯޗު ރިސްޓޯ ވިޑަކޮވިޗް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.
މާޒިޔާއިން އެންމެފަހުން ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު އޭރު ކޯޗުގެ މަގާމުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) އެ މަގާމުން ދުރަށް ޖެހިލިއެވެ. ވަގުތީ ގޮތުން ކޯޗުކަން ހަވާލު ކޮށްފައިވަނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)އާއެވެ. މިރޭ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް އިރުޝާދު ދޭނީ ކޮއްކޮއެވެ.
އޭއެފްސީ ކަޕްގައި ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރާ މާޒިޔާގެ ކޯޗަކަށް މިދިޔަ ސީޒަނުގައިވެސް ހުރީ ބިދޭސީ ކޯޗެކެވެ. އެ ކްލަބުގައި ދެފަހަރެއްގެ މަތިން ކާމިޔާބު މަސައްކަތްތަކެއް ކުރި މަރުޖާން ސެކުލޮވްސްކީ މިދިޔަ ސީޒަނަށްފަހު ޓީމުން ދިޔައީ އެއްބަސްވުން ހަމަވެގެންނެވެ. ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބު މާޒިޔާއިން މިދިޔަ ސީޒަނަށްފަހު ނިޒާމްބެއާއެކު ޕްރީ ސީޒަނުގައިވެސް މަސައްކަތްތަކެއް ކުރި އިރު، ނިޒާމްބެ އިސްތިއުފާ ދިނީ ކުރެވުނު މަސައްކަތުން ނަތީޖާ ނުނެރެވުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
މާޒިޔާއާ ހަވާލުވި ރިސްޓޯއަކީ ތަޖުރިބާކާރު ކޯޗެކެވެ. ސާބިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމު އަދާކުރި ރިސްޓޯ ވަނީ މިހާރު ސްޕެނިޝް ލަލީގާގައި ކުޅެމުންދާ ކާޑިޒްގެ ކޯޗުކަން 2010 ވަނަ އަހަރުކޮށްފައެވެ. އޭގެ ފަހުން ސްޕެއިންގެ އެކި ޑިވިޝަންތަކުގައި ކޯޗުކަން ކުރުމަށްފަހު ރިސްޓޯ މިސްރާބު ޖަހާފައިވަނީ އޭޝިއާއަށެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން އޭނާ ކޯޗުކަން ކޮށްދިނީ ފިލިޕީންސްގެ ޗެމްޕިއަން ސެރެސްއަށެވެ.
ސެރެސްއާއެކު ޖެހިޖެހިގެން ތިން ފަހަރަށް ފިލިޕީންސް ލީގު ނަގައި، އޭނާ ވަނީ އޭއެފްސީ ކަޕުގައިވެސް ތަފާތު ދައްކައިފައެވެ. ރިސްޓޯއާއެކު 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ސެރެސްއިން މެލޭޝިއާގެ ވަރުގަދަ ޖޮހޯރް ބަލިކޮށް އާސިއާން ޒޯންގެ ޗެމްޕިއަންކަން ހޯދިއެވެ. އެފަހަރު އިންޓަ ޒޯން ސެމީ ފައިނަލުން ސެރެސް ބަލިވީ ތަޖިކިސްތާންގެ އިސްތިގްލާލް އަތުންނެވެ.
ޖެހިގެން އައި އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިން ބުރުގައި ސެރެސް ގޮވައިގެން ވިޑަކޮވިޗް ވަނީ ވާދަކޮށްފައެވެ. މިއީ އެ ކްލަބުގެ ތާރީހުގައި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ނުކުތް ފުރަތަމަ ފަހަރެވެ. ކޮލިފައިން ފުރަތަމަ ބުރުގައި އޮސްޓްރޭލިއާގެ ބްރިސްބޭން ރޯ އަތުން މޮޅުވި ނަމަވެސް ދެވަނަ ބުރުގައި ޗައިނާގެ ޓިއާންޖިން އަތުން ބަލިވެ ކެޓީއެވެ.
ރިސްޓޯ ކުޅުންތެރިއެއްގެ ގޮތުގައި ޔޫގޯސްލާވިއާގެ ގައުމީ ޓީމަށް ކުޅުމުގެ އިތުރުން ސްޕެނިޝް ލަލީގާގެ ރެއާލް ބެޓިސްއަށް ގިނަ މެޗުތަކެއް ކުޅެފައިވެއެވެ. އޭގެ އިތުރުން އޮސަސޫނާއާއި ސާބިއާގެ ކްލަބުތަކަށްވެސް ރިސްޓޯ ކުޅެފައިވާ އިރު، އޭނާއަކީ ކުޅުނުއިރު ޑިފެންޑަރެކެވެ.
އޭޝިއާގެ ތަޖުރިބާ ބޮޑު ކޯޗަކާއެކު މާޒިޔާއިން ސީޒަނަށް ނުކުންނަ އިރު، އެޓީމުން ޓާގެޓް ހިފާފައިވަނީ ޑޮމެސްޓިކް ހުރިހާ ތައްޓެއް ކާމިޔާބު ކުރުމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު