ފުލުހުންގެ ވަޒީފާ އިން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމާ ގުޅިގެން، އޭނާ ކޮށްދެއްވި ހިދުމަތްތަކަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޝުކުރު އަދާކުރެއްވުމުން ސަރުކާރު ހިންގާ މައި ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެންބަރުން ފާޑު ވިދާޅުވެއްޖެ އެވެ.

ފައިރޫޝް ފުލުހުންގެ ވަޒީފާގައި 20 އަހަރު ދުވަހު ހިދުމަތްކުރެއްވުމަށްފަހު ރިޓަޔާ ކުރެއްވީ އިއްޔެ އެވެ. އޭނާ ރިޓާޔާ ކުރެއްވުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ހިދުމަތުގައި އޭނާ ކޮށްދެއްވި އަގުހުރި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ފައިރޫޝް ރިޓަޔާ ކުރެއްވުމުން އޭނާ އަށް ސީޕީ ހަމީދު ޝުކުރު އަދާ ކުރައްވަން ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި ފައިރޫޝަށް ރިޓަޔާ ވާން ފުރުސަތު ދިނުމުން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން، ރައީސް ނަޝީދު ވަނީ ފައިރޫޝް ބަޣާވާތް ކުރިކުރުމަށް ސީޕީ ހަމީދު ޝުކުރު އަދާކުރެއްވިންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އެހެން މެންބަރުން ވިދާޅުވަމުން ގެންދިޔައީ ފައިރޫޝް، ފުލުހުންގެ ވަޒީފާއިން ރިޓަޔާ ކުރެއްވި އިރުވެސް ފެބްރުއަރީ ހަތަކަށް އިންސާފް ނުލިބޭ ކަމަށެވެ.

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވެސް ވަނީ ސީޕީ ހަމީދު ފައިރޫޝްއަށް ޝުކުރު ދެންނެވުމުން "ވަރަށް ލަދުވެތި" ކަމަށް ވިދާޅުވެ ޓުވީޓު ކުރައްވައިފަ އެވެ. އަދި ސީޕީ ހަމީދު ފައިރޫޝްއަށް ތައުރީފު ކުރެއްވުމުން ދޭހަވަނީ ފެބުރުއަރީ ހަތެއް އަކީ ބަޣާވާތެއް ނޫން ކަމެވެ. ނަަމަވެސް އެއީ ރައްޔިތުންނަށް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުން މިގޮތަށް ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު ފައިރޫޝް ބަޣާވާތް ކުރެއްވި ކަމުގެ ތުހުމަތުގަ އެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ހިންގި ހަރަކާތްތަކުގައި އޭސީޕީ ފައިރޫޝް ވަނީ ފުލުހުންގެ ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރި ވެވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.