ރޭ އާސެނަލްއިން ވެސްޓް ބްރޮމްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެޓީމުން ޕްރިމިއާ ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުންވެސް މޮޅެއް ހޯދައިފިއެވެ.

ދަށް ފޯމެއްގައި ސީޒަން ފެށި އާސެނަލްއިން އެންމެފަހުން ކުޅުނު ތިން މެޗުންވެސް މޮޅުވެ، ފޯމް އަނބުރާލާފައިވާއިރު، ރޭ ސްނޯގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 17 މެޗުން 23 ޕޮއިންޓް ހޯދާފައިވާއިރު، އެޓީމުގެ ކޯޗު މިކެލް އާޓެޓާ މެޗަށްފަހު ބުނެފައި ވަނީ ހުރިހާ ކަމެއްވެސް މިހާރު އަންނަނީ ރަނގަޅު މިސްރާބަށް ކަމަށާއި، ޓީމުގެ ފޯމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މެޗުގައި އާސެނަލްގެ ޑިފެންޑަރު ކިއެން ޓީނީގެ ހިތްގައިމު ސޯލޯ ގޯލެއް ފެނިގެންދިޔައިރު، ބުކަޔޮ ސަކާގެ ރަނގަޅު ނިންމާލުމަކާއެކު އާސެނަލްއިން ހާފް ނިންމާލީ 2-0ގެ ނަތީޖާއަކުންނެވެ. ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ އާސެނަލްއިން ދެވަނަ ހާފަށް ނުކުމެވެސް ދެ ގޯލް ޖެހިއެވެ.

އެލެކްސެންޑްރާ ލަކަޒެޓާއި އެމިލް ސްމިތު ރޯއީގެ ގޯލްތަކުން އާސެނަލް ސްކޯގެ ފަރަގު ބޮޑުކުރިއިރު، އާސެނަލްއިން އެންމެފަހުން ކުޅުނު ތިން މެޗުން މޮޅުވީ އޭގެ ކުރިން ހަތް މެޗުން މޮޅެއް ނުހޯދި އޮތުމަށްފަހުއެވެ.