ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް) އެކެޑެމީގެ 11 އަހަރުން ދަށުގެ ޓީމާއި ގދ. ފަރެސްމާތޮޑާގެ 11 އަހަރުން ދަށުގެ ޓީމާ ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ގދ. ފިޔޯރީގައި ބާއްވައިފިއެވެ.
ފޭސް އެކެޑެމީ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި އެ އެކެޑެމީން އިންތިޒާމުކޮށްގެން ފިޔޯރީ ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު އެ މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފަރެސްމާތޮޑާ ޓީމެވެ.
ޖުމްލަގޮތެއްގައި ދެ ޓީމުގެ ފަރާތުންވެސް ބަލާހިތްވާ ފަދަ ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗު ބެލުމަށް ފިޔޯރީ ރައްޔިތުންނާއި ފިޔޯރީ ކައުންސިލް މެންބަރުންނާއި ފަރެސްމާތޮޑާ ކައުންސިލުގެ ބައެއް މެންބަރުން އަދި އެރަށުގެ ބައެއް ރައްޔިތުންވެސް ފިޔޯރީއަށް ގޮސްފައިވެއެވެ. ގޯލަށް އަމާޒުކޮށް ދެ ޓީމުގެ ކުޅުންތެރިންވެސް މެޗުގައި ގިނަ ހަމާލާތަކެއް އުފެއްދިއެވެ.
މެޗުގައި ގޯލެއް ޖެހުމަށް ފަރެސްމާތޮޑާ ޓީމަށް ޕެނަލްޓީގެ ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ފޭސް އެކެޑެމީ ޓީމުގެ ގޯލްކީޕަރު މާހިލް މަމްދޫހް ވަނީ ހުޝިޔާރުކަމާއެކު އެ ޕެނަލްޓީ މަތަކޮށްފައެވެ. އެފްއޭއެމްގެ ރެފްރީން ރެފްރީކަންކުރި އެ މެޗުން ފަރެސްމާތޮޑާ މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ.
ފޭސް ޖަމިއްޔާއިން ހިންގާ އެކެޑެމީ އަކީ ޕްރޮފެޝަނަލް ޒުވާން ކުޅުންތެރިން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެކެޑެމީއެކެވެ. އެގޮތުން އޭއެފްސީ ސީ ލައިންސަންސް ކޯޗެއްގެ އެހީގައި ފިޔޯރީގައި 9 އަހަރުން ދަށުގެ އަދި 11 އަހަރުން ދަށުގެ 30 ކުދިންގެ ޓީމެއް ވެސް އަންނަނީ ތަމްރީނު ކުރަމުންނެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުހައްމަދު ވިދާޅުވީ ގަވާއިދުން ހިންގަމުން އަންނަ އެ ތަމްރީނުތަކަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
ފޭސް ޖަމިއްޔާއަކީ ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް ގިނަ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ދީލަތި ފަރާތެއްގެ އެހީތެރިކަމާއެކު އެ ޖަމިއްޔާއިން ވަނީ މިސްކިތެއް އިމާރާތްކޮށް އެ މިސްކިތް ބަލަހައްޓަމުންނެވެ. އަދި ރާއްޖޭގެ މަޝްހޫރު ގުރުއާން އިންސްޓިޓިއުޓްތަކާ ގުޅިގެން ކީރިތި ގުރުއާން ކިޔަވައިދިނުމާއި ގާރީ ކޯހުގެ އެކި ލެވެލްތައް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ. ހަމަ އެއާއެކު ފިޔޯރީގެ ބަނދަރު ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއްގެ މަސައްކަތްވެސް އެ ޖަމިއްޔާއިން އަންނަނީ ކުރަމުންނެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ