(31 ޑިސެމްބަރުގެ އަދަދާ ގުލޭ)
ފާރަވެރީން سعد ކޮއްޕައިގަންނަވައި ބޭރަށް ނެރެފިއެވެ. ވަރަށް ވަރުގަދަ ދެމީހެއް އޭނާގެ ދެމުލައްދަނޑިފުޅުގައި ހިފަހައްޓައިގެން ތިއްބެވެ. ދެންތިބި މީހުން އޭނާގެ ބުރަކަށިފުޅުގައި އަތްއަޅައި ކޮއްޕަނީއެވެ. ކަނޑިތަކާއި ލޮންސިތައް ހިފައިގެންތިބި ސިފައިންގެ އެތައްބަޔެއް ގަނޑުވަރުގެ އެކިދިމަދިމާއިން އޭނާގެ ވަށައިގެން ޖަމާވަމުން ދިޔައެވެ. ބޭރުފުށުން ފެންނަ ގޮތުގައި سعد ގެ ޖޯޝާއި ފޯރި ކުޑަވެއްޖެއެވެ. މިހާރު އޭނާ ފާރަވެރީންނަށް ގަދަދެއްކެވުމުގެ ބަދަލުގައި މަޑުމައިތިރިކަމާއި، ހިމޭންކަމާއެކު އެބައިމީހުންނާ އެކުގައި ވަޑައިގަންނަވަނީއެވެ.
ގަނޑުވަރުން ބޭރަށް ނުކުންނަން ހުންނަ އެންމެ ފުރަތަމަ ދޮރޯއްޓާ ތިރީހަކަށް ފިޔަވަޅު ދުރުން ވަރަށް ބާރުލައްވައިފައި އޭނާގެ ދެއަތްޕުޅު ފޮޅުވައިލެއްވިއެވެ. އޭނާގެ ދެމުލައްދަނޑިފުޅުގައި ހިފަހައްޓައިގެންތިބި ދެމީހުން ތިބީ ބިންމަތީގައި އުއްޑުން ޖެހިފައެވެ. ދެންތިބި ސިފައިންގެ ލޮންސިތަކާއި ކަނޑިތައް އޭނާއާ ހަމަޔަށް ފޯރުމުގެ ކުރީން އޭނާ ފުންމައިވަޑައިގެން މާދުރަށް ޖެހިވަޑައިގެންފައި ބާރަށް ދުވެވަޑައިގަންނަވާން ފަށްޓަވައިފިއެވެ. ސިފައިންވެސް ހަޅޭއްލަވަމުން އޭނާގެ ފަހަތްޕުޅުން ދުއްވައިގެންފިއެވެ. ދޮރޯށިތެރެއަށް ވެދެވަޑައިގަތުމާއެކު ލޮންސި ހިފައިގެންތިބި ސިފައިންގެ ދެމީހުން އޭނާއަށް ފެނިވަޑައިގެންފިއެވެ. އެސްފިޔަ ޖަހައިލާހައި އިރުކޮޅަކު މަޑުކޮށްލެއްވި ކަމުގައިވިޔަސް އޭނާގެ ފަހަތްޕުޅުން އަންނަ ސިފައިންގެ ކަނޑިތަކާއި ލޮންސިތަކުން އޭނާގެ ހަށިކޮޅު ހަލަންޏަކަށް ހަދައިލެވިދާނެއެވެ. އެވަގުތު ދޮރޯށި ތެރޭގައިހުރި ދަންމަރެއްގެ އަލީގައި އޭނާއަށް ކަނާތްފަރާތުގައިހުރި ސިޑިޔެއް ފެނިވަޑައިގެންފިއެވެ. އޭނާ މަޑުކޮށްލެއްވުމެއްނެތި އެސިޑީން މައްޗަށް އަރައިވަޑައިގެންފިއެވެ. ވަރަށް އަވަހަށް އޭނާއަށް ފާރުމައްޗަށް އަރައިވަޑައިގެންނެވިއްޖެއެވެ. އެފާރަކީ ވަރަށް ބޯފާރެކެވެ. އަނދިރީގެ ތެރޭގައިވެސް ބައްލަވައިލެއްވުމެއްނެތި ބާރަށް ދުވެވަޑައިގެންނެވޭހައި ފުޅާމިން އެފާރުމަތީގައި ހުއްޓެވެ.
سعد އަށް އޭނާ ސަލާމަތްވެވަޑައިގަތުމުގެ އެކަށޭނަކަންއޮތީ ކިހައިވަރަކަށްކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އޭނާއަށް އެނގިވަޑައިގަންނަވާހައިވެސް ވަރަކީ އޭނާއަށް ވަޑައިގެންނެވެނީ ގަނޑުވަރާ ކޯރާ ގުޅޭ ދިމާޔަށް ކަމެވެ. އޭނާގެ ފަހަތްޕުޅުންއައި ސިފައިން ދޮރޯށިތެރޭގައި ހަޅޭލަވާން އިރުކޮޅަކު ތިބުމަށްފަހު ސިޑީން މައްޗަށް އަރާން ފަށައިފިއެވެ. ފާރުމަތިން ލައްވައިފައިވާ ފަންސާހަކަށް ގަޒުގެ ދުރުމިނަށް ދުވެވަޑައިގެންނެވުނުތަނާ ބިންމަތީން އޭނާގެ ކުރިފުޅުމަތިންނާއި ފަހަތްޕުޅުން ކަނާތްޕުޅު ފަރާތުންނާއި ވާތްޕުޅު ފަރާތުން ފާރަވެރީން ހަޅޭއްލަވާ އަޑު އިވިވަޑައިގަންނަވާން ފަށައިފިއެވެ. "އޭނާ އެއޮތްދަނީ! ހިފަހައްޓައި މަރައިލާ. ކަލޭ އެދިމާޔަށްދޭ! ބޭރު ދޮރު ތަޅުލާ!" މިބާވަތުގެ ހަޅޭތަކެވެ. އެވަގުތު سعد އަށް އިޙުސާސް ކުރެއްވުނީ އޭނާގެ ބަރު އަބާއިން ސަލާމަތްވެވަޑައިގަތުމުގެ ބޭނުންތެރިކަމެވެ. سعد އަބާ ބާލުއްވަމުން ގެންދަވަނިކޮށް ކުރިމަތީގައިހުރި ބުރުޒުން ފާރަވެރީންގެ މީހަކު އެއްއަތުން ދަންމަރެއް ހިފައިގެން އަންނާތީ ފެނިވަޑައިގެންފިއެވެ. ފާރަވެރިޔާގެ އަނެއް އަތުގައި ކަނޑިއޮތެވެ. سعد ގެ ފަހަތްޕުޅުން އަންނަ މީހުން ކައިރިވަމުން އަންނަތަން ފެނިވަޑައިގަތުމުން އޭނާ ކުރިޔަށްވުރެވެސް ބާރަށް ދުވެވަޑައިގެންފައި ވަޑައިގެން އޭނާގެ ކުރިފުޅުމަތީން އައި ފާރަވެރިޔާގެ މޫނުމައްޗަށް އަބާ އެއްލަވައިލެއްވިއެވެ. ފާރަވެރިޔާ އޭނާގެ އަތްޕުޅުމައްޗަށް ނަންގަވައިފައި ތިރިޔަށް ވައްޓަވައިލެއްވިއެވެ.
ފާރަވެރިޔާ ވެއްޓިގެންގޮސް ޖެހުނީ ގަހެއްގެ ގޮފިގަނޑެއްގައެވެ. އެ ގޮފިގަނޑު ބިންދައިގެން ދިޔުމާއެކު އުފެދުނު އަޑު އިވިފައި سعد ގެ ފަހަތްޕުޅުންއައި މީހުންތައް ހުއްޓިއްޖެއެވެ. ފާރަވެރީންގެ މީހެއް ހަޅޭއްލަވައިގަތެވެ. "އޭނާ ބަގީޗާ ތެރެއަށް ފުންމައިލައިފި! ހުޝިޔާރުވޭ!"
އޭރު ބުރުޒު ފަސްދެއްވައިފައި سعد އަށް ކުރިޔަށް ވަޑައިގެންނެވިއްޖެއެވެ. ނަމަވެސް އޭނާއަށް ތަންކޮޅެއް ދުރުން ދަންމަރުތަކެއް ހިފައިގެންތިބި ސިފައިންގެ މީހުންތަކެއް ފެނިވަޑައިގެންފިއެވެ. سعد އަނެއްކާ އެނބުރިވަޑައިގަތީ ފަހަތަށެވެ. އޭރު އޭނާގެ ފަހަތްޕުޅުން އައިމީހުން އޭނާގެ ނަސީބުފުޅު ރަނގަޅުކަމުން އެކަކު އަނެކަކަށް އެއްޗެހިގޮވަމުން ބުރުޒުގެ ސިޑީން ފައިބައިގެން ބަގީޗާއާ ދިމާޔަށް ދަނީއެވެ. سعد ވެސް އެބައިމީހުންނެކޭ އެއްގޮތަށް ހަޅޭފުޅުލައްވަމުން އެބައިމީހުންނާ ބައިވެރިވެވަޑައިގެންފިއެވެ. އެ ޖަމާޢަތުގެ މީހުންގެ ތެރެއިން ދަންމަރު ހިފައިގެންތިބި ތިންމީހުން ތިބީ އެންމެ ކުރީގައެވެ. އެހެންކަމުން އެއްވެސް މީހަކަށް سعد އާމެދު ސަމާލުކަން ދޭކަށެއް ނޭނގުނެވެ. ބަގީޗާގެ ތެރެއަށް ވެދެވަޑައިގެންނެވުމުން سعد ގަހެއްގެ ނިވަލުގައި ހުއްޓިވަޑައިގެން އެތާނގެ ކަންތައް ހުރިގޮތާމެދު ވިސްނައިވަޑައިގެންނެވިއެވެ. ފާރަވެރީން ދުވެފައިދަނީ ގަހެއްގެ ގޮފިގަނޑެއް ބިންދައިގެންދިޔަ އަޑު އެބައިމީހުންނަށް އިވުނު ދިމާޔަށެވެ. ފާރަވެރީންގެ އައު ޖަމާޢަތްތައްވެސް ބުރުޒުގެ ސިޑީން ބަގީޗާގެ ތެރެއަށް ފައިބަމުން އެބަދެއެވެ. ގަނޑުވަރުގެ ބޭރުފާރާ ގުޅިފައިހުރި ސިފައިންގެ ޖަގަހަތަކުގައި ތިބި ސިފައިންގެ ތެރެއިންވެސް އެތައްބަޔަކު ދަންމަރުތައް ހިފައިގެން އަންނާތީ ފެނެއެވެ. سعد ވިސްނައިވަޑައިގެންނެވިއެވެ. މާގިނައިރެއްނުވެ އެބައިމީހުން ތިރިޔަށް ވެއްޓުނު ފާރަވެރިޔާ ހޯދައިފާނެއެވެ. އެއަށްފަހު މުޅި ބަގީޗާ ތެރޭގައި އޭނާ ހޯދުމުގެ މަސައްކަތް ހިނގައިގަންނާނެއެވެ. ބޭރު ފާރުމަތީގައިވެސް ދަންމަރު ހިފައިގެންތިބި ސިފައިން ބުރުޖަހާތީ އޭނާއަށް ފެނިވަޑައިގަންނަވާން ފަށައިފިއެވެ. އޭނާ ގަސްގަހުގެ ނިވައި ހޯއްދަވަމުން އެއްފަރާތަކަށް ދުވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. سعد އަކަށް އޭނާއަށް ވަޑައިގެންނެވޭ ދިމާއެއްވެސް އެނގިވަޑައެއް ނުގަންނަވައެވެ. ފާރަވެރީންތައް އިރުކޮޅެއްގެފަހުން އަނެއްކާވެސް މާބޮޑަށް ހަޅޭއްލަވާން ފެށުމުން ތިރިޔަށް ވެއްޓުނު ފާރަވެރިޔާ ހޯދައިގަނެވުނީކަން سعد އަށް ވިސްނިވަޑައިގެންފިއެވެ. އޭރު سعد އަށް ހުންނެވުނީ ގަނޑުވަރުގެ ބޭރު ފާރުކައިރިޔަށް ވަޑައިގެންނެވިފައެވެ. އެފާރުގައި ހުރި ހުރިހާ ދޮރޯށިތަކެއް މިހާރު ހުންނާނީ ބަންދުކޮށްފައިކަން سعد އަށް އެނގިވަޑައިގަންނަވައެވެ. އޭނާއަށް ކޮންމެވެސް ދިމާޔަކުން ފާރުމައްޗަށް އަރައިވަޑައިގެންނެވުނު ކަމުގައިވިޔަސް ސަލާމަތްވެވަޑައިގެންނެވޭނީ ފާރަވެރީންނަށް ސިއްރުން ވާދިލްކަބީރާ ދިމާޔަށް ވަޑައިގެންނެވިގެންނެވެ. އޭނާ ފާރުކައިރިން ލައްވައިފައި ކުރިޔަށް ވަޑައިގެންނެވިއެވެ. ފާރަވެރީންގެ ބަޔަކު ފެނިވަޑައިގެންފިނަމަ ކޮންމެވެސް ގަހަކާ ނިވައިވެވަޑައިގަންނަވަނީއެވެ.
އިރުކޮޅެއްގެފަހުން ދަންމަރު ހިފައިގެންތިބި ފާރަވެރީންގެ އަށެއްކަ މީހުންގެ ޖަމާޢަތެއް ފެނިވަޑައިގެންފިއެވެ. سعد ގަހަކާ ނިވައިވެވަޑައިގަންނަވާން މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އަނެއްފަރާތުންވެސް ފާރަވެރީންގެ ދެމީހަކު ދަންމަރު ހިފައިގެން އަންނާތީ ފެނިވަޑައިގެންފިއެވެ. އެދެމީހުން އަންނަނީ އެގަހާ ދިމާޔަށެވެ. سعد އަވަސްއަވަހަށް އެގަހުގެ ގޮތްޕެއްގައި އެލިވަޑައިގެން ގަހަށް އަރައިވަޑައިގެންފިއެވެ. ސިފައިންގެ މީހުން ހިނގައްޖެއެވެ. ނަމަވެސް سعد އިރުކޮޅެއްވަންދެން އެ ގޮފިމަތީގައި އިންނެވިއެވެ. އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމަށްފަހު އޭނާ މައްޗަށްހުރި ގޮތްޕަށް އަރައިވަޑައިގެންފިއެވެ. ކުއްލިޔަކަށް އޭނާއަށް ފަނޑުފަނޑު އަލިކަމެއް ފެނިވަޑައިގެންފިއެވެ. ގަހުގެ ފަތްތަކުގެ ތެރެއިން ސިއްރުސިއްރުން ބައްލަވައިލެއްވުމުން އޭނާއަށް ފެނިވަޑައިގަތީ ދަންމަރު ހިފައިގެން ފާރުމަތީގައި ބުރުޖަހާ ފާރަވެރީންގެ މީހެކެވެ. އޭނާ ކައިރިޔަށް އައުމުން سعد އަށް އޭނާގެ އިސްތަށިފުޅުމަތީގައި ފާރާ ދިމާޔަށް ދުވެފައިއޮތް ގޮތްޕެއް ފެނިވަޑައިގެންފިއެވެ. ވަރަށް އާދައިގެ މަސައްކަތްޕުޅަކުން سعد އަށް އެގޮތްޕަށް އަރައިވަޑައިގެންނެވިއްޖެއެވެ. ސިފައިންގެ މީހާ ތަންކޮޅެއް ދުރަށް ހިނގައްޖެއެވެ. ފާރާ އެންމެ ކައިރިޔަށް ދުވެފައި އޮތްކަމަކަށް އޭނާއަށް ފެނިވަޑައިގެންނެވި ގޮތްޕަށް މަޑުމަޑުން އަރައިވަޑައިގެންފިއެވެ. ހާރުދަމުގެ ހަނދު ކަޅު ވިލާގަނޑެއްގެ ދަށުން ފާޅުވެއްޖެއެވެ. ފާރާ އިންވެގެންއޮތް ކޯރުގެ ވިދަވިދައި އޮތް ފެންގަނޑު ހަނދުވަރުގެ އަލީގައި سعد އަށް ފެނިވަޑައިގެންފިއެވެ. މިހާރު އޭނާއަށް އިޙުސާސް ކުރެއްވެމުންދަނީ ޤުދުރަތުން އޭނާއަށް އެހީވެދެއްވަމުން ގެންދަވާކަމެވެ. سعد އަރައިވަޑައިގެން އިންނެވި ގޮފީން ފާރުމައްޗަށް ފުންމައިލެއްވިއްޖެނަމަ ކޯރަށް ފުންމައިލައްވައިގެން ސަލާމަތްވެވަޑައިގަތުމަކީ އޭނާއަށް އުނދަގޫފުޅު ކަމަކަށް ނުވާނެއެވެ. ދަންމަރު ހިފައިގެންހުރި ސިފައިންގެ މީހާ އަނެއްކާވެސް ބުރުޖަހަމުން އެހިސާބަށް އަތުވެއްޖެއެވެ. سعد އެގޮފީގެ ކުރިޔަށް ހިސާބަކަށް ޖެހިވަޑައިގަތުމުން ދަންމަރުގެ އަލީގައި އޭނާއަށް އެނގިވަޑައިގެންނެވީ އޭނާ އިންނެވި ގޮފި އޮތީ ފާރަށްވުރެ ގާތްގަނޑަކަށް މީހެއްގެ ދެ އިސްކޮޅެއްހައި މަތީގައިކަމެވެ. އެގޮފީން ފަޅައިފައިހުރި އެހެން ގޮތްޕަކަށް ވަޑައިގަތުމުން އޭނާއަށް ފާރުގެ ސީދާ މެދަށް ވަޑައިގެންނެވޭނެއެވެ. އެ ގޮފީގައި އެލިވަޑައިގެން ފާރުމައްޗަށް ފައިބައިވަޑައިގަތުން އުނދަގޫފުޅެއް ނުވާނެއެވެ. ދަންމަރު ހިފައިގެންހުރި ސިފައިންގެ މީހާ ކުރިޔަށްގޮސް ތީރުވެރީންގެ ދެމީހަކާ ވާހަކަ ދައްކާން ފަށައިފިއެވެ.
سعد ގޮފީގައި އެލިވަޑައިގެން ފާރާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ގޮފި މަޑުމަޑުން ލެނބޭން ފަށައިފިއެވެ. ކުއްލިޔަކަށް ރާންލައިފައި ގޮފި ވީދައިގެން ހިނގައްޖެއެވެ. ގޮތްޕާއެކު سعد ވެސް ފާރުމައްޗަށް ތިރިވާން ފަށައިފިއެވެ. ހަމަ އެވަގުތު ތީރުވެރީންގެ ދުނިދަނޑިތަކުން ފަތުއަޑު ކިޔައިފައި ތީރުތައް ނުކުންނާން ފަށައިފިއެވެ. سعد އެއްވެސް ޖެހިލުންވެވަޑައިގަތުމެއްނެތި ދިހަވަރަކަށް ގަޒުގެ އުސްމިނުން ކޯރަށް ފުންމައިލައްވައިފިއެވެ. އެވަގުތު ތީރުވެރިޔަކު ދޫކުރި ދުންޏެއް އައިސް އޭނާގެ ކުޑަކަޅުވާމަހަށް ހެރިއްޖެއެވެ. ނަމަވެސް ތިންހަތަރު ފަހަރަކު ފީނައިވަޑައިގަންނަވާއިރަށް އޭނާއަށް ފާރުމަތީގައި ތިބި ދުނިދަނޑިވެރީންގެ ދުނިތަކުގެ ނުރައްކަލުން ސަލާމަތްވެވަޑައިގެންނެވިއްޖެއެވެ. ފާރަވެރީން އެކަކު އަނެކަކަށް ގޮވައި ސަމާލުވާން އަންގާން ފަށައިފިއެވެ. މާގިނައިރެއް ނުވަނީސް ގަނޑުވަރުގެ ފާރަވެރީންގެ އިތުރަށް ފުލުހުންނާއި ސިފައިންގެ އެތައްބަޔަކުވެސް ކޯރުގެ އައްސޭރިޔަށް ޖަމާވާނެކަން ވިސްނައިވަޑައިގަތުމަކީ سعد އަށް އުނދަގޫފުޅު ކަމަކަށް ނުވެއެވެ. އެހެންކަމުން އޭނާ ކޯރުގެ އޮއިވަރާ އެއްކޮޅަށް ވަރަށް ބާރަށް ފައްތަވާން ފަށްޓަވައިފިއެވެ. ގަނޑުވަރުގެ ފާރު ނިމުމުން ކޯރުގެ އައްސޭރީން ދެން ފެށެނީ އިޝްބީލިއްޔާގެ ފިކުރެއް ޚިޔާލެއްނެތް މީހުންތައް ހެނދުނާއި ހަވީރު ވައިޖައްސައިލައި އުފާކޮށްލަން އަންނަ ބަގީޗާގެ ސިލްސިލާއެވެ. سعد ކޯރުގެ އައްސޭރިޔަށް ވަޑައިގެން އެއްގަމަށް އަރައިވަޑައިގެން ބަގީޗާއަކަށް ވެދެވަޑައިގެންފިއެވެ. އެހައިތަނުން އޭނާގެ ފައިންޕުޅުގައިހުރި ޒަޚަމުގެ ދިލައާއި ތަދު އިޙުސާސްވެ ވަޑައިގަންނަވާން ފަށައިފިއެވެ. سعد ކުއްލިޔަކަށް ހުއްޓިވަޑައިގެން އެއް އަތްޕުޅުން ދުނި ލުއްސަވައިލައްވައިފައި އެއްލަވައިލައްވައިފިއެވެ. އެއަށްފަހު އޭނާގެ ގައިކޮޅުގައިހުރި ހުރިހައި ބާރެއް ލައްވައިފައި ދުވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. މިހާރު އޭނާއަށް ބަގީޗާގެ ސިލްސިލާ ހުރަސްކުރައްވައިފައި ހާމަ މައިދާނަކަށް ވަޑައިގެންނެވިއްޖެއެވެ. އެ މައިދާނުގެ ތެރޭގައިވެސް ބަގީޗާތަކަށް ފެންދޭ ކުޑަކުޑަ އާރެއް އޮތެވެ. سعد ވަޑައިގެންނެވީ އެ އާރުގެ ކައިރީންނެވެ. ކުއްލިޔަކަށް އޭނާއަށް އިވިވަޑައިގެންނެވީ އަސްތަކެއް ކަޑަބޮއްޖަހައިފައި އަންނަ އަޑެވެ. އޭނާ އަވަސްއަވަހަށް އެއާރަށް ފުންމައިލައްވައިފައި ކަކޫތާ ފެނުގެ ތެރޭގައި ބަންޑުން އޮށޯވެވަޑައިގެންފިއެވެ. ފަނަރަ ވަރަކަށް ސަވާރުން އެދިމާއިން ކޯރުގެ އައްސޭރިޔަށް އައިސް މަޑުކޮށްލައިފިއެވެ. ސަވާރުންކުރެ އެކަކު އޭނާގެ އެކުވެރީންގެ ގާތުގައި ބުނާ އަޑު އިވުނެވެ. "އޭނާ މިފަރާތަށް އައިކަމުގައިވާނަމަ އޭނާ ކޮންމެވެސް ބަގީޗާއެއްގައި ފިލައި އިންނާނެ. ފައިމަތީ ހަނގުރާމަކުރާ ސިފައިން އަންނަންދެން ތިޔަބައިމީހުން މިފަރާތަށް ސަމާލުކަންދޭތި. ފަސްމީހުން އަހަންނާ އެކުގައި އާދޭ. އަހަރެމެން ކޯރުގެ އައްސޭރީގައި ފޯރިމަރާނަން. އޭނާ ކޮންމެވެސް ބައްތެއްޔަކަށް އަރައި ފިލައި އިނުމަކީވެސް އެކަށީގެންވާ ކަމެއް."
سعد އެއްވެސް ޙަރަކާތެއް ނުކުރައްވައި އާރުގެ ތެރޭގައި ހިމޭނުން އޮންނެވިއެވެ. ސަވާރުންގެ ބަޔަކު އެހިސާބުގަނޑުގައި ބުރުޖަހަން ފަށައިފިއެވެ. سعد ގެ ކުޑަކަޅުވާއަށް ހެރުނުތީރު ހެރިފައިހުރީ ވަރަށް ފުނަށެވެ. އޭނާގެ ހަށިކޮޅުން ވަނީ ވަރަށްގިނަ ލޭ އޮހޮރިފައެވެ. އޭނާގެ މުޅި ހަށިކޮޅުން ވާގި ދޫވާހެން ހީފުޅުވާން ފަށައިފިއެވެ. ފައިމަތީ ހަނގުރާމަކުރާ ފާޖެއް މިފަރާތަށް އަތުވެއްޖެނަމަ އޭނާއަށް ސަލާމަތްވެވަޑައިގެންނެވުމުގެ އެކަށޭނަކަން ވަރަށް ކުޑަވާނޭކަން އިޙުސާސްވެވަޑައިގަންނަވާންވެސް ފަށައިފިއެވެ.
ބަގީޗާއަކާ ދިމާއިން ކުއްލިޔަކަށް މީހުންތަކެއް ހަޅޭއްލަވާ އަޑު އިވޭންފަށައިފިއެވެ. އާރުގެ ކައިރީގައި ބުރުޖަހާ ސަވާރުންކުރެ އެކަކު ބުންޏެވެ. "އެވާނީ އޭނާ އެބަގީޗާއަށް ވަނީކަމަށް. އަހަންނަށް ހީވަނީ އަހަރެމެންވެސް މިހިސާބުގަނޑު ދޫކޮށްލައިފައި ބަގީޗާތަކާވީދިމާ ބަލަހައްޓާންވީހެން." ސަވާރުންތައް އަސް ދުއްވައިފައި ކުރިޔަށް ހިނގައްޖެއެވެ. سعد ގެ ހިތްޕުޅުގައި އަނެއްކާވެސް އުންމީދުގެ ހޫނުކަން އުފެދޭން ފަށައިފިއެވެ. އޭނާ އިރުކޮޅެއްވަންދެން އަތްފައިންޕުޅުގެ އެހީގައި ކޯރުގެ ތެރޭގައި ހިންގެވިއެވެ. އަނެއްކާވެސް އެއްގަމަށް އަރައިވަޑައިގެން ދުވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެމައިދާން ހުރަސްކުރެއްވުމަށްފަހު ޖެހިގެންއޮތީ ރަށުގެ މުއްސަނދީންނާއި ސަރުކާރު ދަރަޖަވެރީންގެ ގެކޮޅުތައް ހުންނަ އަވަށެވެ. سعد ހަނި ގޯޅިޔަކަށް ވެދެވަޑައިގެން އެގޯޅި ހުރަސްކުރައްވައިފައި ފުޅާ މަގަކަށް ނުކުމެވަޑައިގެންފިއެވެ. އޭނާ އަނބުރައިލެއްވީ ކޯރާވީ ދިމާޔަށެވެ. ކުއްލިޔަކަށް މިސްކިތެއް ފެނިވަޑައިގެންނެވުމުން އޭނާގެ މަންޒިލް މާދުރެއް ނޫންކަން سعد އަށް ވިސްނިވަޑައިގެންފިއެވެ. އެކަމަކު މިސްކިތުން ފެށިގެން إدريـس ގެ ގެޔާ ދެމެދުވެސް ސަތޭކަ ފަންސާހަކަށް ގަޒު ހުންނާނެއެވެ. ފައިންޕުޅު ނަންގަވައި ފައިންޕުޅު އަޅުއްވާންވެސް މިހާރު އޭނާއަށް އުނދަގޫފުޅެވެ. އޭނާގެ މޫނުފުޅުމައްޗަށް އަނދިރިވަނީއެވެ. އާދައިގެ ހިންގެވުމެއްގައި ސަތޭކަވަރަކަށް ގަޒުގެ ދުރުމިނަށް ވަޑައިގެންނެވުނުތަނާ އޭނާގެ ފަހަތްޕުޅުން ބަޔަކު އަންނަ އަޑު އިވިވަޑައިގެންފިއެވެ. سعد ހަނދުވަރުގެ އަލީގެ ތެރެއިން ނެއްޓިވަޑައިގެންނެވުމަށްޓަކައި ހިންގަވަމުން ވަޑައިގެންނެވީ ފާރުކައިރީންނެވެ. އިމާރާތްތަކުގެ ހިޔަނީގެ ތެރެއިންނެވެ. އިޚުތިޔާރަކާނުލައި އޭނާގެ ހިންގެވުން ބާރުވާން ފަށައިފިއެވެ. ވަރަށް ބޮޑު ގަހެއްގެ ކައިރިޔަށް ވަޑައިގެން އޭނާ ހުއްޓިވަޑައިގެންފިއެވެ. އެއީ إدريـس ގެ ގޭގެ ފާހަގައެވެ. އޭނާއަށް ލަފާކުރެއްވުނީ އޭނާގެ ހަނދުމަފުޅަށްވުރެ ބޮޑަށް ޤުދުރަތުގެ ޣައިބީ ބާރަކުން އޭނާއަށް މަގުދައްކަވާ ކަމުގައެވެ. އޭނާގެ ފަހަތްޕުޅުން އަންނަ ފާރަވެރީން ވަރަށް ކައިރިޔަށް އަތުވެއްޖެއެވެ. سعد ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އެއީ ހަތަރު މީހުންނެވެ. إدريـس ގެ ގޭގެ ދޮރޯށިހުރީ ދިމާކުރިމަތީގައެވެ. ނަމަވެސް سعد އަށް އެދިމާއިން ސީދާމަގު ހުރަސްކުރެއްވޭކަށެއް ނެތެވެ. ހަމައެއާއެކު އޭނާގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. ދޮރޯށި އެތެރެއިން ތަޅުލައިފައި ހުރެއްޖެނަމަ އޭނާއަށް ސަލާމަތްވެވަޑައިގެންނެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. ފާރަވެރީން ވަރަށް ކައިރިއަށް އަތުވެއްޖެއެވެ. سعد ފާރުކައިރީން ލައްވައިފައި ތަންކޮޅެއް ފަހަތަށް ޖެހިވަޑައިގެން ހަނިގޯޅިޔެއްގެ ތެރެއަށް ވެދެވަޑައިގެންފިއެވެ. އެގޯޅީން އޭނާއަށް ނުކުމެވަޑައިގެންނެވުނީ ގޭގެ އަނެއްފަރާތުގައި އޮތް ތަންކޮޅެއް ފުޅާ ގޯޅިޔެއްގެ ތެރެޔަށެވެ.
* * * * * * * * * * *
ميـمــونـة ކޮޓަރީން ބޭރަށް ނުކުމެވަޑައިގެންނެވީ އޭނާގެ އާދަފުޅުގެމަތީން ތަޙައްޖުދު ނަމާދަށް ވުޟޫކުރެއްވުމަށްޓަކައެވެ. މަގާވީފަރާތުން ބަޔަކު ވާހަކަދައްކާ އަޑު އިވިވަޑައިގެންނެވުމުން އޭނާ އެބައިމީހުންގެ ވާހަކަތައް އަޑުއައްސަވަން އިރުކޮޅަކު މަޑުކޮށްލެއްވިއެވެ. ކޮންމެވެސް މީހަކު ބުނިއަޑު އިވިވަޑައިގެންނެވިއެވެ. "އަޚާ! އެއީ އިންސާނެއް ނޫން. އެއީ ރޫޙެއް. އޭނާ ގަނޑުވަރުގެ ކޮންމެވެސް ތަނެއްގައި އަދިވެސް ފިލައިހުރުމަކީ އަޖައިބުވާންޖެހޭކަމެއް ނޫން."
އަނެކަކު ބުނާއަޑު އިވިވަޑައިގެންނެވިއެވެ. "އެކަމަކު ފުލުހުން ބުނާތީ އަހަރެންގެ ދެކަންފަތުން އަޑުއެހިން. އޭނާ ގަނޑުވަރުގެ ބޭރުފާރުމަތީން ކޯރަށް ފުންމައިލައިފިޔޭ."
ތިންވަނަ މީހާ ބުންޏެވެ. "އަހަންނަށް ހީވަނީ އަހަރެމެން އެނބުރިދިޔުމުގެ ބަދަލުގައި ކޯރުގެ އައްސޭރީން ބަގީޗާތަކާ ދިމާޔަށް ދާންވީހެން__!"
"އެކަމަކު އޭނާ ފަތައިފައި ކޯރު ހުރަސްކޮށްފިއްޔާ؟"
"އަހަންނަށް ޔަގީން. އޭނާ ކޯރަށް ފުންމައެއްވެސް ނުލާ. ކޯރު ހުރަސްކުރިކަމަކަށްވެސް ނުވާނެ. އޭނާ ފާރަވެރީންނަށް އޮޅުވައިލައިފައި ބޭރަށް ނުކުތްކަމުގައިވާނީ ގަނޑުވަރުގެ މައިދޮރޯށީން އޭނާ މިހާރު އަހަރެމެން މޮޔަހައްދަނީ."
"އެކަމަކު އެއީ ކާކުބާ؟"
"މާތްކަލާނގެ ދެނެވޮޑިގެންވާނީ އަހަރެމެންނަށް އަންގައިފައިވަނީ އޭނާއަކީ އިސްކޮޅު ދިގު ރީތި ޒުވާނެއްކަމަށް ޣަރުނާޠާގެ މީހެއްކަމަށް."
"އިޝްބީލިއްޔާގައި ޣަރުނާޠާގެ އެތައްބަޔަކު އުޅޭ. މާދަމާ އިރުއަރާއިރަށް އަހަރެމެންނަށް އިވޭނީ ޣަރުނާޠާގެ ޒުވާނުންގެ އެތައްބަޔަކު ހައްޔަރުކުރި ވާހަކަ."
ميـمــونـة ގެ ހިތްޕުޅުގައި ވަރަށްގިނަ ޝައްކުތަކެއް އުފެދިއްޖެއެވެ. އޭނާ މަޑުމަޑުން ދޮރޯއްޓާ ދިމާޔަށް ވަޑައިގެންފިއެވެ. ދޮރޯއްޓާ ޖެހިގެންހުރި ކޮޓަރީން ނޯކަރުން ގުގުރިދަމާ އަޑު އިވިވަޑައިގަންނަވައެވެ. އެމީހުން ތިބީ ގަދަ ނިދީގައިކަން އެނގިވަޑައިގެންފިއެވެ. ރޭގަނޑު ސަމާލުވެހުންނަން ميـمــونـة އަންގަވައިފައިވާ މުސްކުޅި ނޯކަރުވެސް އޮތީ ތަޅުންގަނޑުމަތީގައި އޮށޯވެ ގަދަޔަށް ނިދައިފައެވެ. ميـمــونـة އެތާނގައި އިރުކޮޅަކު މަޑުކުރައްވައިގެން ހުންނަވައި ފާރަވެރީންގެ ވާހަކަތައް އަޑުއެއްސެވިއެވެ. އެބައިމީހުން ތަންކޮޅެއް ދުރަށް ދިޔުމުން އޭނާ ނޯކަރަށް ވިދާޅުވެ ހޭލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކަލެޔަކީ ވަރަށް ފަރުވާކުޑަ މީހެއް. ސިފައިން އެހޯދަނީ سعد ކަމުގައިވެސް ވެދާނެ. سعد މިހިސާބަށް ވަޑައިގެންފައި ދޮރޯށި ތަޅުލައިފައި ހުރުމުން އެނބުރި ވަޑައިގެންނެވީ ކަމުގައިވެސް ވެދާނެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު