ރާއްޖެ ކައިރީގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ރާއްޖެ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ވާނެ ކަމަށެވެ.

ކުރިއަށް 24 ގަޑިއިރަށް މޫސުން ގޯސްވާނެ ކަން ފާހަގަ ކުރައްވައި އޮފިޝަލް ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މާދަމާ މޫސުން ރަނގަޅު ކަމަށް ދެއްކި ނަމަވެސް ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށްވެސް އޮފިޝަލް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

މީގެ އިތުރުންވެސް ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށާއި އެހެން ކަމުން އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ރަށްތަކުންނާއި މޫދާއި ކައިރީގައި ހުންނަ ގެތަކުން މިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ގެއަށް ލޮނު ނުވަންނާނެހެން ދުރާލައި ތައްޔާރުވުމަށްވެސް އިލްތިމާސް ކުރެއްވި އެވެ.