ރާއްޖޭގެ އަތޮޅު ތަކަށް އެކިއެކި ކުޅިވަރުތައް ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން މިނިސްޓަރު އަހުމަދު މަހުލޫފް ކުރައްވާ މަސައްކަތަށް އެސޯސިއޭޝަންތަކުން ވަރަށް ގިނަ ފަހަރު ޝުކުރު އަދާކުރާތަން ފެނެއެވެ. ޚާއްސަކޮށް އަތޮޅު ތެރޭގައި ކުޅިވަރު އިންފްރާސްޓްރަކްޗާތައް ގާއިމް ކުރުމަކީ އެސޯސިއޭޝަންތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބިގެންދާ އެންމެ ބޮޑު ކުރިއެރުމެވެ.
މިނިސްޓްރީގެ ލާމަރުކަޒީ ކުޅިވަރު ވިސްނުމުގެ ތެރެއިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން ވަނީ ނައިފަރުގައި ތިން ބެޑްމިންޓަން ކޯޓު ގާއިމްކޮށްފައެވެ. މި ކޯޓުތައް ގާއިމްކޮށްފައިވަނީ ނައިފަރު ކައުންސިލްގެ ފަރާތުން ހަދާފައިވާ އެކުވެނި އިމާރާތުގައެވެ.
ޅ. ނައިފަރުގައި ގާއިމްކުރި ބެޑްމިންޓަން ކޯޓުތަކުގެ މަސައްކަތް ނިންމާލުމާއެކު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ވަނީ ލާމަރުކަރުކޮށް ކުޅިވަރު ކުޅެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރެއްވުމަށް މިނިސްޓަރ މަހްލޫފް އިސްނަންގަވައިގެން ޔޫތު މިނިސްޓްރީގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ދަންނަވައިފައެވެ. ހަމައެހެންމެ މިއީ ދުރު ރާސްތާގައި ބެޑްމިންޓަން ފެޑެރޭޝަނެއް ގާއިމްކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
މި ކޯޓުތައް ނިމިގެންދިޔުމާއެކު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު މި މަސައްކަތް ކުރުމަށް ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފައެވެ.
ނައިފަރުގެ އިތުރުން ފ. ދަރަނބޫދޫގެ އިންޑޯ ހޯލްގައި 2 ކޯޓު އެޅުމާއި އަދި ބ. މާޅޮހުގައި އެއް ކޯޓު އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި ކޯޓުތައް އެޅުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް ރަށްރަށަށް ފޮނުވަން ފަށާފައިވަނީ މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މިދިޔަ އަހަރު ތެރޭގައި ކުޅިވަރުގެ ގިނަ ކަންކަން ހުއްޓުނު ނަމަވެސް، ކޮވިޑް 19 އާއި އެކުވެސް ސަރުކާރުން ވަނީ އިންފްރާސްޓްރަކްޗާތައް ގާއިމް ކުރުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސްފައެވެ. އެކިއެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސް ނިންމާލާފައިވާއިރު، މިނިސްޓަރު މަހުލޫފް އަބަދުވެސް ވިދާޅުވަނީ ކުޅިވަރު ކުޅެން ޖެހޭނީ މާލޭގައި އެކަނި ނޫން ކަމަށާއި، ކުޅިވަރަކީ މުޅި ރާއްޖޭގައި އެއް ގިންތިއެއްގައި ކުޅެން ޖެހޭނެ އެއްޗެއް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު