އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު އަންނަ އަހަރު ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ސުޕާރީ ނުހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައިވާ އިރު، ރައީސް ވަނީ 12 ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުން މަނާކުރައްވައިފައެވެ. އޭގެ ތެރެއިން ނުވަ ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާ ވާނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ތެރޭގައި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީވެސް ހިމެނެއެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕްލާސްޓިކް މަދުކުރުމަށް ގެނެވުނު ގާނޫނީ ބަދަލުތައް ރައީސް ތަސްދީގުކޮށްދެއްވީތީ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެ ޓުވީޓުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެއަށް ސުޕާރީ އެތެރެކުރުން މަނާ ނުވާ ކަމަށާއި އޭގެ ޕެކިން ބަދަލުކޮށްގެން ރާއްޖެއަށް އެތެރެކުރެވޭނެ ކަމަށެވެ.
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި
- ރާއްޖެއަށް އިމްޕޯޓު ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި
މީގެ އިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި އެތެރެ ކުރުން މަނާވާނެއެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓު ކުރާ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންވެސް މަނާ ވާނެއެވެ.
އެންމެ ފުރަތަމަ އެ ގާނޫނު މަޖިލީހުން އިސްލާހު ކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އިގުތިސޯދަށް ބޮޑު އަސަރެއްކޮށްފައިވާތީ، އެއް ފަހަރާ ބައިވަރު ބާވަތްތަކުގެ ޕްލާސްޓިކް އެތެރެ ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމަށް މަޖިލީހުން ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު