ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައި އަދި ސަރުކާރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި މައްޗަންގޮޅީ ދޭދަރުގޭ އިސްމާއީލް ފިރާގު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ. އިސްމާއީލް ފިރާގަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓް އެންޑް ޕްރޮޓޮކޯލްގެ މަގާމުގައި ހުންނެވި ފާތިމަތު މުހައްމަދު ސޯލިހުގެ ފިރިކަލުންނެވެ.
އިސްމާއީލް ފިރާގު އަވަހާރަވީ، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، ރޭ އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަހާރަވިއިރު އުމުރަކީ 59 އަހަރެވެ.
އަލްމަރްޙޫމް އިސްމާއީލް ފިރާގަކީ، 19 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސެކްރެޓަރީކަމެވެ. އޭގެފަހުން އެ މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރު ކަމާއި، ޕްރޮގްރާމް އެނަލިސްޓްކަން ކުރައްވާފައިވެއެވެ.
އޭގެފަހުން ހިދުމަތް ކުރެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ކަމުގެ މަގާމު އަދާކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ ޑިރެކްޓަރ ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.
އަލްމަރްޙޫމް އިސްމާއީލް ފިރާގުގެ ތިއްބެވީ 2 ބޭފުޅުންނެވެ. އެއީ، އަންހެން ބޭފުޅަކާއި، ފިރިހެން ބޭފުޅެކެވެ.
އިސްމާއީލް ފިރާގުގެ މައްޗަށް ކަށުނަމާދުކުރުން އޮތީ، މިއަދުގެ މެންދުރު ނަމާދަށްފަހު ފުރުގާން މިސްކިތުގައެވެ. ކަށުނަމާދުގައްޔާއި ޖަނާޒާގައި ރައިސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކުވެސް ބައިވެރިވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު