(28 ޑިސެމްބަރުގެ އަދަދާ ގުޅޭ)
މި ނިންމެވުމަށްފަހު سعد އޭނާގެ ކޮއްކޮމެންގެ އަރިހުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސަބަބުން إدريـس އަށް އެއްވެސް މައްސަލައެއް ކުރިމަތިވާކަށެއް ބޭބެ ނޭދެން. އެހެންކަމުން ތިޔަ ދެބެން އެގެއަށް ވަޑައިގެން އުޅުއްވަންވާނީ ވަރަށް ބޮޑަށް ރައްކާތެރިވެވަޑައިގެން. ރަނގަޅުވާނީ މިރޭ އިރުއޮއްސުމަށްފަހު ކޮއްކޮމެން އެގެއަށް ބަދަލުވެވަޑައިގެންނެވުން. ބައްދަލުވުން ނިމުމާއެކު ބޭބެ އެގެއަށް ދާނަން. ބޭބެ ލަސްވެއްޖެނަމަ އޭގެ މާނައަކީ ތިޔަ ދެބޭން އިޝްބީލިއްޔާގައި ތިއްބެވުން ރައްކާތެރިއެއް ނޫނޭ. ތިޔަ ދެބެންގެ ވާޖިބަކަށްވާނީ އަވަހަށް إليــاس އަށް ޚަބަރު ދެއްވައި އޭނާގެ އަރިހުގައި ގެއަށް ވަޑައިގަތުން. ބޭބެގެ ކަންތައް ހިނގިގޮތެއްގެ ވާހަކަ إدريـس ޣަރުނާޠާއަށް ޚަބަރު ފޮނުވާނެ."
سعد ޢިޝާނަމާދުން ނިމިވަޑައިގެންފިއެވެ.
ޝާހީ ގަނޑުވަރުގެ ސަންގުމަރުމަރު ޖަހައިފައިވާ މަގުތަކުން ހިންގަވައިފައި ވަޑައިގެން އޭނާ ވެދެވަޑައިގެންނެވީ ވަރަށް ތަނަވަސް މާލަމަކަށެވެ. އޭނާ އެ މާލަމަށް ވަޑައިގެންނެވީ މަގުދައްކާންހުރި ފާރަވެރީންގެ މީހަކާ އެކުގައެވެ. ޝާހީ ކިއްލާގެ ހުރިހައި ތަނެއް އެއްވަސްވެފައިއޮތީ މާވަހަރާއި ގޮމަކަސްތޫރީގެ ވަހުންނެވެ. ތަންތަންކޮޅުގައި ފާނޫޒުތައް ދިއްލައިފައި ހުއްޓެވެ. އެތަނަވަސް މާލަމުގައިހުރި ރަސްކަމުގެ ތަޚުތުން ފެށިގެން ބޭރު ފެންޑާގެ ސިޑިތަކާ ޖެހެންދެން އޮތީ ވަރަށް އަގުބޮޑު ދޫލަ އަޅައިފައެވެ. އަމީރުންނާއި ޝާޢިރުންގެ ޖަވާހިރު ޖަހައިފައިވާ އަބާތަކާއި ތާކިހާތައް ފެނިވަޑައިގަތުމުން سعد އޭނާގެ ހެދުންކޮޅާމެދު ފިކުރު ބޮޑުވިއެވެ. ޤުރުޠުބާގެ ޝާޢިރުގެ އަތުން އޭނާއަށް ލިބިވަޑައިގެންފައިވާ ތާކިހާ އޭނާގެ އިސްތަށިފުޅަށްވުރެ މާކުޑައެވެ. އަބާވެސް ތަންކޮޅެއް ދުލެވެ. އަދި އެހައި ކުރުވެސްމެއެވެ. އޭނާއަށް ހީފުޅުވީ ހާޒިރުވެތިބި މީހުން އޭނާ ފެންނައިރަށް ހޭންފަށާނެ ކަމުގައެވެ. އޭނާ އޭނާގެ އެކުވެރީންނަށް ހިތްޕުޅުން އެއްޗެހި ވިދާޅުވިއެވެ. އެބައިމީހުން އޭނާ އެފަދަ ހެދުމެއް ޚިޔާރު ކުރައްވަން މަޖުބޫރު ކުރުއްވީތީއެވެ.
ނަމަވެސް ދެކޭމީހުންގެ ނަޒަރު އޭނާގެ ހެދުންކޮޅުގެ ބަދަލުގައި ގޮސްހުއްޓެނީ އޭނާގެ ރީތި ފިރިހެންވަންތަ މޫނުފުޅަށެވެ. ޝާޢިރެއްގެ ތާކިހަލާއި އަބާ ވަނީ އޭނާގެ ފިރިހެންވަންތަކަމުގެ ހައިބަތާއި އޭނާގެ ތޫނުފިލިކަން ވަންހަނާކުރަން ނުކުޅެދިފައެވެ.
މަޖްލިސް އިންތިޒާމުކުރާ މީހެއް ކުރިޔަށް ޖެހިލައިފައި ވަރަށް ހޫނު ތަރުހީބަކާއެކު سعد އާ ސަލާންކުރިއެވެ. އެއަށްފަހު ޅެންވެރީންގެ ތިންވަނަބަރީގެ ގޮނޑިކޮޅެއްގައި އޭނާ ބައިންދައިފިއެވެ. سعد އިންނެވި ދިމާއިން ކުރިފުޅުމަތީގައިހުރީ ރަސްގެފާނުގެ ތަޚުތުކޮޅު ހުރި މަންސައެވެ. ތަޚުތުކޮޅު އޭރުހުރީ ހުހަށެވެ. އެހެންކަމުން އެ މަންސައިގައި ހާޒިރުވެތިބި މީހުން މާބޮޑު ޖެހިލުންވުމެއްނެތި އެކަކު އަނެކަކާ ވާހަކަދައްކަމުން ގެންދެއެވެ. ތަޚުތުކޮޅުގެ ބިއްދޮށުގައި ދަމައިފައިހުރި މަޚުމަލުގެ ބޯ ފަރުދާގެ ފަހަތުން ރުބާބުގެ މަޑުމަޑު އަދި ފޮނިފޮނި ރާގުތައް އިވެމުންދިޔައެވެ.
إبـن عمّــار ކުއްލިޔަކަށް އެކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. އޭނާ ފެނުމާއެކު ހާޒިރުވެތިބި އެންމެން ކޮޅަށް ތެދުވެއްޖެއެވެ. إبـن عمّــار އިށީނދެވަޑައިގަތީ ތަޚުތުކޮޅުގެ ވާތްފަރާތުގައިހުރި ގޮނޑިކޮޅެއްގައެވެ. ހާޒިރުވެތިބި މީހުންވެސް އެމީހެއްގެ ގޮނޑިއެއްގައި އެމީހަކު އިށީނދެއްޖެއެވެ. މާގިނައިރެއްނުވެ ތަޚުތުކޮޅުގެ ބިއްދޮށުގައިހުރި ކޮޓަރިކޮޅަކުން ޝާހީ ނަޤީބު ނުކުމެއްޖެއެވެ. އޭނާ سـلطـان معـتـمـد އާއި މަލަކާ ރަމީކިއްޔާ ވަޑައިގަންނަވާކަން އިޢުލާނު ކުރިއެވެ. ހާޒިރުވެތިބި މީހުން އަނެއްކާވެސް ކޮޅަށް ތެދުވެއްޖެއެވެ. معـتـمـد އާއި ރަމީކިއްޔާއާ ދެކަނބަލުން ވަޑައިގެން އިށީނދެވަޑައިގެންނެވީ ޖަވާހިރުން އަތްކަންއަޅައި ޒީނަތްތެރިކޮށްފައިވާ ތަޚުތުކޮޅުގައެވެ. ތަޚުތުކޮޅުގެ ދެފަރާތުގައްޔާއި، ބިއްދޮށުގައިހުރި ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގެންނެވީ معـتـمـد ގެ އާއިލާގެ ބޭފުޅުންނާއި އެދެކަނބަލުންގެ ރުހިވަޑައިގަތުން ލިބިވަޑައިގެންފައިވާ އަންހެން ބޭފުޅުންނެވެ.
މަލަކާ ރަމީކިއްޔާގެ ހެދުންކޮޅުގައި އަގުބޮޑު އެތައް ޖަވާހިރެއް ވިދަވިދައި ހުއްޓެވެ. އޭނާގެ ޒުވާންކަން މިހާރުވަނީ މާޒީގެ ފަސާނާއަކަށް ވެފައެވެ. އޭނާގެ މޫނުފުޅުގައި ތަތްކުރައްވައިފައިހުރި ރަތްފުށުގެ ބޯ ފަށަލަތަކާއެކުވެސް މޫނުފުޅު ޚަބަރުދެނީ މުސްކުޅިފުޅުކަން އޭނާއާ ބައްދަލުކޮށްފި ކަމުގައެވެ. ކަންމިހެން ހުރުމާއެކުވެސް އޭނާގެ ޖެހިލުންވެވަޑައިގަތުމެއްނެތް ބެއްލެވުން ހާލުގެ ދުލުން ވިދާޅުވާ ކަހަލައެވެ. "ހަމައެކަނި އަހަންނާ ދިމާޔަށް ބަލާށެވެ! އަހަންނަށް ތާރީފު ކުރާށެވެ! ކަލޭ އެހެން އެއްވެސް މީހަކާ ދިމާޔަށް ބަލާކަށް އަހަރެން ނުރުހެމެވެ. މި މަހެފިލް އާރާސްތު ކުރެވިފައި މިވަނީ ހަމައެކަނި އަހަންނަށްޓަކައެވެ."
معـتـمـد ގެ އުމުރުފުޅުވަނީ ފަންސާހާ ކައިރިވެފައެވެ. އޭނާގެ މޫނުފުޅަކީ އޭނާގެ ޙަޔާތްޕުޅުގެ ވާހަކަ ލިޔެފައިވާ ފޮތެކެވެ. އޭނާގެ ތަނަވަސް ނިތްކުރިފުޅާއި ރީތި ބުރުސޫރަފުޅާއި، ތަނަވަސް މޭފުޅު އޭނާގެ ވިސްނުންފުޅު ތޫނުކަމާއި، ދީލަތިފުޅުކަމަށް ހެކިދެއެވެ. ނަމަވެސް އޭނާގެ ބޮޑުބޮޑު ދެލޯފުޅުގެ ވަށައިގެންވަނީ ރާފޮދު ހިއްޕަވާލެއް ގިނަކަމުގެ ސަބަބުން ކަޅުކުލައިގެ ވަށްބުރެއް އުފެދިފައެވެ.
سعد އިޝްބީލިއްޔާގައި ހޭދަކުރެއްވި ކުޑަދުވަސްކޮޅުގެ ތެރޭގައި އެކިމީސްމީހުންގެ ފަރާތުން އޭނާއަށް ޚަބަރު ލިބިވަޑައިގެންފައިވާ ގޮތުގައި معـتـمـد އަކީ ވަރަށް ހައިބަތުހުރި ބޭފުޅެކެވެ. އޭނާއަށް إبـن عمّــار ކަހަލަ ބޭފުޅުންގެ އެކުވެރިކަމުގެ ސުންޕާކަން ޖެހިވަޑައިނުގެންނެވިނަމަ ކިތަންމެހައިވެސް ރަނގަޅު ވެރިޔަކަށް އޭނާ ވެވަޑައިގެންނެވީހެވެ.
ރުބާބުގެ ފޮނިފޮނި ރާގުތައް ކުއްލިއަކަށް ހިމޭންވެއްޖެއެވެ. މަޖިލީހުގެ ޙަރަކާތްތައް ހިނގަން ފަށައިފިއެވެ. ޅެންވެރީން معـتـمـد ގެ ކީރިތި މޫރިތި ކަމަށާއި، ރަމީކިއްޔާގެ އަންހެންވަންތަކަމުގެ ފުރިހަމަކަމަށާއި، إبـن عمّــار ގެ ހިތްވަރުފުޅު ގަދަކަމަށާއި، ސިޔާސަތުގެ މޮޅުކަމުގެ މައްޗަށް އުޑާއި ކަނޑު އެއްކުރަމުން ގެންދެއެވެ. ކޮންމެ ޅެންވެރިއެއްގެ ޅެން ހުށަހެޅުމުން އެމީހަކަށް އިނާމު ދެވެއެވެ. ނަސީބު ރަނގަޅު ޅެންވެރިޔަކަށް ރަމީކިއްޔާގެ ތާރީފު ހޯދުމުގައި ކާމިޔާބު ލިބިއްޖެނަމަ އެމީހަކީ އެހެންމީހުންނަށްވުރެ އެތައް ގުނައެއް އިތުރަށް އިނާމު ލިބުން ޙައްޤު މީހެއްކަމުގައި ދަނީ ބެލެވެމުންނެވެ. ޅެންވެރީންނަށް އެމީހުންގެ ޅެން ހުށަހަޅަން ދަޢުވަތު ދެއްވައި ދަރުބާރަށް ހާޒިރުވެ ތިއްބެވި ބޭފުޅުންނަށް އެމީހުން ތަޢާރަފު ކޮށްދެއްވުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ
إبـن زيـدون އެވެ. ގާތްގަނޑަކަށް ދިހަވަރަކަށް ޝާޢިރުން އެބައިމީހުންގެ ޅެންތައް އިއްވިފަހުން އޭނާ ތެދުވެވަޑައިގެން އިޢުލާނު ކުރެއްވިއެވެ. "ކީރިތި މާތް ރަސްގެފާނުގެ އަމުރުފުޅާއެކު ދެން އޮތީ ޣަރުނާޠާގެ ޒުވާން ޝާޢިރެއް ކަމުގައިވާ سعد بــن عبـدالمـنعــم އޭނާގެ ޤަސީދާ ހުށަހެޅުއްވުމެވެ."
ދަރުބާރުގައި އޮންނަ އާދައަކީ ކޮންމެ ޝާޢިރަކުވެސް ތަޚުތުކޮޅުގެ ކައިރިއަށްގޮސް ގުދުވެފައި ރަސްގެފާނަށާއި މަލަކާއަށް ސަލާންކުރުމެވެ. އެއަށްފަހު ތަޚުތުކޮޅާ ދުރަށް ފަހަތަށްޖެހިލުމަށްފަހު އެމީހެއްގެ ޅެން ހުށަހެޅުމެވެ. ނަމަވެސް سعد އޭނާގެ ސިފައިންގެ މީހެއްގެ ހިންގެވުމުގައި ކުރިޔަށް ވަޑައިގެން ތަޚުތުކޮޅާ ތަންކޮޅެއް ދުރުގައި ހުއްޓިވަޑައިގެންފިއެވެ. އޭނާ އިރުކޮޅަކު ހިމޭނުން ހުންނެވުމަށްފަހު ވިދާޅުވިއެވެ.
"سـلطـان معـتـمـد! ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން! އަޅުގަނޑަކީ ޅެންވެރިޔެއްނޫނޭ ދެންނެވުމުން ތިޔަބޭފުޅުން މާޔޫސްވެވަޑައިގަންނަވާނެކަން ނޭނގެ! އަޅުގަނޑަކީ ހަމައެކަނި ސިފައިންގެ މީހެއް. އަޅުގަނޑު މި ޙަފްލާއަށް ގެނައީ ހަމައެކަނި ސިފައިންގެ މީހެއްގެ ވާޖިބާއި ޒިންމާގެ އިޙްސާސް! އަޅުގަނޑަށް އެނގޭ މި ޙަފްލާއަކީ އަޅުގަނޑުގެ ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރަން އެންމެ އެކަށީގެންވާ ޙަފުލާއެއް ނޫންކަން. އެކަމަކު އަޅުގަނޑަށް މިގޮތަށް ޢަމަލުކުރަން މަޖުބޫރުވީ! އަޅުގަނޑު ލައިގެންމިހިރަ އަބާ އާއި އަޅައިގެން މިހިރަ ތާކިހަލަކީ އެބައެއްގެ ރަސްކަލަކީ ހިލޭބައެއްގެ ޑޯލާ ރަސްކަލެއް ކަމުގައިވާ ޤައުމެއްގެ ފަރުދަކާ މާކަގުޅޭ އަބާއަކާއި ތާކިހަލެއް ނޫން. އިޝްބީލިއްޔާގެ ޝާޢިރުން! ސަރުކާރުގެ ކުރިއަށް ތިއްބެވި ބޮޑުން! ތިޔަބޭފުޅުން ހެކިވެވަޑައިގަންނަވާތި. ތިޔަބޭފުޅުންނާ ކުރިމަތިވެފައިވާ ޠޫފާނާމެދު ފަރުވާކުޑަކޮށްލައްވައިފައި އަވަހާރަފުޅު ލައްޕަވައިފައި ތިއްބަވަނިކޮށް މީހަކު ތިޔަބޭފުޅުންނަށް ދަންނަވައި ހޭފުޅުލައްވާތޯ މަސައްކަތް ކުރިކަމަށް!"
ސުލްޠާނާ ރަމީކިއްޔާ ހައިރާންފުޅުވެވަޑައިގެން معـتـمـد އާ ދިމާއަށް ބައްލަވާން އިންނެވިއެވެ. معـتـمـد ވެސް ކަންބޮޑުވެވަޑައިގަތުމާއެކު ހައިރާންފުޅު ކަމުގައި ޙަފްލާގެ ބައިވެރީންނާ ދިމާއަށް ބައްލަވަމުން ގެންދެވިއެވެ. إبـن عمّــار ތުންފަތްޕުޅު ހައްޕަވަމުން ތެދުވެވަޑައިގެންފިއެވެ. އޭނާ އަތްޕުޅުން އިޝާރާތް ކޮށްލެއްވުމާއެކު ފާރަވެރީންތައް سعد އާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް معـتـمـد އަތްޕުޅު އުފުއްލަވައިލެއްވުމުން ފާރަވެރީން ފަހަތަށް ޖެހިއްޖެއެވެ. معـتـمـد ވިދާޅުވިއެވެ. "ދުނިޔޭގައި މީހުން ކުރާ ހުރިހައި މޮޔަކަންތައްތަކަކީ އަދަބު ދޭންޖެހޭ ކަންކަމެއް ނޫން. އަހަރެމެން މިޒުވާނާއަށް އޭނާގެ ވާހަކަ ނިންމައިލުމުގެ އަމުރު ދީފިން!"
سعد މާބޮޑު ފަރުވާލެއް ނުބަހައްޓަވާކަހަލަ ގޮތަކަށް ޙަފްލާގެ ބައިވެރީންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެއަށްފަހު معـتـمـد އާ ދިމާއަށް އެނބުރިވަޑައިގެން އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދެވިއެވެ.
"سـلطـان معـتـمـد! އަޅުގަނޑު މިހިރީ ޙައްޤު ބަހެއް ބުނެގެން ލިބޭ ކޮންމެ އަދަބެއް ލިބިގަންނަން ތައްޔާރަށް. އަޅުގަނޑަކީ އިޝްބީލިއްޔާއާ ދެކޮޅަށް ދުޝްމިނުން ދޭންއުޅުނު ޙަމަލާއަކީ އަންދަލުސުގެ މުސްލިމުންނަށް ކުރިމަތިވާ އިޖުތިމާޢީ ނުރައްކަލެއް ކަމުގައި ދެކެގެން އަންދަލުސުގެ އެކިރަށްރަށުން މަނިކުފާނުގެ ދިދައިގެ ދަށަށް ޖަމާވި އެތަކެއްހާސް ޒުވާނުންގެ ތެރޭގައި ހިމެނޭ މީހެއް. އަޅުގަނޑުމެން ޔަގީންކޮށްގެންތިބީ ޤަޞްޠިލާގެ އަހުލުވެރީންގެ ކަނޑިތަކާއި އިޝްބީލިއްޔާގެ އަހުލުވެރީންގެ ކަނޑިތައް ބައްދަލުވާނެކަމަށް.
އަންދަލުސުގެ އެތަކެއްހާސް މުސްލިމުން އަޅުގަނޑުމެންނާ ބައިވެރިވީ މިހަނގުރާމަޔަކީ ކުފުރާއި އިސްލާމާ ދެމެދު ނިޔާކަނޑައެޅޭ ހަނގުރާމަޔަކަށް ވާނެކަމަށް ހީކޮށްގެން. އަންދަލުސުގެ މުސްލިމުންގެ އިޖުތިމާޢީ ޝުޢޫރު ހުރިހައި ރަސްރަސްކަލުންނަށްވެސް މިހަނގުރާމައިގައި މަނިކުފާނާ ބައިވެރިވާން މަޖުބޫރުކުރުވާނެ ކަމަށް. ނަމަވެސް އަޅުގަނޑުމެންނަށް ފެނުނުކަމުގައި މިވީ އަވާމެންދުރެއް. އަޅުގަނޑުމެންނަށް އެނގުނީ އަޅުގަނޑުމެންނަށް ދިފާޢީ މަރުކަޒުތައް ހެދުނީ ވެއްޓެމުންދާ ފާރެއްގެ ދަށުގައިކަން. އެހެންކަމުން އިޝްބީލިއްޔާގެ ދިފާޢުގައި ލޭއޮހޮރުވައިލުމުގެ ޢަޒުމުގައި އެކިރަށްރަށުން މިރަށަށް އެއްވި ޒުވާން މުޖާހިދުން އެނބުރި އެދިޔައީ ހިތާމަޔާއި ފިކުރު ބޮޑުވުމުގެ ކަރުނައާއި ދާތައް ފޮހެމުން. އަޅުގަނޑުމެން ކުރީން ހީކޮށްގެންތިބީ އަންދަލުސުގެ އިސްލާމީ ސަރަޙައްދާ ދިމާޔަށް އުތުރުފަރާތުންއައި ޠޫފާން މަތަކުރުމަށްޓަކައި ރާނަންޖެހޭނީ މުސްލިމް ޒުވާނުންގެ ހަށިތަކުގެ ފާރެއްކަމުގައި. ނަމަވެސް އެމީހެއްގެ ދިދައިގެ ދަށަށް މުސްލިމު ޒުވާނުން އެއްވި. އިޝްބީލިއްޔާގެ ސިފައިންގެ ވެރިޔާ ނިންމެވީ އެ ސައިލުގެ ކުރިމަތީގައި ރާޒުވާކުޅިބައެއް އަތުރައިލެއްވުމުން ފުދޭނެކަމަށް."
"إبـن عمّــار ކޯފާވެގެން ތުރުތުރުއަޅަމުން ތެދުވެވަޑައިގެންފިއެވެ. އޭނާ ވަރަށްބޮޑަށް ދެކޮޅުހައްދަވާކަން ފާޅުކުރައްވާ ގޮތަކަށް معـتـمـد އާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. ޙަފްލާއަށް ހާޒިރުވެތިބި އެންމެން ސިއްރުސިއްރުން އެކަކު އަނެކަކާ ވާހަކަ ދައްކާން ފަށައިފިއެވެ. معـتـمـد އަތްޕުޅުން އިޝާރާތްކުރައްވައި އެއްވެތިބި މީހުންގެ ވާހަކަތައް ހުއްޓުވުމަށްފަހު ވިދާޅުވިއެވެ. "ޒުވާނާ! އަހަރެން ވަނީ ކަލޭ ދައްކާން ބޭނުން ވާހަކަތައް ދައްކައި ނިންމައިލުމުގެ ހުއްދަދީފައި އެކަމަކު ކަލޭގެ ތިޔަ އަދަބުކުޑަ އަނގަ އަބަދަށްޓަކައި ބަންދުކޮށްލަން އަހަންނަށް މަޖުބޫރު ނުކުރާތި!"
سعد ވިދާޅުވިއެވެ.
"މަނިކުފާނަށް އެކެއްގެ ތުންފަތުގައި ސިލްޖެއްސެވިދާނެ! އެކަމަކު ޤައުމެއްގެ ވާހަކައިގެ އަޑު އޮއްބަވައެއް ނުލެއްވޭނެ. މިގަނޑުވަރުގެ ހަތަރުފާރުގެ ބޭރުގައި އަޅުގަނޑާ އެއްބަސްވާ އެތައްލައްކަ މީހުންނެއް އެބަތިބި. ތަފާތަކީ ޤައުމުގެ އަޑު މަނިކުފާނުގެ ކަންފަތްޕުޅާ ހަމައަށް އުފުލަންކެރުނު މީހަކީ ހަމައެކަނި އަޅުގަނޑު ކަމުގައިވީކަން. އެންމެ މީހެއްގެ އަޑަކީ މާގަދަ އަޑެއް ނޫން. އެކަމަކު މިއަޑު ދަގަނޑު ފަރުދާތައް ފޫވައްޓައިލުމަށްފަހު މަނިކުފާނުގެ ކަންފަތްޕުޅާ ހަމައަށް ފޯރާނެ ދުވަސް އޮތީ މާކަދުރެއްގައެއް ނޫން. އޭރަކުން ޤައުމުގެ ޝަހީދުންގެ މަހާނަތަކުގެ މަތީގައި ބިނާކޮށްފައި ހުންނަ މިބާވަތުގެ މަޖާކުރާ ތަންތަން ތުރުތުރު އަޅައިގެންދާނެ. މާތްރަސްގެފާނު! މަނިކުފާނާއި މަނިކުފާނުގެ ޤައުމާ ދެމެދު އުފެދިފައިމިވާ ހުސްކަން ފުރައިލަންކެރުނު މީހަކަށްމިވީ އަޅުގަނޑު. އެހުސްކަމުގެ ސަބަބުން ޖިފުޓިތަކުގައި ދިރިއުޅޭ އާއްމުންގެ ރުއިމާއި ހަޅޭކުގެ އަޑެއް ސަންގުމަރުމަރުގެ ގަނޑުވަރުތަކުގައި ނެށުމާއި ލަވަކިޔުމުގެ މަހެފިލުތައް ބާއްވާ ފަރާތްތަކުގެ ކަންފަތްތަކާ ހަމަޔަކަށް ނުފޯރާ.
އަޅުގަނޑުގެ މި އިލްތިމާސަކީ ޤައުމެއްގެ އިލްތިމާސް. ދުޝްމިނެއްގެ ކަނޑީގެ މިޔަ ތިމާމެންގެ ކަނދުރާއާ ވަރަށް ގާތުން ދެކެމުންދާ ޤައުމެއްގެ އިލްތިމާސް، އެބައިމީހުންގެ ރަސްގެފާނު އޮންނެވީ ޣާފިލުކަމުގެ ފުން އަވަހާރަފުޅުގައި. އެބައިމީހުންގެ މުފައްކިރުންނާއި، ޝާޢިރުންނާއި، އަދީބުން ނިދައިފައިތިބި މީހުންނަށް ވިދާޅުވެ ހޭލައްވަން އުޅުއްވުމުގެ ބަދަލުގައި އެބޭފުޅުންގެ ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވަނީ ނާނާ ވިދާޅުވެ އެމީހުންގެ ނިދި ހައްތާ ގަދަކުރެއްވުން. އެޤައުމުގެ ސިފައިންނަށް މިހާރު އިޙުސާސްކޮށްދެވިފައިވަނީ ޤައުމުގެ ތަޤުދީރު ލިޔަނީ ކަނޑިތަކާގުޅޭ މުލައްދަނޑިތަކަކުން ނޫންކަން. އަދި ކީއްތޯ؟ ރާޒުވާ ކުޅޭ އިނގިލިތަކުންކަން."
ކޯފާގެ ސަބަބުން معـتـمـد ގެ މޫނުފުޅު ދިޔައީ ރަތްވަމުންނެވެ. ހާޒިރުވެތިބި މީހުންގެ ތެރެއަށް އިރުކޮޅެއްގެ ކުރީން ހިނިތުންވެވަޑައިގަތުމުގެ މާމެލާމެލި އުއްކަވަމުން ގެންދެވި މަލަކާ ރަމީކިއްޔާ ކަންބޮޑުވެވަޑައިގެން އެކަމަނާ އިށީނދެވަޑައިގެން އިންނެވި ގޮތްކޮޅު ބަދަލުކޮށްލައްވަމުން ވިދާޅުވިއެވެ. "ކަލޭ އަމިއްލަޔަށް މަރުވާން މިތަނަށް އައުމުގެ ބޭނުމެއް ނެތް. ދިރިއުޅުމުގެމަތީން ކަލޭ ފޫހިވެއްޖެ ކަމުގައިވާނަމަ ވާދިލްކަބީރުގެ ފެންގަނޑު ވަރަށް ފުން."
سعد ހިސާބަކަށް ކޯފާ އިސްކުރައްވައިފައި ވިދާޅުވިއެވެ.
"އަޅުގަނޑު މިތަނަށް އައީ ޤައުމެއްގެ ޙަޔާތާ އަޅައިބަލާއިރު އަޅުގަނޑު އަމިއްލަ ދިރިއުޅުމަކީ މާއަގެއްހުރި އެއްޗެއްކަމުގައި އަޅުގަނޑު ނުދެކޭތީ. އަޅުގަނޑުގެ ޤައުމުގެ ނާ ރާހަމަކަށް ފެތި އަޑިޔަށްދާތަން ދެކެން އަޅުގަނޑަކަށް ހިމޭނަކުން ނުހުރެވޭނެ. އަޅުގަނޑު މިތަނަށް އައީ އިޝްބީލިއްޔާގެ ތާރީޚު ދެކެފައިވާ އެންމެ ލަދުވެތި ބަލިވުމަށް ފަތަޙައިގެ ނަން ދޭން ނުރުހޭތީ. އަޅުގަނޑަށް އެނގޭ. ދުޝްމިނުންގެ ކުރިމަތީގައި އަތުރައިލެވުނު ރާޒުވާ ކުޅިބައި މާގިނަދުވަހަކު ދެމިއެއް ނުހުންނާނެ. އާ ކުޅިބަޔަކަށް ދުޝްމިނުންގެ މަގަކަށް ހުރަހެއް ނޭޅޭނެ. އަޅުގަނޑަށް އެނގޭ. ދުޝްމިނުން ގެންދަނީ އެންމެފުރަތަމަ އިޝްބީލިއްޔާގައި އެއަށްފަހު މުޅި އަންދަލުސުގައި ވަރުގަދަ އެތިފަހަރެއް ޖަހަން ތައްޔާރުވަމުން.
މިއަހަރު އިޝްބީލިއްޔާއިން އެތައްގުނައެއް އިތުރަށް ޖިޒީ ދިނުމުން އަލްފާންސޫގެ ރަޙުމަތްތެރިކަން އަބަދަށްޓަކައި ގަނެލެވިއްޖެކަމަށް ގަބޫލުކުރުމަކީ އަމިއްލަ ނަފުސުގެ ކެހިދިނުން. އަޅުގަނޑު މިހިރީ އަމިއްލަ ނަފުސަށް ކެހިދޭން ތައްޔާރަކަށް ނޫން. މިއަންނަ އަހަރު މިއަހަރަށްވުރެވެސް އެތައްގުނައެއް ޖިޒީ ބޮޑުކުރައްވަން އަލްފާންސޫ އެދިވަޑައިގަންނަވާނެ. އޭނާގެ ހުށަހެޅުއްވުން އަހަރެއް އަހަރަކަށް ދާނީ އިތުރުވަމުން. އިޝްބީލިއްޔާގެ ޚަޒާނާގައި އެންމެ ލޯލާރިއެއްވެސް ނެތި ހުސްވަންދެން. އެހައިތަނުން ޖެހޭނީ އަލްފާންސޫގެ އިތުރު މުހުތާދުތައް ފުއްދައިދޭން. އާއްމުންގެ އަތުން ނަގާ ހުއްދަނޫން ޓެކްސްތައް އިތުރުކުރަން. އާއްމުންނަށް ހިކި ރޮށިކޮޅެއްވެސް ނުލިބޭވަރަށް އެކަން ކުރިޔަށްދާނެ. އެހައިތަނުން އަލްފާންސޫ އަންގަވާނެ. ތިޔަބައިމީހުންނަކަށް މިހާރަކު ޖިޒީއެއް ނުދެއްކެއޭ. އަހަންނާ އިޝްބީލިއްޔާ ހަވާލުކުރާށޭ. އޭނާ ވަޑައިގަންނަވާނެ. އޭނާގެ ސިފައިން ސަވާރުވެގެން ތިބޭނީ އިޝްބީލިއްޔާއިން ޖިޒީގެ ގޮތުގައި ފޮނުވި އަސްތަކަށް. އެބައިމީހުންގެ އަތުގައި ހުންނާނީ އިޝްބީލިއްޔާގެ ރަނާއި ރިއްސަށް ގަނެފައި ހުންނަ ކަނޑިތައް. އޭރަކުން ރާޒުވާ ކުޅުމުގެ މާހިރަކަށް އަލްފާންސޫއެއް ނުހުއްޓުވޭނެ. އެދުވަހަކުން އަމިއްލަޔަށް މަރުވާ މީހުން މާގިނަވާނެ. ވާދިލްކަބީރުގެ ފެންގަނޑަށްވެސް އޮބިއޮންނާނެހެނެއް ހިއެއްނުވޭ!"
معـتـمـد ގެ ކެތްތެރިކަންވެސް ކޮޅުންލައިފިއެވެ. އޭނާ ގުގުރައި ވަޑައިގެންފައި ވިދާޅުވިއެވެ. "ހުއްޓައިލާ! ކަލޭ އަމިއްލައަށް އެންމެ ބޮޑެތި އަދަބު ލިބުން ޙައްޤު މީހެއްކަމުގައި ވެގެންފީމު!"
ޙަފުލާއަށް އެއްވެފައިތިބި އެންމެންވެސް ހަޅޭއްލަވާން ފަށައިފިއެވެ. "ހުއްޓައިލާ! ހުއްޓައިލާ!" سعد ހަޅޭފުޅުލައްވައިގެންނެވިއެވެ.
"سـلطـان معـتـمـد! އަޅުގަނޑަކަށް ހިމޭނަކުން ނުހުރެވޭނެ! އަޅުގަނޑުގެ ކާބަފައިން އަންދަލުސުގެ ބަގީޗާއަށް ފެންދީ ހެއްދީ އެބައިމީހުންގެ ލެއިން! މި ޤައުމުގެ މިނިވަންކަމާއި ކަރާމަތަކީ އަޅުގަނޑުގެ މިނިވަންކަމާއި ޢިއްޒަތް! މި ޤައުމު ދުޝްމިނުންގެ އަތުން ބަލިވެ އަޅުވެތިވުމަކީ ޚުދު އަޅުގަނޑުވެސް ނިކަމެތިވެ އަޅުވެތިވުން! މި ޤައުމުގެ މާޒީއަކީ އަޅުގަނޑުގެވެސް މާޒީ! މި ޤައުމުގެ މިއަދަކީ އަޅުގަނޑުގެވެސް މިއަދު!
މި ޤައުމުގެ މުސްތަޤުބަލަކީ އަޅުގަނޑުގެވެސް މުސްތަޤުބަލު!"
إبـن عمّــار އިޝާރާތް ކޮށްލެއްވުމުން ފާރަވެރީންގެ ހައެއް ހަތެއް މީހުން سعد ގެ ވަށައިގެން ޖަމާވެއްޖެއެވެ. ފާރަވެރީން އޭނާ ކޮއްޕައި ބޭރަށް ނެރޭން ފަށައިފިއެވެ. ނަމަވެސް سعد ހަޅޭފުޅުލައްވަމުން ގެންދެވިއެވެ.
"ތިޔަބައިމީހުން އެންމެންވެސް ހެކިވާތި! އަހަރެން އަހަރެންގެ ވާޖިބު އަދާކޮށްފިން! معـتـمـد ގެ ކަންފަތްޕުޅާ ހަމަޔަށް ޤައުމުގެ އަޑު އުފުލައިފިން! ތިޔަބައިމީހުންގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތެރޭގައި..... ރައްޔިތުންގެ ލޭބޮއިގެން މިއަދު ތިޔަބައިމީހުންނަށް މަޖާކުރެވިދާނެ.....! އެކަމަކު މާދަމާ އަލްފާންސޫ ތިޔަބައިމީހުންގެ ކަށިތަކުގެ މަތީގައި އޭނާ މަޖާކުރާނެ ތަންތަން އިމާރާތްކުރާނެ! سـلطـان معـتـمـد! ދެލޯފުޅު މަރުއްވައިލެއްވިޔަކަސް ވަގުތުގެ ޠޫފާން މަތައެއް ނުކުރެއްވޭނެ!"
ފާރަވެރީން سعد ކޮއްޕައިގަންނަވައި ބޭރަށް ނެރެފިއެވެ. ވަރަށް ވަރުގަދަ ދެމީހެއް އޭނާގެ ދެމުލައްދަނޑިފުޅުގައި ހިފަހައްޓައިގެން ތިއްބެވެ. ދެންތިބި މީހުން އޭނާގެ ބުރަކަށިފުޅުގައި އަތްއަޅައި ކޮއްޕަނީއެވެ. ކަނޑިތަކާއި ލޮންސިތައް ހިފައިގެންތިބި ސިފައިންގެ އެތައްބަޔެއް ގަނޑުވަރުގެ އެކިދިމަދިމާއިން އޭނާގެ ވަށައިގެން ޖަމާވަމުން ދިޔައެވެ. ބޭރުފުށުން ފެންނަ ގޮތުގައި سعد ގެ ޖޯޝާއި ފޯރި ކުޑަވެއްޖެއެވެ. މިހާރު އޭނާ ފާރަވެރީންނަށް ގަދަދެއްކެވުމުގެ ބަދަލުގައި މަޑުމައިތިރިކަމާއި، ހިމޭންކަމާއެކު އެބައިމީހުންނާ އެކުގައި ވަޑައިގަންނަވަނީއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު