ބިލިއަން ޑޮލަރުގެ ސިނާއަތަކަށް މަސްވެރިކަމުގެ ސިނާއަތްވެސް ހެދޭނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން "މަސްވެރިންގެ ސައްލާ" ޕްރޮގްރާމްގައި ފައުޒީ ވިދާޅުވީ ދެކުނުގައި ދަތިތަކެއްނެތި މަސްކިރުމުގެ އިންތިޒާމްތައް އެބަހުރި ކަމަށާއި ނަމަވެސް އުތުރުގައި ދަތިތަކެއް އެބަހުރި ކަަމަށެވެ. އަދި މިހާރު ކުރެވެމުން އަންނަ މަސައްކަތުން މަސްވެރިންގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށްޓަކައި ވަރަށްގިނަ ކަންކަން ރާވާފައިވާ ކަމަށާއި އެގޮތުން މީގެ ކުރިން މަސްވެރިކަމަށް ކޮށްފައި ނުވާ ވަރުގެ ބޮޑު އިންވެސްޓްމެންޓަކާއެކު ފެލިވަރަށާއި ކޫއްޑޫއާ މ. މުލަކާއި ގދ. ތިނަދޫ އަދި ކަނޑުއޮތްގިރި ތަރައްގީ ކުރުމުގެ މަޝްރޫއަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ މަޝްރޫއަކީ 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

އެގޮތުން ފެލިވަރު ތަރައްގީވެ ނިމޭއިރު، 4،000 ޓަނުގެ ސްޓޯރޭޖާއި ފްރީޒީން ކެޕޭސިޓީ އިތުރު 200 ޓަނުން އިތުރުކުރުމާއި އާރްއެސްޑަބްލިއުގެ އިތުރު 80 ތަނު ބެހެއްޓޭ ގޮތަށް ތަރައްގީވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ކޭނަރީ އިތުރަށް ތަރައްގީކުރުމުގެ ގޮތުން އާ ކޭނަރީއެއް ފެލިވަރުގައި ގާއިމުކުރެވޭނެ ކަމަށާއި މި ކޭނަރީ ވެގެންދާނީ ދުވާލަކަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ކޭނަރީއަކަށް ކަމަށްވެސް ފައުޒީ ވިދާޅުވިއެވެ.

"ސަރުކާރުން ވަރަށް ރަނގަޅު ތަސައްވުރެއް އެބަ ގެންގުޅުއްވާ މަސްވެރިންނަށްޓަކައި، އިރާދަ ކުރެއްވިއްޔާ ޓުރިޒަމާ އެ ސިނާއަތް އެއްވަރު ނުވިޔަސް ތަރައްގީ ކުރެވޭނެ، ބިލިއަން ޑޮލަރުގެ ސިނާއަތަނަށް މި ސިނާއަތްވެސް ހެދޭނެ،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދޭނެ ކަމަށާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް، މަސްވެރިންގެ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ.

މަސްވެރިންވަނީ އެމީހުންގެ ހުރި ބައެއް ކަންބޮޑުވުންތައްވެސް ހިއްސާކޮށްފައެވެ. އެގޮތުން އައިސް ލިބުމުގައި ގިނަ އިރު ކިޔުގައި ތިބެން ޖެހުމާއި މަސް ކިރުމަށްވެސް ގިނައިރު ކިޔުގައި ތިބެން ޖެހޭ ކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި މަސްވެރިން ބާނާ ހުރިހާ މަހެއް ބައެއް ފަހަރު ނުގަންނަކަމުގެ ޝަކުވާވެސް މަސްވެރިން ވަނީ ކޮށްފައެވެ. އެކަމަށް އޮތް ހައްލަކީ ކޮބައިތޯ މަސްވެރިން ވަނީ ސުވާލުކޮށްފައެވެ.

އެގޮތުން ފައުޒީ ވަނީ ކިޔުގައި ގިނައިރު ތިބެން ޖެހޭ މައްސަލައަށް ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިން ބާނާ ހުރިހާ މަހެއްވެސް ގަނެވޭނެ އިންތިޒާމްތައް ހަމަޖައްސައި އެމައްސަލައަށްވެސް މި ސަރުކާރުން ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ފައުޒީ ވަނީ ދެއްވައިފައެވެ.