ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ކަމަށްވާ ސިދާތު މަލޯތުރާ އާއި ކިއާރާ އަދުވާނީ އަދި އަނަންޔާ ޕާންޑޭ އާއި އިޝާން ކައްތަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ސިދާތު އާއި ކިއާރާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާފުށި ރިސޯޓްގައެވެ. އެ ދެތަރީން ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހު އެވެ. ކިއާރާ އާއި ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ދެ ތަރިން ދޮގު ކުރެއެވެ.

ކިއާރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށްފައިވާއިރު، ސިދާތު ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ރިސޯޓްގެ ބައެއް މަންޒަރުތައް ލައިފައެވެ. އެ ދެ މީހުން ރާއްޖެ އައިސްފައިވަނީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުންނެވެ.

ކިއާރާ އާއި ސިދާތު އެކުގައި ކުޅުނު "ޝޭރްޝާހް"ގެ ޝޫޓިން ދާދިފަހުން ވަނީ ނިންމައިފައެވެ. މިއީ މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

ކިއާރާ އާއި ސިދާތުގެ އިތުރުން އަންގާރަ ދުވަހު ވަނީ ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ ޕާންޑޭ އާއި ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާންވެސް އާ އަހަރާ ދިމާކޮށް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. އެ ދެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސަން ސިޔާމް އިރުވެލި ރިސޯޓްގައެވެ. ދެމީހުންވެސް ވަނީ އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް އިންސްޓަގްރާމަށް ލައިފައެވެ.

އަނަންޔާ އާއި އިޝާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެ ދެތަރިން އެކުގައި ވަނީ ވަރަށް ފަހުން ފިލްމަކުން ފެނިގެން ގޮސްފައެވެ. އެ ދެތަރިން އެކުގައި ފެނިގެން ގޮސްފައިވަނީ ކާލީ ޕީލީ އިންނެވެ. މިއީ އެދެތަރިން އެންމެ ފަހުން ކުޅުނު ފިލްމެވެ.

މި ހަތަރު ތަރިންގެ އިތުރުން ބޮލީވުޑްގެ މަގުބޫލު ތަރި ޓައިގާ ޝްރޮފް އާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޝާ ވެސް އާ އަހަރު ފާހަގަ ކުރުމަށް މި ހަފްތާ ތެރޭގައި ވަނީ ރާއްޖެ އައިސްފައެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ މި ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ މިދިޔަ އަހަރު ދ. އަތޮޅުގައި އަލަށް ހުޅުވި ބެގްލިއޯނީ ރިސޯޓުގައެވެ.