މާވަލް ސްޓޫޑިއޯސްގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް: ޑޫމްސްޑޭ" ގެ ފައިނަލް ޓްރެއިލާ އާންމުކުރި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 563 މިލިއަން މީހުން މި ޓްރެއިލާ ބަލައިގެން ޑިޒްނީގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން ބެލި ޓްރެއިލާގެ ރެކޯޑު މުގުރާލައިފިއެވެ.

މި އާ ޓްރެއިލާއާއެކު މާވަލް އިން ވަނީ އިދިކޮޅު ބިރުވެރި ވިލަން ޑޮކްޓަރ ޑޫމްގެ އިންޒާރުތަކާއި، ސުޕަހީރޯއިންގެ ކުރިމަތިލުންތައް ވަރަށް ފުރިހަމައަށް ދައްކައިދީފައެވެ. އާންމުކޮށް ފިލްމުތަކުގެ ފައިނަލް ޓްރެއިލާއަށްވުރެ ފުރަތަމަ ނެރޭ ޓީޒާ ޓްރެއިލާތަކަށް ލިބޭ ތަރުހީބު ބޮޑުވި ނަމަވެސް، މި ފިލްމުގެ ފައިނަލް ޓްރެއިލާއަށް ވަނީ އާދަޔާހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

މީގެ ކުރިން ޑިޒްނީގެ އެންމެ ގިނަ މީހުން ބެލި ޓްރެއިލާގެ ރެކޯޑު ވެސް އޮތީ މި ފިލްމުގެ ފުރަތަމަ ޓީޒާއަށެވެ. އެ ޓީޒާ ޓްރެއިލާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭ 503 މިލިއަން މީހުން ބަލައިފައިވެ ވެއެވެ. އަދި 2024 ވަނަ އަހަރު ނެރުނު "ޑެޑްޕޫލް އެންޑް ވޮލްވެރީން" ގެ ޓްރެއިލާ ބެލި 365 މިލިއަންގެ ރެކޯޑު ވެސް މި ޓްރެއިލާއިން ވަނީ ފަހަތަށް ޖައްސައިފައެވެ.

ދުނިޔޭގެ ސިނަމާ ތާރީޚަށް ބަލާއިރު، މި ޓްރެއިލާއަކީ 24 ގަޑިއިރުގެ ތެރޭގައި 2 ވަނައަށް އެންމެ ގިނަ މީހުން ބެލި ސިނަމާ ޓްރެއިލާއެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ 718.6 މިލިއަން މީހުން ބެލި "ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ" ގެ ފުރަތަމަ ޓްރެއިލާއެވެ.

މީސްމީޑިއާގެ ތަފާތު މަންސަތަކުގައި ވެސް "އެވެންޖާސް: ޑޫމްސްޑޭ" ގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ޓްރެއިލާ ނެރުނު ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި މީސްމީޑިއާގައި މި ފިލްމާ ގުޅޭ 1 މިލިއަނަށް ވުރެ ގިނަ ޕޯސްޓުކޮށްފައިވާއިރު، ޔޫޓިއުބުގެ ޓްރެންޑިންގ ޗާޓުތަކުގެ ކުރި ވެސް ހޯދާފައިވަނީ މި ޓްރެއިލާއެވެ.

އެންތޮނީ އަދި ޖޯ ރޫސޯ ޑައިރެކްޓްކުރާ މި ފިލްމުގައި ރޮބަޓް ޑައުނީ ޖޫނިއަރ، ކްރިސް އީވަންސް، ކްރިސް ހެމްސްވާތު އަދި ޓޮމް ހިޑްލްސްޓަން ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ. "އެވެންޖާސް: ޑޫމްސްޑޭ" ސިނަމާތަކުގައި އަޅުވުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރުގައެވެ.