އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުންކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާއެކު އަންނަ އަހަރު ރާއްޖެއަށް އެތެރެކުރުން މަނާ 12 ބާވަތެއް އާއްމުކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައިވާ އެ އިސްލާހުގައި ވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެއެވެ. އަދި އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުހަލާތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިހުތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ.

މީގެ އިތުރުން އެތެރެކުރުން މަނާ ކުރާ ލިސްޓެއް ތައްޔާރުކޮށް އޭގައި ހިމެނޭ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީހާއެކު އަންނަ އަހަރުގެ ކުރިން ގެޒެޓުގައި ޝާއިއު ކުރަން ވެސް ޖެހެއެވެ.

އެގޮތުން ރައީސް މިއަދު ވަނީ ގަރާރެއް ފާސްކޮށް، ގެޒެޓްކޮށްފައެވެ. އަދި 12 ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުން ރައީސް ވަނީ މަނާކުރައްވައިފައެވެ. އޭގެ ތެރެއިން ނުވަ ބާވަތެއް ރާއްޖެއަށް އެތެރެ ކުރުން މަނާ ވާނީ އަންނަ އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

  • ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓްކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި
  • ރާއްޖެއަށް އިމްޕޯޓު ކުރާ 500 މިލިލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި

މީގެ އިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި އެތެރެ ކުރުން މަނާވާނެއެވެ. އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓު ކުރާ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންވެސް މަނާ ވާނެއެވެ.

އެންމެ ފުރަތަމަ އެ ގާނޫނު މަޖިލީހުން އިސްލާހު ކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން އެފަދަ ޕްލާސްޓިކް ރާއްޖެ އެތެރެ ކުރުން މަނާ ކުރާ ގޮތަށެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އިގުތިސޯދަށް ބޮޑު އަސަރެއްކޮށްފައިވާތީ، އެއް ފަހަރާ ބައިވަރު ބާވަތްތަކުގެ ޕްލާސްޓިކް އެތެރެ ކުރުން މަނާ ކުރުމުގެ ބަދަލުގައި، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލް-ޔޫސް ޕްލާސްޓިކް މަނާ ކުރުމަށް މަޖިލީހުން ފާސްކުރިއެވެ.