މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތޫނު ހަތިޔާރާއެކު "ފަސްކުރި" ނަމަކަށް ކިޔާ މަސް ދޯންޏަށް ބަޔަކު އެރި މައްސަލައިގައި 26 މީހެއްގެ މައްޗަށް ދައުވާ އުފުލައި، އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ އެ މީހުންގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައި ވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ.

އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗެއްސާއެކު ބަޔަކު "ފަސްކުރި" ދޯންޏަށް އެރީ އެ ދޯނި ލ. ވަޑިނޮޅި ކައިރީ އެންދެމުމުގެ މަސައްކަތަކުގައި އޮއްވައެވެ. ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެމީހުން ދޯންޏަށް އެރީ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ ކަމަށް ބުނާ އެ ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، ދޯނި އަތުލުމަށެވެ. ދޯންޏަށް އެރި މީހުންގެ ތެރޭގައި އެ ދޯނީގެ ވެރިމީހާ ވެސް ހިމެނެ އެވެ.

އެ މައްސަލައިގައި އެ ދޯނީގެ ވެރިފަރާތް ސ. ހިތަދޫ/ އިހުރާމުގޭ އިދުރީސް ހުސެއިން ބުނެފައިވަނީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެ ދޯނި ޖާބިރަށް ވިއްކާލާފައިވާ ކަމަށެވެ. އެ ދޯނި ޖާބިރު ގަތީ ހަތް މިލިއަން ރުފިޔާއަށެވެ.

ނަމަވެސް ދޯނި ގެންދަން ފުރަތަމަ ހަތް ލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީ ބައި އެއް އަހަރު ދުވަސް ތެރޭގައި ތިން ޕޭމަންޓަކަށް ދައްކާ ގޮތަށް އެއްބަސްވި ކަމަށާއި އޭގެ ފަހުން އެއްވެސް ފައިސާއެއް ނުދައްކާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެކަމުގައި ޖާބިރަށް ގުޅުމުން ފޯނެއް ވެސް ނުނަގާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ނަމަވެސް އެ ހާދިސާއާ ގުޅިގެން، އެ ދޯނީގައި ތިބި 22 ފަޅުވެރިންގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަސްކުރި ދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި ދޯނީގެ ފަޅުވެރިން ރަހީނުކުރި އެ ހާދިސާއަކީ ރާއްޖޭގެ ތާރީހުގައި މަސްވެރި އުޅަނދަކަށް ތޫނު އެއްޗެއްސާއެކު އަރައި ހިންގި އެންމެ ލާއިންސާނީ އަމަލު ކަމަށެވެ. އަދި ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި ސުލްހަވެރިކަމާއެކު ދޯނި ހޯދީ ކަމަށް ބުނެ އިދުރީސު ހުސެއިން ދައްކަނީ ކަނޑައެޅިގެން ދޮގު ކަމަށް ބުންޏެވެ.

ފަޅުވެރިން އިތުރަށް ބުނީ، ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށަށް ފުރުވައިދިނުމުގައި އެހީތެރިކަން ދިން ކަމަށް ބުނެ ހަދާފައިވަނީ ދޮގު ކަމަށާއި ދޯންޏަށް ތޫނު އެއްޗެއްސާއެކު ނާރާ ކަމަށް ބުނި އިރު މި މައްސަލައިގެ ތަހުގީގަށް ފުލުހުން ދޯނިން ގެންދިޔަ ތޫނު އެއްޗެއްސަކީ ވެސް އިދުރީސް ހުސެއިންއާއެކު ގޮސް ދޯންޏަށް އެރި މީހުންގެ ތަކެތި ކަމަށެވެ. އަދި އިދުރީސް ހުސެއިންއާއެކު ދޯންޏަށް ތޫނު އެއްޗިއްސާއެކު 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި ދޯނީގެ ފަޅުވެރިންނާއި ކައްޕިއަށް ވަޅިން އެކި ފަހަރުމަތިން ބިރު ދައްކައި "ކޮށާލާނެ" ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ބުންޏެވެ.