ޕްރިމިއާ ލީގުގެ ކޮވިޑް 19 ޓެސްޓިން ޕްރޮގްރާމްގެ ދަށުން ހެދި 1479 ޓެސްޓުން 18 ޓެސްޓް ޕޮޒިޓިވް ވެއްޖެއެވެ.
މިއީ މިހާތަނަށް ލީގުގައި ހެދި ޓެސްޓްތަކުގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވް ވި އަދަދެވެ. މީގެ ކުރިން އެންމެ ގިނަ ނަތީޖާ ޕޮޒިޓިވް ވެފައި ވަނީ ނޮވެންބަރު މަހުގެ ނުވަ ވަނަ ދުވަހުން 15 ވަނަ ދުވަހާ ހަމައަށް ހެދި ޓެސްޓްތަކުންނެވެ. އެފަހަރު ވަނީ 16 ޓެސްޓެއްގެ ނަތީޖާ ޕޮޒިޓިވް ވެފައެވެ.
މިމަހުގެ 21 އިން 27 އާ ހަމައަށް ކުޅުންތެރިންނާއީ ޓީމުތަކުގެ އޮފިޝަލުންގެ މެދުގައި ހަދާފައިވާ ޓެސްޓުތަކުގެ 1.22 ޕަސެންޓް ނަތީޖާ ޕޮޒިޓިވް ވެފައިވާއިރު، ކޮވިޑް 19ގެ ސަބަބުން މިދިޔަ ހަފްތާގެ މެޗެއްވެސް ވަނީ ފަސްކުރަން ޖެހިފައެވެ. މެންޗެސްޓާ ސިޓީން އެވަޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަށަން ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ވެފައި އޮއްވައި މެޗު ފަސްކޮށްފައިވަނީ ސިޓީގެ ކޭމްޕްގައި ކޮވިޑް ފެތުރޭތީ، ސިޓީން އެކަން ޕްރިމިއާ ލީގަށް އެންގުމުންނެވެ.
އެ މެޗު ބޯޑުން ފަސްކުރިކަން އެންގުމާއެކު އެވަޓަންއިން ވަނީ މެޗު ފަސްކުރި ކުރުމުގެ ފުރިހަމަ ތަފްސީލު ބޭނުންވާނެ ކަމަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ. އިއްޔެ ޕްރިމިއާ ލީގުގެ ކްލަބު ޝެފީލްޑް ޔުނައިޓެޑުން ބުނެފައި ވަނީ ކްލަބުގެ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އަމަލުކުރަމުން އަންނަނީ ޕްރޮޓޮކޯލްއާ އެއްގޮތަށް ކަމަށެވެ.
މި ހަފްތާ ތެރޭގައި އިނގިރޭސި ފުޓުބޯޅަ ލީގުގެ އެކިއެކި ޑިވިޝަންތަކުގެ މެޗުތައް، ކޮވިޑް 19އާ ގުޅިގެން ފަސްކުރަން ޖެހިފައިވެއެވެ. އެގޮތުން ލީގު ވަންގައި ރޮޗްޑޭލްއިން ދެން ކުޅެން އޮތް ދެ މެޗުވެސް ފަސްކޮށްފައިވާއިރު، ޑޮންކްސްޓާއިން ދެން ކުޅެން އޮތް މެޗު ކެންސަލްވިކަންވެސް މިހާރު ވަނީ އިއުލާން ކޮށްފައެވެ. އޭގެ އިތުރުން ތިންވަނަ ޑިވިޝަންގައި މޯކަމްބޭގެ ދެން އޮތް ދެމެޗުވެސް ވަނީ ކެންސަލް ކޮށްފައެވެ.
ސިޓީއާއި ޝެފީލްޑް ޔުނައިޓެޑުން ދެން ޕްރިމިއާ ލީގުގައި ކުޅެން އޮތް މެޗުތައް ފަސްކުރަން ލީގުން ވިސްނާ ކަމަށް ނޫސްތަކުން ބުނެފައިވާއިރު، އެކަމަަށް ރަސްމީ އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު