ދިވެހިރާއްޖެއަކީ ތަނަވަސް ސަގާފަތެއް އޮތް ގައުމެކެވެ. ދިވެހިންގެ އާދަކާދަތައް އެހެން ގައުމުތަކާ ތަފާތެވެ. އެހެންކަމުން، ދިވެހިންގެ އާދަކާދަތަކާއި ސަގާފަތްތައް ތަރުޖިބާކޮށްލުމަށް ބޭރުގެ ފަރާތްތަކުން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރެއެވެ. ހާއްސަކޮށް ކުދި ޔޮޓްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޝައުގުވެރިކަން އެކަމަށް އިތުރެވެ. ނަމަވެސް، ރާއްޖެ އެތެރެވާ އުޅަނދުފަހަރުން އެކި ނަންނަމުގައި ނަގަމުން ދިޔަ ބޮޑެތި ފީތަކާއި ގާނޫނުގައި ހުރި ހަރުކަށި ބައެއް ކަންކަމުގެ ސަބަބުން ޔޮޓްތަކުގައި ހާއްސަކޮށް ސެއިލިން ޔޮޓްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ.

ރާއްޖެ އަންނަ ޔޮޓްފަހަރަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ގެނެސްދެއްވުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ހއ. އުލިގަމަށް ވަޑައިގެން އެރަށުގައި ހުންނަވައި އެމަނިކުފާނު ވަނީ، ޔޮޓްތަކުން ނަގާ ފީތައް ކުޑަކޮށް، ރާއްޖެ އަންނަ ޔޮޓްތަކަށް ހިތްހަމަ ޖެހުން ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އުލިގަމަކީ ޔޮޓު ފަހަރުގެ މަގުބޫލު މަންޒިލަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް ދެއަހަރު ފުރި، ތިން ވަނަ އަހަރުގެ ދުވަސްތައް ގުނަމުން އަންނައިރު، އުލިގަމުގައި ހުންނަވައި އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅު މިއަދު މިވަނީ ފުއްދަވައިފައެވެ. ފަތުރުވެރިކަމާބެހޭ ގާނޫނަށް ދިހަ ވަނަ އިސްލާހު ގެނައުމުގެ ބިލް މިދިޔަ ހޯމަ ދުވަހު އެމަނިކުފާނު ތަސްދީގު ކުރައްވާފައިވާއިރު، އެ އިސްލާހުގައި ހިމެނޭ އެންމެ މުހިންމު އެއް މާއްދާއަކީ ބޭރުގެ ޓޫރިސްޓް އުޅަނދު ރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރުމާ ގުޅޭ މާއްދާއެވެ. އެ އެމާއްދާގައި ބުނެފައިވަނީ، ދިގުމިނުގައި 15 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރަށް ހުއްދަ ދޫކުރާނީ 5،000ރ ފީއެއް ދެއްކުމުން ކަމަށެވެ. އެހެންކަމުން މިގާނޫނަށް އަމަލުކުރަން ފެށުމާއެކު ދިގު މިނުގައި 15 މީޓަރު ހަމަނުވާ ޔޮޓްތަކުން އިންވާޑް ކްލިއަރެންސްގެ ގޮތުގައި އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

ބައިނަލް އަގުވާމީ، އޯޝަން ކްރޫޒިން ކްލަބްގައި ރާއްޖެ ތަމްސީލް ކުރައްވާ އަސަދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި ރާއްޖެ އެތެރެވާ އުޅަނދުފަހަރުން ބޮޑެތި ފީތައް ނެގުމަކީ މީގެ ކުރިންވެސް އެޖެންޓުންގެ ކަންބޮޑުވުމެކެވެ. ފީތައް ކުޑަކުރުމަށް ރައީސްގެ ވައުދުފުޅާއެކު، ޔޮޓްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ގިނަ އަދަދެއްގެ ޔޮޓުތަކުން ރާއްޖެ އައުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ސަރުކާރުން އޯޝަން ކުރޫޒިންގައި އުޅޭ ޔޮޓްތަކުން ނަގާ ފީ ކުޑަކުރާނެ ކަމަށް ބުނުމާއެކު، އެކަން އޯޝަން ކުރޫޒިންގައި އުޅޭ ފަރާތްތަކަށް ހިއްސާކުރިން. އެއާއެކު ގިނަ ފަރާތްތަކެއް ރާއްޖޭގައި ކުރޫޒު ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި އެބަވޭ. އެގޮތުން މިހާރުވެސް ރާއްޖެ އައުމަށް ޝައުގުވެރިވެގެން 80 ޔޮޓް ހިމެނޭ ލިސްޓެއް އެބަ އޮތް" އަސަދުﷲ ވިދާޅުވިއެވެ.

ޔޮޓްތަކުގެ ފަތުރުވެރިކަމަކީ ވަކި މޫސުމެއްގައި ރާއްޖެއަށް އަންނަ ފަތުރުވެރިކަމެކެވެ. އާންމުގޮތެއްގައި ރާއްޖެއަށް ޔޮޓްތައް އަންނަނީ ޖެނުއަރީ މަހާއި މޭ މަހުގެ ނިޔަލަށެވެ. ޔޮޓްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިން ގިނަ ދުވަސްތަކެއް ވާންދެން ރާއްޖޭގައި ވަގުތު ހޭދަކުރާއިރު މި ފެށޭ ޔޮޓް މޫސުމުގައި ޔޮޓްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހަ މަސް ދުވަހާއި ހަމައަށް ތިބޭނެ ކަމަށް ބައެއް އެޖެންޓުން ބުނެއެވެ.

"ހަގީގަތުގައި ޔޮޓްތަކުގައި މި އަންނަނީ އެންމެ ތަނަވަސް މީހުންނެއް ނޫން. އާންމުގޮތެއްގައި އަންނާނީ ރިޓަޔާޑް ދެމަފިރިން، ނުވަތަ ދެ ލޯބިވެރިން ނުވަތަ ތިން މީހުން ނުވަތަ ހަތަރު މީހުންގެ އާއިލާއެއް. އެމީހުން ގިނައިން މި އަންނަނީ ޕެންޝަން ފަންޑުން ހަރަދުކޮށްގެން. އެހެން އަންނައިރު ބޮޑު ފީއެއް ދައްކަން ޖެހުމަކީ، އެ މީހުންގެ ކަންބޮޑުވުމެއް. މިހާރު ފީތައް ކުޑަކުރުމުން ރާއްޖެ އައިސް ހަރަދު ކުރަން އިތުރު ފައިސާ އެމީހުންނަށް ލިބޭނެ. ގިނައިން މި އަންނަނީ ރާއްޖެ އެކްސްޕްލޯ ކުރަން." އަސަދުﷲ ވިދާޅުވިއެވެ.

ރާއްޖެ އެތެރެވާ އުޅަނދުފަހަރުން ނަގާ ފީތައް ކުޑަކުރިނަމަވެސް، އެއީ އެ ސިނާއަތަށް ލިބުނު އެންމެ މޮޅު ހައްލެއް ނޫނެވެ. ހަރުކަށި ގާނޫނުތަކުގެ ސަބަބުންވެސް ބައެއް ގޮންޖެހުންތައް އެބަހުއްޓެވެ. އަދި އުސޫލުތަކާއި ގަވައިދުތައް އެކުލަވާލައިފައިވާ ގޮތާމެދުވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ. ކަސްޓަމްސްގެ ގާނޫނުގައި ބުނާ ގޮތުން ސެއިލިން ޔޮޓްތަކުގައި އަންނަ ފަތުރުވެރިންނަށް އަރައިފޭބޭނީ ކަސްޓަމްސްގެ އޮފީހެއް ހުންނަ ރަށްރަށާއި އެއާޕޯޓް ހުންނަ ރަށްތަކުގެ އިތުރުން ފަޅުރަށްތަކާއި ރިސޯޓުތަކަށެވެ. ކަސްޓަމަސްގެ އޮފީސް މިވަގުތު ހުރީ ރާއްޖޭގެ ފަސް ރަށެއްގައެވެ. އެއީ، މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީއާއި ހއ. އުލިގަމާއި ގއ. ވިލިނގިލީގައެވެ.

"ޔޮޓްތަކުގައި އެގޮތަށް އަންނަ ފަތުރުވެރިންގެ މައިގަނޑު ބޭނުމަކީ ރާއްޖެ އެކްސްޕްލޯ ކުރުން، ރާއްޖޭގެ ރަށްރަށަށް އަރައި މަޑުކޮށްލައި، އެރަށްތަކުގެ އާދަކާދަތައް ބަލާލައި އަނެއްކާ އެހެންރަށެއްގައި މަޑުކޮށް އެރަށެއްގެ ކަންކަން ބަލައި މިގޮތަށް ސެއިލިން ޔޮޓްތަކުގައި މި އަންނަ ފަރާތްތައް މި އޮޕަރޭޓްވަނީ. މިހާރު އޮންނަ ގޮތުން އެމީހުންނަކަށް މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ނޭރޭ. އެހެންކަމުން އެކަމުގެ ގެއްލުން އެރަށްރަށަށްވެސް، އަދި ފަތުރުވެރިންނަށްވެސް އެބަ ލިބޭ" ޔޮޓްތަކުގައި އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ހިއްސާކުރައްވަމުން އަސަދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑުގެ މިހާލަތަށް ބަލާއިރު ކަރަންޓީންވުމުގައި އަމަލު ކުރަން ޖެހޭ އުސޫލަކީވެސް ޔޮޓް ފަތުރުވެރިންގެ ކަންބޮޑުވުމެވެ. އެއީ އާންމު ގޮތެއްގައި ޔޮޓްތަކުގައި އަންނަ ފަތުރުވެރިންނަކީ 10-15 ދުވަހު ކަނޑުމަތީގައި އުޅުމަށް ފަހު އަންނަ ފަތުރުވެރިން ކަމަށްވާއިރު، ރާއްޖެ އައިސް އަނެއްކާވެސް އެމީހުން ކަރަންޓީންގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހުމުގެ ކަންބޮޑުވުން އެޖެންޓުންގެ އެބައޮތެވެ.

"އަޅުގަނޑުމެން މި އެދެނީ އެ ފަތުރުވެރިން އެންމެ ފަހުން ފުރާ ބަނދަރުން ފެށިގެން 14 ދުވަސް ހަމަވުމުން ދެން މީހުން ދިރިއުޅޭ ރަށްރަށަށް އެރުމުގެ ހުއްދައެއް ދޭށޭ. ޓޫރިޒަމްގެ ގައިޑްލައިން އެކުލަވާލިއިރުވެސް މިކަމަށް ނެތް މާބޮޑު ސަމާލުކަމެއް ދެވިފެއް. މިކަމަށް ނެތް ގައިޑްލައިނެއް އެކުލަވައިލެވިފައެއް. މިއީ ބޮޑު ކަންބޮޑުވުމެއް" އަސަދުﷲ ވިދާޅުވިއެވެ.

އިންވާޑް ކްލިއަރެންސް ކުޑަކުރި ނަމަވެސް އެހެން ބައެއް ފީތައް ތަފާތުކުރުމެއް ނެތި އަދިވެސް ދަނީ ނަގަމުންނެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން "އެންކާ ފީ"ގެ ނަމުގައި ނަގާ ފީއެއް ހިމެނެއެވެ. އެ ފީއަކީ އުޅަނދުފަހަރު ރާއްޖޭގައި އޮންނަ ކޮންމެ ދުވަހަށް ހުރިހާ ޔޮޓަކުންވެސް ހަމަހަމަ އުސޫލަކުން ނަގާ ފީއެކެވެ. އެޖެންޓުންގެ ކަންބޮޑުވުމަކީ، ރާއްޖެއަށް އަންނަ ލަގްޒަރީ ޔޮޓްތަކުންވެސް އަދި އެންމެ އާދައިގެ ޔޮޓްތަކުންވެސް އެއް އަގެއް އެންކާ ފީގެ ގޮތުގައި ނަގާތީއެވެ. އެފަރާތްތަކުގެ އެދުމަކީ އެންކާ ފީ ނަގާ އުސޫލު ބަދަލުކޮށް، ކެޓަގަރީކޮށްގެން އެފީތައް ދެވޭނެ ގޮތްތައް ހަމަޖެއްސުމެވެ.