މިފްކޯ ޕްރައިވެޓައިޒް ކުރުމަކީ ހައްލެއް ނޫން ކަމަށާއި މަސްވެރީންގެ ކުރިމަގަށް ޓަކައިވެސް އެ ކުންފުނި ދެމިއޮންނަން ޖެހޭ އެ ކުންފުނީގެ ކުރީގެ އެމްޑީ، އިބްރާހީމް އާތިފު ޝުކޫރު ވިދާޅުވެއްޖެ އެވެ.
މިފްކޯ ޕްރައިވެޓައިޒް ކުރުމުގެ ބަހުސުގެ އަޑު ގަދަ ވެފައިވާ މި ދަނޑިވަޅުގައި، "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާތިފު ވިދާޅުވީ މަސްވެރީން އެކުރާ ޝަކުވާތަކާއި ކަމާ ގުޅިގެން މި ދެކެވޭ ވާހަކަތަކަށް ބަލާ އިރު، ކަމުގެ ހަގީގީ ހައްލަކީ އެއްވެސް ހާލެއްގައި މިފްކޯ ޕްރައިވެޓައިޒް ކުރުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ބަދަލުތަކެއް އެބަ އަންނަން ޖެހޭ. އެކަމަކު އެބަދަލުތަކަކީ ސަރުކާރުން މަސް ކުންފުނި ހިންގުން ހުއްޓައިލުމެއް ނޫން. އެ ކުންފުނީގެ ފޯކަސް ބޮޑުކުރަން ޖެހެނީ މަސްވެރިކަން ދިރުވައި އާލާކޮށް މަސްވެރިކަމުގެ އާ ދާއިރާތަކަށް މި ސިނާއަތް ފުޅާކުރަން. ދިރާސާތައްކޮށް މަސްވެރިކަމުގެ އާ ބާވަތްތަކުގެ ވިޔަފާރި ތައާރަފުކުރުމަށް." ރާއްޖޭގެ އިގްތިސޯދު ދިރާސާ ކުރައްވައި، އިގްތިސޯދީ ދާއިރާއިން ގިނަ ލިޔުއްވުންތަކެއް ލިޔުއްވައި ޝާއިއުކުރައްވަމުން ގެންދަވާ އާތިފު ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު ދިވެހި މަސްވެރީންނަށް އަދި މި ބޭނުންކުރެވެނީ ކަނޑުފަޅުގެ ވަރަށް ވެސް ކުޑަ އިންސައްތައެއް ކަމަށާއި އެހެން ކަމުން މަސްވެރީންނަށް އިތުރު ބާވަތްތަކުގެ މަސްވެރިކަން ތައާރަފުކޮށް، އެކި ކަހަލަ ތަމްރީނުތައް ދީ، އިންޑަސްޓްރީ އިތުރަށް ތަރައްގީކޮށް ބޮޑުކުރުމަށް ކުރާން ޖެހޭ ކަންކަން ކުރުމުގެ ބޭނުމަށްޓަކައި ވެސް މިފްކޯގެ މުހިންމުކަން ބޮޑު ކަމަށެވެ. އަދި އެކަންކަމަށް މިފްކޯގެ ފޯކަސް ފުޅާކުރާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އާތިފު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން މިހާ ހިސާބަށް ތަރައްގީވެ ކުރިއަރައި ބޮޑު އިންޑަސްޓްރީއަކަށް ހަގީގަތުގައި ވެގެން ދިޔައީ ވެސް މިފްކޯގެ ފުޅާ ދައުރެއް އެކަމުގައި އޮތުމުން ކަމަށެވެ. އަދި މިހާލަތުގައި މިފްކޯ ޕްރައިވެޓައިޒް ކޮށްފި ނަމަ އޭގެން ނުކުމެދާނެ ނުރަނގަޅު ނަތީޖާ ވަރަށް ބޮޑު ވެދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އާތިފު ވިދާޅުވި އެވެ.
މިފްކޯ
މިފްކޯ
މިފްކޯ
މިފްކޯ