އާ އަހަރާ ދިމާކޮށް ތިން ދުވަހަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ކޮންމެ އާ އަހަރާ ދިމާކޮށް ވެސް ބީއެމްއެލް ބަންދުކުރެ އެވެ. އެ ބޭންކުން މިއަދު ބުނީ، މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ބްރާންޗުތަކާއި ހިދުމަތްދޭ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އަލުން ބޭންކު ހުޅުވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ބޭންކު ބަންދު ދުވަސްތަކުގައި ވެސް ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް ބޭންކުގެ ހިދުމަތްތައް ލިބޭނެ ކަމަށާއި އަދި އެހީތެރިކަމަށް ބޭނުންވާނަމަ ބޭންކުގެ ކޯލް ސެންޓަރު 3330200 އަށްވެސް ގުޅޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.