މަސައްކަތުން ރިޓަޔާ ކުރެއްވުމަށްފަހު ކޮންމެ އަހަރެއްގެ އެއްބައި ހޭދަކުރައްވާނީ އަމިއްލަ ރަށް (ޅ.ހިންނަވަރު) ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެކަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އަޑުން މިއަދު ހެނދުނު ފޮނުވި "ބާއްޖަވެރި ހެނދުނެއް"ގެ ހާއްސަ ޕްރޮގްރާމްގައި އެހުންތެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެހުންތެރިޔާ ސުވާލު ކުރެއްވީ، ބައެއް މީހުން މާލޭގައި ވަޒަންވެރިވުމަށްފަހު އަމިއްލަ ރަށާއި އާއިލާއާއި، އަދި ރަށުގައި އެކީގައި އުޅުނު އެކުވެރިންނާއި އެއްބަނޑު ތިމާގެ މީހުންނާ ދޭތެރޭ އޮތް ގާތްކަން ހީނަރުވާތީ، އެމަނިކުފާނާއި އަނބިކަނބަލުންނާއި ބޭފުޅުން އަމިއްލަފުޅު ރަށަށް ވަޑަިއގެން ޗުއްޓީ ހޭދަކުރައްވަންތޯއެވެ.
ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ އާއި ރަށުގައި ތިބި ރައްޓެހިންނާ އަބަދުވެސް ގުޅުން އޮން ކަމަށެވެ. އަދި މީގެކުރިން އަހަރަކު ދެފަހަރު ނުވަތަ ތިންފަހަރު ރަށަށް ވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ރިޓަޔާމަންޓަށްފަހު ކޮންމެވެސް ދުވަސްވަރެއް އަބަދުވެސް ރަށުގައި ހޭދަކުރެއްވުމަކީ އަބަދުވެސް އޮންނަ ވިސްނުންފުޅެއްކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވިސްނުމެއް، އަބަދުވެސް ހިތުގައި އޮންނަކަމެއް، އަޅުގަނޑު ރިޓަޔާކުރާދުވަހު، ރިޓަޔާމަންޓަށް ދާނެ ކޮންމެ މީހަކުވެސް، އެހިސާބުން އަޅުގަނޑުގެ ކޮންމެވެސް ދުވަސްވަރެއް ރަށުގައި ހޭދަކުރުން،" ރައީސް ވިދާާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރަށުގައި އަމިއްލަ ގޯއްޗެއްވެސް އޮންނަ ކަމަށެވެ. ނަމަވެސް އެއީ ހަދައިފައި އޮތް ތަނެއްނޫން ކަމަށާއި، ނަމަވެސް އެހިސާބަށް ދާއިރު ގޯތި ކޮންމެވެސް ވަރަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ އޮވޭ ރަށުގައި ގޯއްޗެއް، އެކަމަކު އަދި ނުވެއް ހެދޭ، އެކަމަކުވެސް ރިޓަޔާމަންޓަށް ދާއިރަށް އިރާދަކުރެއްވިއްޔާ ކޮންމެވެސް ވަރަަކަށް ހަދާނަން، ރިޓަޔާމަންޓަށްފަހު ކޮންމެ އަހަރެއްގެވެސް ބައެއް ރަށުގައި ހޭދަކުރާނަން،"
ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނާއި އަމިއްލަ ރަށާ އަބަދުވެސް ހާއްސަ ގުޅުމެއް އޮންނަ ކަމަށެވެ.