ރިޕޯޓް

2020- ކަލަންޑަރުގައި އޮތް، ދިރިއުޅުމުގައި ނެތް އަހަރެއް!

އަލީ ޔާމިން

އާ އަހަރެކެވެ. ދިވެހިންގެ ދިރިއުޅުން އާދައިގެ މަތިން ކުރިއަށް ދިޔައެވެ. ވިޔަފާރިވެރިން ވިޔަފާރިއައިގެން މަސްއޫލުވެ އުޅުނެވެ. އެކި މަސައްކަތުގައި ރައްޔިތުން ހޭލަމޭލައަށް އުޅުނެވެ. އާދައިގެ މަތިން ދަރިވަރުން މަދަރުސާތަކަށް ގޮސް އުޅުނެވެ. އެންމެންވެސް އުޅުނީ އާދައިގެ ހަމަޖެހޭ ދިރިއުޅުމެކެވެ. ފުރިހަމަ މިނިވަންކަމާއެކުގައެވެ. އެއިރު އަހަރުގެ ކުރިއަށް އޮތް ދުވަސްތަކުގައި ޗެންޗޭނަކުން ހަތަރެސްފައި "ކަސްތޮޅު" އެޅިދާނެ ކަމަށް ދިވެހިންގެ ތެރެއިން ހަމަ އެކެއްގެ ހިތަށްވެސް ނާރައެވެ. އާ އަހަރަށް ކުރި އުންމީދުތައް ފެނަށް ވެދާނެ ކަމަށް ވިސްނިފައެއް ނެތެވެ. ނަމަވެސް ޗައިނާގެ މައި ދޮރާށިން ނުކުމެ ފަހަރަކު ގައުމަކަށް ފަހަރަކު ގައުމަކަށް އަރަމުން އައިސް އިންޑިއާ ކަނޑުގައި އޮތް މުތީތަކެއް ފަދަ އަޅުގަނޑުމެންގެ މި ރީތިރީތި ރާއްޖެއަށްވެސް ކޮވިޑް 19ގެ ބަލިމަޑުކަން އެރީއެވެ.

ކޮވިޑްގެ މޫދައް ދިގުވަމުން ވަރުގަދަވަމުން އައިސް ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅޭ ވެރިރަށް މާލެއަށް މި ބަލި ފެތުރި މާލެ އެއްކޮށް ބަންދުކުރަން ޖެހުނެވެ. ދުނިޔޭގެ ނިސްބަތުންވެސް އެންމެ "ކޮންޖެސްޓެޑް" ސިޓީއަށް ލޮލަށް ނުވެސް ފެންނަ އަދި އެ ވައިރަހަކާ ބެހޭ މާގިނަ މައުލޫމާތެއް އެނގެން ނެތް "ގޮތްނޭނގޭ" ވައިރަހެއް ފެތުރިގަތެވެ. އަލާމާތެއް އަމުދަކުން ނުވެސް ފެންނަނީއެވެ. ފެންނަ އަލާމާތްތައްވެސް އާދައިގެ އަރިދަފުސް ރޯގާގެ އަލާމަތްތަކާ ތަފާތެއް ނެތެވެ. ކޮވިޑަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ކަމުން، އިސާހިތަކު މުޅި މާލެއަށް ބަލި ފެތުރުނުވެ. އެގަހު ކޭލެއް މިގަހު ކޭލެއް ވަތްކެއް ނުވެއެވެ. ކޮވިޑް ޖެހިފައި ތިބީ ކޮންބައެއްކަން ނުޖެހެނީ ކޮންބައެއްކަން ވެސް ނޭނގޭ ހިސާބަށް ގޮސް މުޅި މާލޭގައި ބޮޑު ތަޅު އެޅުވިގެންދިޔައެވެ. އަސާސީ ބޭނުންތަކަށް އަތޮޅުތެރެއިން މީހުން އަބަދުވެސް އައިސްގޮސްވާ މާލެ ބަންދުކުރުމުގެ ތަކުލީފު ރާއްޖޭގެ ހުރިހާ ރަށަކުން އުފުލިއެވެ. މާލެއިން ބޭރަށް މީހަކަށް ދެވެނީކީ ނޫނެވެ. އަތޮޅުތެރެއިން މާލެއަށް އާދެވެނީކީ ނޫނެވެ. ރާއްޖޭގެ ތާރީހުގައިވެސް ދިވެހިންނަށް ކުރިމަތިވެފައި ނުވާވަރުގެ ބޮޑު ބަލިމަޑުކަމަކާ ދިވެހި ގައުމު ހަނގުރާމަ ކުރަން ޖެހުނެވެ. އެ ހަނގުރާމަ ދިވެހިން ކުރަން ޖެހުނީ، މޫނު ނިވާކޮށްގެން ގައިދުރުކަމާއިވެސް އެކުގައެވެ.

ކޮވިޑް ކޮންޓްރޯލް ނުވެ ފެތުރެން ފެށުމުން މުޅި ރާއްޖެ ފުރަބަންދުކޮށް ރާއްޖޭގެ މައި ދޮރާށި މާޗު 27ގައި ބަންދު ކުރިއެވެ. ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ބަންދުކުރަން ޖެހުމާއެކު ގައުމުގެ އިގްތިސޯދު ހީނަރުވެ، އެކަމުގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެތައް ރައްޔިތަކަށް ކުރިއެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ، "ނާށިގަނޑު" ހިފައިގެން މަގުތަކަށް ނުކުންނަ ހިސާބަށް ގައުމުގެ ކަންކަން ދިޔައެވެ. ކުރިން ބަރާބަރަށް ހިނގަމުން އައި އެތައް ކަމެއް ކުއްލިއަކަށް ހުއްޓާލަން ޖެހި އެކަމުގެ މާޔޫސްކަން އެތައް ރައްޔިތަކު ތަހައްމަލު ކުރަން ޖެހުނެވެ. ކޮވިޑްގެ ސަބަބުން ގެތަކުގެ ހަތަރުފާރު ތެރޭގައި "ބަންދުވެގެން" ތިބެން ރައްޔިތުންނަށް މަޖުބޫރުވިއެވެ. ރާއްޖެ އިސްލާމްވީ ފަހުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިސްކިތްތައް ބަންދުކޮށް މިސްކިތަށް އަރައި ޖަމާއަތުގައި ނަމާދުކުރުން މަނާކުރާން ޖެހުނެވެ. ކުޑަކުޑަ ވައިރަހެއްގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ޖެހުނެވެ. މަދަރުސާތަކާއި ކޮލެޖުތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި ކުޅިވަރުކުޅޭ ތަންތަނާއި މިހެން ގޮސް ރައްޔިތުން ހިދުމަތް ހޯދާ ގިނަ ތަންތަން ބަންދު ކުރަން ޖެހުނެވެ.

ސްކޫލުތައް ބަންދުކޮށްފައި އޮތުމުން އެތައް ކުދިންނަކަށް އެކަމުގެ އަސަރުކުރިއެވެ. އެކަމުގެ ސަބަބުން ކުދިން ކިޔެވުމަށް އޮތް ޝައުގު ގެއްލި ސްކޫލުން ކެނޑޭ ކުދިންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު ހީވިއެވެ. މުހިންމު އިމްތިހާނުތައް ފަސްކޮށް، ދިރާސީ އަހަރުގެ ކިޔެވުންވެސް ފަސްކުރަން މަޖުބޫރުވިއެވެ. އިތުރު ހަރަކާތްތަކުން ސްކޫލު ކުދިން މަހްރޫމްވިއެވެ. ޓިއުޝަން ކްލާސްތަކަށް ގޮސް ލިބެން ޖެހޭ އިލްމު އުނގެނުމުގެ މަގު ބަންދުވިއެވެ. މިހެން ގޮސް އެތައް ތަކުލީފެއް ތައުލީމް ހާސިލްކުރާ ދަރިވަރުންނަށްވެސް ކޮވިޑްގެ ސަބަބުން ކުރިމަތިވިއެވެ.

ދެން އޮތީ، އަހަރުގެ ބަންދު ދުވަސްތަކުގައި، ޗުއްޓީ ހޭދަކޮށްލުމަށް މާލެއިން ބޭރަށް ނުވަތަ އެހެން ގައުމުތަކަށް ދާން ފޫގަޅައިގެން ތިބި މީހުންނެވެ. އެމީހުންގެ އުންމީދުތައްވެސް ކޮވިޑާއި އެކު ގައުމު ބަންދުކުރަން ޖެހުމުން ދިޔައީ ފެނަށެވެ. ކުރިން ޗުއްޓީއެއް ލިބޭއިރަށް އެކި ތަންތަނަށް ފުރައިގެންދާ މީހުން މިފަހަރު ތިބެން ޖެހުނީ މާލޭގެ ރަށު ބަންދެއްގައެވެ. ބޯޑަރު ނުހުޅުވާތީ އަހަރު ދެބައިބީއިރުވެސް ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ނުވިއެވެ. ކޮވިޑްގެ ކޭސްތައް މަދުވާން ފެށުމުން ޖުލައި 15ގައި ބޯޑަރު ހުޅުވި ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތައް ބަންދުކޮށްފައި އޮތުމުން ރަށުބަންދުން ފިލާނެ ގޮތެއް ނެތެވެ.

އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަން ތިބި ޒުވާނުންނަށްވެސް ކޮވިޑްގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި އިގްތިސޯދީ ހީނަރުކަމާއެކު ފައިނޭންސް ހޯދުމަށް ހުރި ހަނި ފުރުސަތުތަކުގެ ސަބަބުން އަލަށް ވިޔަފާރީގެ ތެރެއަށް ނުކުންނަން މަސައްކަތް ކުރި ޒުވާނުން ދިގު އިންތިޒާރެއްކުރަން ޖެހުނެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގަމުން ދިޔަ ބައެއް ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރިތައް ބަންދުކުރަން ޖެހުނެވެ. މާލީ ދަތިތަކާހުރެ ބައެއް ކުންފުނިތައް ބަނގުރޫޓުވި މަންޒަރުވެސް ފެނިގެން ދިޔައެވެ.

ސިއްހީ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވާއިރު، ހޮސްޕިޓާތަކާއި ކްލިނިކްތަކުގެ ހިދުމަތް ހޯދުމަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހުނެވެ. ބޭސްފަރުވާއަށް މާލެއަށް ކޮންމެހެން އަންނަން ޖެހޭ މީހުންގެ ފަރުވާ ލަސްވުމުގެ ސަބަބުން ފުރާނައަށްވެސް ނުރައްކާވާ ހިސާބަށް ކަންކަން ދިޔައެވެ. އާއްމު ބަލިތަކުގެ ޑޮކްޓަރަކަށް ދައްކަންވެސް އެތައް އޮޅިއެއް ގިރާކުރަން މަޖުބޫރުވި އެވެ. އެއީ ކޮވިޑަށް ރާއްޖޭގެ މުޅި ސިއްހީ ދާއިރާގެ "ފޯކަސް" އެނބުރިފައި އޮތުމުންނެވެ. އެކަމުގެ ސަބަބުން ކޮވިޑް ނޫން ބަލިތަކަށް ފަރުވާ ދިނުމުގައި ލަސްތަކެއް އައިކަމާމެދު ދެބަސް ވެވޭކަށް ނެތެވެ. ނަމަވެސް ސިއްހީ ހިދުމަތްތެރީންގެ ތާށިކަމާއެކުވެސް ސިއްހީ ހިދުމަތްތައް އެންމެ ރަނގަޅަކަށް ފޯރުކޮށްދެވޭތޯ ސަރުކާރުން މަސައްކަތް ކުރިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޑްގެ ފުރަތަމަ ކޭހެއް ރާއްޖެއިން ފެނުނުއިރު، އަހަރު ނިމިގެންދާއިރުވެސް ދިވެހިން ތިބެން މިޖެހުނީ ކޮވިޑާއި ހަނގުރާމަކޮށްލަ ކޮށްލައެވެ. ކޮވިޑްގެ ކޭސްތައް މިހާރު މަދުވިނަމަވެސް ކޮވިޑްގެ ނުރައްކާ އަދިވެސް އެބައޮތެވެ. ކޮވިޑް އެންމެ ހަލުވިކަމާއެކު ފެތުރެން ފެށިއިރު އޮތް ހަރުކަށި ފިޔަވަޅުތަކަށް މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. 2020 ވަނަ އަހަރު ނިމި އާ އަހަރަކަށް އަލިވިލޭއިރު މިއަހަރު ވެގެން މިިދިޔައީ، ކަލަންޑަރުގައި އޮތެއްކަމަކު ދިރިއުޅުމުގައި ނެތް އަހަރެއްގެ ގޮތުގައެވެ. ގިނަ މީހުން ބޭނުން ވަނީ މި އަހަރަކީ ނުވެސް އަންނަ އަހަރަކަށް ހަދާންށެވެ. އެކަމަކު މިއީ ތަގުދީރެވެ. 2020 ވަނަ އަހަރު ކަލަންޑަރުގައި ވެސް އޮތީ އެވެ. އަހަރެމެންގެ ހަޔާތަށް ވެސް އައި ގޮތަކަށް އައިސް ދިޔައީ އެވެ. އަހަރެމެންނަށް އޮތީ މިފަދަ ކޮންމެ އިމްތިހާނަކާ ކުރިމަތިލުމެވެ. ކެތްތެރިކަމާ އެކުގަ އެވެ.