އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ކޯލިޝަނުން ވިއްކީ ވެސް ހިޔާނާތުގެ ބިތުފަންގި ނަގާނެ ކަމުގެ ވައުދެވެ. ރައްޔިތުންގެ ފައިސާއިން ވައްކަންކުރި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމަކުރާނެ ކަމުގެ ވައުދެވެ. އެކަމަށް ރައްޔިތުން ހެއްލުނީ ވެސް ސަބަބެއް ނެތިއެއް ނޫނެވެ. މުޅި ދައުލަތުގެ ތެރޭގައި ހިޔާނާތް ހިންގައި ވަގަށް ނަގައި މަންފާ ލިބިގަތީ ރައްޔިތުންގެ 3.3 ބިލިއަން ރުފިޔާ އިންނެވެ. އެކަމުގެ މަންފާ ލިބިގަތީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. "އިންސާފުވެރި" ފަނޑިޔާރުންނެވެ. ހިމާޔަތުގައި ތިބި ފުލުހުންނާއި ސިފައިންނެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންނެވެ. ކުންފުނިތަކުގެ ވެރިންނާއި އިސް މުވައްޒަފުންނެވެ. އެ ނަންތައް ރައްޔިތުން އެނގެން ބޭނުންވެ އެވެ.

ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ފުލް ރިޕޯޓް މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ނަމަވެސް، އެނގުނީ އަދަދުތަކެކެވެ. ހިޔާނާތަށް ފަސް އަހަރުވި އިރު ވެސް އެކަމުގެ ބައިވެރިން މިހާ ދުވަހު ތިބީ ފޮރުވައިގެންނެވެ. ތަހުގީގީ އިދާރާތަކަށް އެ މީހުން އަތެއް ނުވި އެވެ. ނުވަތަ ބާރާއި ނުފޫޒު ގަދަކަމުން ގާނޫނުގެ ދިގު އަތް ނުފޯރައި، ސިއްރުކުރަނީ އެވެ. ކޮންމެއަކަސް އުންމީދުގައި ތިބި ރައްޔިތުންނަށް އަހަރު ނިމިގެން މިދަނީ ނާއުންމީދުގަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގެވި ކަަމަށް އެކަމުގައި އެންމެ އިސްކޮށް އުޅުއްވި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފުރަތަމަ ފަހަރަށް ކޯޓުގައި އިއުތިރާފުވެ ވަޑައިގަތެވެ. އަދި ފައިސާ އަށް ހިޔާނާތްތެރިވި ގޮތާއި ލޯންޑަރ ކުރެއްވި ގޮތާއި އެ ފައިސާ ލިބުނު މީހުންނާއި އެ މީހުންގެ ދައުރު ވެސް ތަފްސީލްކޮށް ކިޔައި ދެއްވާނެ ކަަމަށް ވިދާޅުވި އެވެ. އަދި ހެކީގެ ގޮތުގައި ފޯނުތަކާއި އެ ނޫން ވެސް ތަކެތި ފުލުހުންނާ ހަވާލުކުރެއްވި އެވެ.

މިއާއެކު ހިޔާނާތުގެ ވަށައިގެން ތިބި އެންމެން ހާމަވާނެ ކަމުގެ އުއްމީދު ލިބި، ހިޔާނާތުގައި ހޭކިފައި ތިބި އެންމެން ތުރުތުރު އަޅަން ފެށި އެވެ. މީގެ ކުރިން ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އަދީބަށް އެކަމުން ލިބުނީ ލުޔެކެވެ. އެއީ ދައުވާތަކަށް އެއްބަސްވެ ވަޑައިގަތުމުން އަދަބު ލުއިކޮށްދޭ ގޮތަށް ދައުލަތާއި އަދީބާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އުފުލި ހަތް ދައުވާއަށް އިއްވާފައިވަނީ 20 އަހަރަށް ޖަލަށްލުމުގެ އިތުރުން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ.

އަދީބު 20 އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، އޭނާ ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވާނީ 19 އަހަރުގެ މުއްދަތެކެވެ. އެއީ އެ މައްސަލަތަކާ ގުޅިގެން އޭނާ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ބަންދުގައި ހުންނެވި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުންނެވެ.

ހިޔާނާތުގައި މިއަހަރުގެ ތެރޭގައި އިތުރު ޖަލު ހުކުމެއް އައި ބޭފުޅަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށެއް 2016 ވަނަ އަހަރު ސާބިތުވުމުން އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، މި ސަރުކާރުން ޒިޔަތުގެ މައްޗަށް 32 ދައުވާއެއް އުފުލި އެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ ޒިޔަތު ވެސް ސަރުކާރާއެކު އެއްބަސްވުމެއް ހެދި ތަނެވެ. އެހިސާބުން ޒިޔަތަށް ވެސް ލިބުނީ "ލުއި" ހުކުމެކެވެ. އެއީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

މި ސަރުކާރު އައި ފަހުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ފުރަތަމަ ޖަލަށްލީ ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމަކުން އެއް އަހަރު ތަންފީޒުވެ ނިމިއްޖެ އެވެ. އަދިވެސް ހުންނެވީ ޖަލުގަ އެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ކުރިއަށްދާއިރު، ދައުލަތުން ގެންދަނީ ހިޔާނާތުގެ އިތުރު ދައުވާތައްވެސް ރައީސް ޔާމީންގެ މައްޗަށް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އެމަނިކުފާނަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ.

އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާ އެވެ. ޕީޖީ އޮފީހުން ބުނާ ގޮތުން، ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފަ އެވެ.

އެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، އެކަމުގައި އެންމެ ކަންބޮޑުވާ ބޭފުޅަކީ ކުރީގެ ރައީސް އަދި އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެމަނިކުފާނު ވަނީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީން އެކަނި ޖަލުގައި ބެހެއްޓުން އިންސާފުވެރި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުއާއަކީ ރައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބިވަޑައިގެން މިނިވަންވުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ އެދިވަޑައިގެންނެވި ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ޖަލަށްލީ ދުވަހު އެކަމާ ދެރަވެ ކީރިތިކުރެއްވުނު ކަމަށް ވެސް ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ އަކީ މި ސަރުކާރަށް އަދިވެސް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މި ހިޔާނާތުގެ ފައިސާގައި ޖެހުނު ގިނަ މީހުން ތިބީ މިނިވަންކަންމަތީގަ އެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުން ރައްޔިތުންގެ މަޖިލީހުގައްޔާއި އެހެނިހެން މަގާމުތަކުގައި ވެސް އެބަ ތިބި ކަމަށް ރައްޔިތުން ގަބޫލު ކުރެ އެވެ. އެހެން ކަމުން ހަމަ އެކަނި ދެބޭފުޅަކަށް ޖަލު ހުކުމް ކުރުމަކުން މިކަމުގައި އިންސާފު ލިބިއްޖެ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. އަދި އަމުދުން މި މައްސައިގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ހަޒާނާއިން ގެއްލުނު ފައިސާ އަނބުރާ ލިބުން ކަމަށް ވާއިރު، އެމަގަށް ތަހުގީގުތައް ފަހިވުމަކީ ވެސް ރައްޔިތުން އެދޭ އެދުމެކެވެ.