ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މޯލްޑިވް ގޭހުން އޮކްސިޖަން ޕްލާންޓެއް ބަހައްޓައި ހިދުމަތް ދޭން ފަށައިފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލާންޓް ހުޅުއްވައިދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބުދުލް ލަތީފެވެ.
މޯލްޑިވް ގޭހުން ބުނީ، އެ ޕްލާންޓުން އުތުރުގެ ތިން އަތޮޅަށް ބޭނުންވާ އޮކްސިޖަން އުފެއްދޭނެ ކަމަށެވެ. މިއީ އަތޮޅުތެރޭގައި ހިދުމަތްދޭން ފެށި ފުރަތަމަ އޮކްސިޖަން ޕްލާންޓެވެ.
މިއަދުު ކުޅުދުއްފުށީގައި ހުޅުވުނު އޮކްސިޖަން ޕްލާންޓާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ކަނޑައަޅާ އެންމެ މަތީ ސްޓޭންޑެޑްގައި ރައްޔިތުންނަށް ގޭސް ފޯރުކޮށްދެވޭނެ ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ގާއިމުކުރި އެ ޕްލާންޓުގެ ސަބަބުން މެޑިކަލް ގޭހަށް ކުރަން ޖެހޭ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
އޮކްސިޖަން ޕްލާންޓުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ވެރިންނާއި މޯލްޑިވް ގޭސް އަދި ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު