ޚަބަރު

އަސާސީ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފާމަސީތަކަށް އަންގައިފި

އަލީ ޔާމިން

އަސާސީ ބޭސްތައް މެދުނުކެނޑި ދާއިމީ ގޮތެއްގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ބޭސް އިމްޕޯޓްކުރާ ފަރާތްތަކަށާއި ފާމަސީތައް ހިންގާ ފަރާތްތަކަށް އަންގައިފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، އަސާސީ ބޭހަކީ މެދުނުކެނޑި ދާއިމީ ގޮތެއްގައި ބަލި މީހުންނަށް ފަސޭހަ ކަމާއެކު އަބަދުވެސް ލިބެން ހުންނަން ޖެހޭ މުހިއްމު ބޭސް ތަކެއް ކަމަށާއި މި ބޭސް ލިސްޓަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ފަންނީ ލަފައާއި އިރުޝާދާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެސެންޝިއަލް މެޑިސިން ލިސްޓް ނަމޫނާ އަކަށް ބަލައިގެން ރާއްޖޭގެ ސިއްހީ ހާލަތަށް ރިޔާއަތްކޮށް ކޮންމެ ދެ އަހަރުން އެއް އަހަރު، އަދާހަމަކޮށް އާއްމުކުރާ ލިސްޓެއް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ އަސާސީ ބޭސް ނުވަތަ އެސެންޝިއަލް މެޑިސިން އަކީ އަބަދުވެސް މެދުނުކެނޑި ބަލި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއެކު އެގިންތި އަކަށް ކަނޑައެޅިފައިވާ ހެލްތު ފެސިލިޓީ އަދި ފާމަސީ ތަކުގައި އަބަދުވެސް ލިބެން ހުންނަށް ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ހިދުމަތް ދޭ ފަރާތް ތަކުގެ ޝަކުވާ ލިބެމުންދާ ކަމުގައި ބުންޏެވެ.

މީގެ އިތުރުން އެފްޑީއޭގެ ބަޔާނުގައި ބުނީ، ބޭހާއި ބެހޭ ގަވައިދުގައިވާ ގޮތުން ބޭސް ފިހާރަތަކުގައި އަސާސީ ބޭސްތައް އަބަދުވެސް ލިބެން ހުންނަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އަސާސީ ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެފްޑީއޭއިން ވަނީ ފާމަސީތަކާއި ބޭސް އިމްޕޯޓްކުރާ ފަރާތްތަކަށް އަންގާފައެވެ. އަދި އެ އެންގުމާއި އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.

އެފްޑީއޭއިން ބުނީ އަސާސީ ބޭހުގެ އިތުރުން ހުއްދަ ދީފައިވާ ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތައްވެސް ބޭސް ފިހާރަތަކުގައި ބެހެއްޓޭނެ ކަމަށެވެ.