އިންޑިއާގެ މަލިކަށް ފުރަތަމަ ސީ ޕްލޭނެއް ޖެއްސުމުގެ ޝަރަފު ގައުމީ އެއާލައިން، މޯލްޑިވިއަނަށް ލިބިއްޖެއެވެ.
ސްޕައިސް ޖެޓުން ޗާޓަރުކޮށްގެން މޯލްޑިވިއަަންގެ ސީޕްލޭނެއް އިންޑިއާގެ އަހުމަދީ އާބާދަށް ދިއުމުގެ މަގުމަތީގައި މިއަދު ވަނީ މަލިކަށް ޖައްސައިފައެވެ. ތާރީހު ދިރާސާކުރާ ބޭފުޅުން ވިދާޅުވާގޮތުގައި މިއީ މަލިކުގެ ތާރީހުގައިވެސް އެރަށުގައި ސީޕްލޭނެއް ޖެއްސި ފުރަތަމަ ފަހަރެވެ.
ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް މަލިކަކީ ދިވެހިންނާ އެއްގޮތް ސަގާފަތެއް އޮންނަ ރަށެކެވެ. މަލިކު މީހުންގެ ރަސްމީ ބަހަކީވެސް ދިވެހި ބަހެވެ.
މޯލްޑިވިއަނުން ބުނީ، ސްޕައިސް ޖެޓުން ސީޕްލޭން ޗާޓަރުކުރީ އެއް މަސް ދުވަހަށް ކަމަށެވެ. އެ ދަތުރުގައި މޯލްޑިވިއަންގެ ހަ ކްރޫއިން އިންޑިއާއަށް ގޮސްފައިވެއެވެ.
މިދިޔަ އޮކްޓޮބަރު މަހުގެ 31 ވަނަ ދުވަހު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. ސްޕައިސް ޖެޓުން މޯލްޑިވިއަންގެ ސީޕްލޭނެއް ބޭނުންކޮށްގެން އިންޑިއާގެ ކެވެދިއާ އާއި އަހުމަދީ އާބާދާއި ގުޖުރާތާ ދެމެދު ސީޕްލޭންގެ ހިދުމަތްދޭނެއެވެ.