ރައްކާ ރޯޑް ޝޯގެ "ރަން"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ފުރުސަތު ހުޅުވާލާފައިވާކަން އިއުލާން ކޮށްފައިވަނީ ރައްކާ ރޯޑް ޝޯ އިފްތިތާހް ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އެގޮތުން މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓު ކުރުމަށް މި ދުވުން އިންތިޒާމް ކުރާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އެދިފަ އެވެ.
ރައްކާ ރޯޑް ޝޯ އަކީ އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޕޮލިސް ސާވިސް އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ހޭލުންތެރިކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތް ބާއްވަމުން އަންނަނީ މަގުމަތީގެ އެކި ސަރަހައްދުތަކުގަ އެވެ. މި ހަރަކާތުގައި މަގުމަތީގައި ހިނގާ އެކި އެކި ހާދިސާތަކާ ގުޅިގެން މީހުން ހޭލުންތެރިކުރުވުމުގެ ކަންކަން ކުރަމުންދެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ސަމީރު ވިދާޅުވީ ރައްކާ ރޯޑު ޝޯގެ މަގުސަދަކީ، މަގުމަތި ބޭނުންކުރާނެ ރައްކާތެރި ގޮތް ރައްޔިތުންނާއި ހަމަޔަށް ފުލުހުން މެދުވެރިކޮށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އެކްސިޑެންޓްތައް ހިނގާ މިންވަރު މަދު ކުރެވޭނެ ގޮތާއި މީހުން ހޭލުންތެރިކުރުމަށް މިކަމުގެ މައުލޫމާތު އާންމުންނާއި ހަމަޔަށް މި ޝޯގެ ތެރެއިން ގެނެސްދޭނެ ކަމަށެވެ.
ރައްކާ ރޯޑް ޝޯ ބާއްވާތާ ހަތަރު އަހަރު ވެފައިވާއިރު މިއަހަރުގެ ޝޯ މިހާތަނަށް ބޭއްވިފައި ނުވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށް ސަމީރު ވަނީ ވިދާޅުވެފަ އެވެ. ރައްކާ ރޯޑު ޝޯ މީގެ ކުރިން އަތޮޅުތެރޭގެ އެކި ރަށްރަށުގައިވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މީގެ ކުރިން ހަފްތާއަކަށް ރޯޑް ޝޯ ކުރިއަށް ގެންދިޔަ ނަމަވެސް މިފަހަރު މި ޝޯ ކުރިއަށް ގެންދާނީ މަސްދުވަހަށް ދެމިގެންދާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާބިގު ވިދާޅުވީ ރައްކާ ރޯޑް ޝޯ އަކީ މުޖުތަމައަށް ޓަކައި ހިންގޭ ވަރަށް ރަނގަޅު ހަރަކާތެއް ކަމަށެވެ. އަދި އުއްމީދު ކުރަނީ މި ހަރަކާތުގެ ސަބަބުން މުޖުތަމައަށް ވަރަށް ގިނަ ފައިދާތަކެއް ވެގެން ދާނެ ކަމަށް ކަމަށެވެ.
ރައްކާ ރޯޑު ޝޯގެ ރަންގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ފުލުހުންނާއި އެލައިޑް އިންޝުއަރެންސުން ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު