ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހައި، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްގީ ހަރުފަތްތައް ގިރާކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައިސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހުވަދު އަތޮޅު އުތުރުބުރި ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލްގެ މެންބަރުންނާ ބަައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު ހެނދުނު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ވިލިނގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލު ކުރެއްވުމުގައި އެ އަތޮޅުގެ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

އަތޮޅު ކައުންސިލާއި ވިލިނގިލީ ރަށު ކައުންސިލްގެ މެންބަރުން ވަނީ، އެކި ދާއިރާތަކުން އަތޮޅުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައުލޫމާތު ނައިބު ރައީސާ ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ސިއްހީ ހިދުމަތްތައް ހޯދުމުގައި ކުރިމަތިވެފައިވާ މައްސަލަތަކާއި، ދަތުރުފަތުރުގެ ނިޒާމު ރޭވިފައިވާ ގޮތުން ކުރިމަތިވާ އުނދަގޫތަކާއި، ފެނާއި ނަރުދަމާ ފަދަ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހިމެނެ އެވެ.

މީގެ އިތުރުން ވެސް، ތައުލީމީ ދާއިރާއާއި، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމާއި، އެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނާއި އަންހެނުންގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި، އެ މީހުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އަތޮޅާއި ރަށު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ. ހާއްސަކޮށް، ތައުލީމާއި ސިއްހީ ދާއިރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާއެކު، އެ ދާއިރާތަކުގެ ތަރައްގީއަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހައި، ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުމާއެކު ތަރައްގީ ހަރުފަތްތައް ގިރާކުރުން ކަމަށާއި އަދި، އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.