ދުނިޔެ ދުށް އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، ބާސެލޯނާ ދޫކޮށްލި ނަމަވެސް ރެއާލް މެޑްރިޑު ނޫނީ އެތުލެޓިކޯ މެޑްރިޑްގެ ޖާޒީގައި ނުފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.
މެސީ ސްޕެއިންގެ ލަ ސެކްޓާއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ގިނަ ވާހަކަތަކެއް ދައްކާފައިވެއެވެ. މިދިޔަ ސީޒަނަށްފަހު ބާސާގައި ޖެހުނު މައްސަލައިގެ ވާހަކަ ތަކުގެ އިތުރުން މި ސީޒަނަށްފަހު މެސީ ބާސާގައި މަޑުކުރާނެކަން، ނުވަތަ ނޫންކަން އަދި ފައިނަލް ނުކުރާ ކަމުގެ ވާހަކަތައްވެސް މެސީ ވަނީ އިންޓަވިއުގައި ދައްކާފައެވެ.
"މި ސީޒަންގައި އެންމެ މުހިއްމު ކަމަކީ ރަނގަޅު ހިސާބެއްގައި ޓީމު އޮތުން. ރަނގަޅު ނަތީޖާތަކަކާއެކު ސީޒަން ނިންމާލެވޭނީ އެހެން ކަންކަމާ ނުވިސްނާ ހުރެ. އަދި ފަހުން ވާނެ ގޮތަކަށް ނުވިސްނަން. އަދި ނޭނގެ ސީޒަން ނިމުނީމަ ކަން ކުރާނެ ގޮތެއް. އެއީ ސީޒަން ނިމެންވާއިރަށް ނިންމަން އޮތް ނިންމުމަކަށް ވިސްނުމަކީ އޭގެ އަސަރު ޓީމަށް ކުރާނެ ކަމެއް. އަދި ނޭނގެ ބާސާ ދޫކޮށްލާނެކަމެއް، އެކަމަކު ދޫކޮށްލާނަމަވެސް އެކަން ކުރަން ބޭނުންވަނީ އެންމެ ރީތި ގޮތަކަށް،" މެސީ ބުނެފައިވެއެވެ.
މެސީ ބުނެފައި ވަނީ ސީޒަނަށްފަހު ބާސާ ދޫކޮށްލި ނަމަވެސް ކޮންމެވެސް ދުވަހަކުން ކްލަބުގެ ކޮންމެވެސް ކަމެއްގައި އެނބުރި ސްޕެއިންއަށް ދާން ބޭނުންވާ ކަމަށާއި، ކުރިއަށް އޮތް އިންތިހާބުގައި ބާސާއަށް އަންނަ ރައީސަކީ ކްލަބުން ތަށްޓާއި ދިމާއަށް މިސްރާބު ހިފަން އެހީވާނެ ރައީސަކަށް ވުމަކީ އުންމީދެއް ކަމަށެވެ. އޭގެ އިތުރުން މެސީ ބުނެފައި ވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާގައި ކުޅުމަކީ އޭނާ ބޭނުންވާ ކަމެއް ކަމަށެވެ.
"އަހަރެން އަބަދުވެސް އެމެރިކާގައި އުޅޭނެ ދުވަހެއް ދެކެން ބޭނުންވޭ ކަންނޭނގެ. އެކަން ވާނެކަން ނުވަތަ ނޫންކަމެއް އަދި ނޭނގެ،" އާޖެންޓީނާގެ ކެޕްޓަން މެސީ ބުނެފައިވެއެވެ.
އިންޓަވިއުގައި މެސީ ބާސާގެ ސަޕޯޓަރުންނަށް ބޮޑު ޔަގީންކަމެއް ދިނީ އެތުލެޓިކޯއާއި ރެއާލް މެޑްރިޑް ފަދަ ވާދަވެރި ކްލަބަކުން އޭނާ ނުފެންނާނެ ކަމުގެ ޔަގީން ކަމެވެ. އެހެން ނަމަވެސް މެންޗެސްޓާ ސިޓީ ފަދަ ކްލަބަކުން ފެނިދާނެ ކަމުގެ ވާހަކައެއްވެސް މެސީ ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ ބަރާބަރަށް މިހާރުވެސް ސިޓީ ކޯޗު ޕެޕް ގާޑިއޯލާއާ ގުޅުން އޮންނަ ކަމަށާއި، އެ ގުޅުންތައް ކެނޑިގެން ނުދާނެ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު