ވަކި ފިކުރަކަށް ތާއީދުކުރި ނަމަވެސް ރަށަށާއި ގައުމަށް އަންނަ ތަރައްގީއަށް ހުރަސްއަޅާ ބަޔަކަށް ނުވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައިފިއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގއ. ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ މިއަދު ތަހައްމަލު ކުރަމުން މިދަނީ ދަތި ދުވަސްތަކެއް ކަމަށާއި މުޅި ދުނިޔެ ނުދެކޭފަދަ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި މިއަދު އުޅެން ޖެހިފައިވަނީ ފަސޭހަ ގޮތަކަށް ނޫން ކަމަށާއި އެހެން ނަމަވެސް ކޮވިޑުގެ ހާލަތުގައި ރައްޔިތުން ދައްކަމުން ގެންދަނީ އެކުވެރިކަމާއި އެހީތެރިވުމުގެ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މިއީ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އުޅެންޖެހޭ ގޮތް ކަމަށާއި އެކުވެރިކަމެއްނެތި ދެކޮޅުވެރިކަންމަތީގައި ތިބޭ ބަޔަކަށް ކާމިޔާބެއް ނުލިބޭނެ ކަމަށެވެ. ދެކޮޅުވެރިވެގަތުމަކީ އޮތް "ޗޮއިސް"އެއް ނޫން ކަމަށާއި ކޮންމެ ކަމެއްގައިވެސް އެކުވެރިކަމާއެކު އުޅެންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ހިޔާލު ތަފާތުވާން ޖެހޭނީ ބޭނުމަކު ކަމަށާއި އެއީ އެނޫން މޮޅު ގޮތެއް ހޯދުމަށްޓަކައި ކަމަށެވެ. ބަހުސް ކުރަން ޖެހެނީ މޮޅު ގޮތްތަކެއް ހޯދަން ކަމަށެވެ. ނަމަވެސް ރަށާއި އަތޮޅާއި ގައުމަށް ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި ދެކޮޅު ހެދުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ހެޔޮ ކަންތައް ކުރުމުގައި، ރަނގަޅު މަގުން ދިއުމުގައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާ. ވަކި ހިޔާލެއް ހުރީތީވެ، ރަށަށް އަންނަ ކުރިއެރުން، ގައުމަށް އަންނަ ހަމަޖެހުމަށް ހުރަސްއަޅާ ބަޔަކަށް އެއްވެސް ބަޔަކު ނުވަމާ ހިނގާ. އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއްކޮށް ކުރިއަށް އަންނަން އޮތް ޖީލުތަކަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން އެމަސައްކަތް ކުރަމާ ހިނގާ،" ނައިބު ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ ތަރައްގީގެ ކަންކަން ކުރިއަށްދަނީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާ ގާތުން ދެވޭ ހިދުމަތްތަކެއްގެ ގޮތުގައި ކަމަށެވެ. އެއްވެސް މީހަކު އެއްވެސް ބަޔަކު ބާކީ ކޮށްލުމަކީ މިއަދުގެ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަބަދުވެސް އެކުގައި މަސައްކަތްކޮށް ނަތީޖާ ހާސިލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ އެއް ކަންތައް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށްޓަކައި ގިނަގުނަ ކަންތައްތަކެއް ވޭތުވެދިޔަ ދެ އަހަރު ދުވަސް ތެރޭގައި ކުރެވިފައިވާ ކަމަށާއި ހާއްސަކޮށް އިޖުތިމާއީ ދާއިރާގައި ސިއްހީ ކަންކަން ރާއްޖޭގެ އެކި އަތޮޅުގައި ތަރައްގީވެގެން އަންނަ އައުމަކީ މިއަދު ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަދި އެންމެ ފަސޭހަވާނޭ ކަންތައްތައް ކަމަށެވެ. އަދި ރަށުގައި ތިބެގެން މަތީ ތައުލީމު ހޯދައިދިނުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރެވިގެންދާ ކަމަށާއި އުންމީދަކީ އެންމެ އެކުގައި ކުރެވޭ ރަނގަޅު މަސައްކަތްތަކުން ކުރިއެރުންތައް ލިބިގެން ދިއުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.