ބޭރު ގައުމުތަކުގެ މީހުން ޖަޕާނަށް އެތެރެވުން މަނާކޮށްފިއެވެ.

ކޮވިޑްގެ އާ ވޭރިއަންޓްތަކެއް ޖަޕާނުން ފެނުމާއެކު އެގައުމުން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ވަނީ މާދަމާއިން ފެށިގެން ބޭރު މީހުން އެގައުމަށް އެތެރެވުން ހުއްޓުވަން ނިންމައިފައެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އެގައުމަށް ބޭރު މީހުން އެތެރެވުން ހުއްޓުވުމަށް ނިންމާފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ.

ޖަޕާނުގެ ރައްޔިތުންގެ އިތުރުން އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް ގައުމަށް އެތެރެވުމަށް ހުރަހެއް ނެތް ނަމަވެސް އެމީހުންވެސް އެތެރެވުމަށްފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓް ޖަޕާނުން ފެނިފައިވަނީ ހުކުރުދުވަހު ޔޫކޭއިން ދިޔަ ފަސް މީހެއްގެ ފަރާތުންނެވެ. އިތުރު ދެމީހަކު ވަނީ އެއާޕޯޓު ކަރަންޓީނުން ނިކުތް ފަހުން ހަދާފައިވާ ޓެސްޓުތަކުން ހޯދިފައެވެ.

ޔޫކޭ އިން ފެންނަން ފެށި ކޮވިޑްގެ އާ ވޭރިއަންޓް މިހާރު ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެންނަން ފަށައިފައެވެ.

ކޮވިޑްގެ އާ ވޭރިއަންޓުން ރައްކާތެރިވުމަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން 40 އަށްވުރެ ގިނަ ގައުމުތަކުން ވަނީ ޔޫކޭ އިން އެ ގައުމުތަކަށް ދާ ފްލައިޓުތައް ސަސްޕެންޑް ކޮށްފައެވެ.