ވާހަކަ

ހިޔާ (ފަހުބައި)

8

(ފަހުބައި)

ހެލިކޮޕްޓަރުގައި އިން ޒިހާން ހާސްކަމެއްގެ ތެރޭގައިވީ އޭނާ ތަކުރާރުކޮށް ޔުނާގެ ފޯނަށް ގުޅަމުން ދިޔައިރު ވެސް ޖަވާބެއް ނުލިބޭތީވެއެވެ. އެ ނުތަނަވަސްކަން ދެގުނަވެގެން ދިޔައީ ހޮސްޕިޓަލުގެ ރިސެޕްޝަނަށް ގުޅައި ޔުނާގެ ހަބަރު އެހުމުން އެ ވޯޑުގައި އެއްވެސް މީހެއް ނެތް ވާހަކަ އިވުމުންނެވެ. ޒިހާން އެ ކޯލު ކަނޑައިލި ވަގުތަކީ ހެލިކޮޕްޓަރު މާލެއާ ހަމަވީ ވަގުތެވެ. ހެލިކޮޕްޓަރު ކުރިއަށް ދިޔަދިޔަހެން މާލޭގެ މަލަމަތިން ޔުނާ އޮތް ހޮސްޕިޓަލުގެ ޓެރެސް ފެނުނު ވަގުތު ޒިހާނަށް ކަމެއް ފާހަގަވިތަނާހެން އޭނާގެ ލޯ ބޮޑުވިއެވެ.

**

"އާދޭސްކުރަން..... އަހަރެން ދިޔަދީ. އަހަރެންގެ ބަނޑުގައި އޮތް ދަރިފުޅު...އަހް!" ޔުނާއަށް ރޮމުން ވާހަކަދައްކަމުން ގޮސް ލުއި އާހެއްގެ އަޑު ލައްވައިލެވުނީ ބަނޑުގައި އުފެދިފައިވި ރިހުމަށް ކެތްނުވާނެހެން ހީވުމުންނެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ ވަގުތު ވެސް ޔުނާއަށް ހުރެވުނީ ބަނޑުގައި އަތް އަޅައިގެންނެވެ.

"އޯންވް! ތިއީ އެއްވެސް މައްސަލައެއް ނޫނޭ. ޔުނާގެ ކުރިން ޔުނާގެ ދަރިފުޅު މި ދުނިޔެ ދޫކުރާނެ. އަދި ތި ދެމީހުންގެ ކުރިން ޒިހާން ވެސް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފައި. އެހެންވީމަ މިއަދު އަހަންނަށް ހަމަ ޔަގީނުންވެސް އަހަރެންގެ އަމާޒު ހާސިލުވާނެ..." ޒުބީން ޒިހާނާ މެދު ދޮގެއް ހަދައިލީ ޔުނާ އިތުރަށް ދެރަކޮށްލުމުގެ ގޮތުން އެ ބަސްތަކުން ހުދު އަމިއްލަ ނަފްސަށް ވެސް ހަމަޖެހުމެއް ލިބޭތޯއެވެ. އެވަގުތު ފަހަތަށް ޖެހެމުން ދިޔަ ޔުނާ އިހުނަށްވުރެ ގަދައަށް ރޮއިގަންނަމުން ފަހަތަށް ޖެހުނު ވަގުތު ޓެރެސްގެ ކައިރިފަށާ ހަމައަށް ދެވިއްޖެއެވެ.

ޒުބީން އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ އިތުރަށް އެއް ފިޔަވަޅު އަޅައިލުމުން ޔުނާ ފަހަތަށް ޖެހެން ހިޔާލުކުރި ވަގުތަކީ ހެލިކޮޕްޓަރުގެ އަޑެއް ނުހަނު ގާތުން އިވެން ފެށި ވަގުތެވެ. އެއާއެކު ޔުނާއާއެކީ ޒުބީނަށް ވެސް މައްޗަށް ނަޒަރެއް ދެވުނެވެ. އެ ހިނދު ސިފައިންގެ ހެލިކޮޕްޓަރު ސީދާ އެ ޓެރެސްއާ ދިމާލަށް މަޑުކޮށްލުމުން އެ ބުރަފަތީގެ ވައިން ޒުބީނަށް ހިރިލަން ވެސް އުނދަގޫވިއެވެ. އަނެއްކާވެސް އޭނާގެ ރޭވުމެއް ފެއިލްވާން އުޅުނުހެން ހީވި ވަގުތު ކޮންމެހެން ވެސް ފަހަތަށް ނުޖެހެން ނިންމަމުން ޒުބީން ފިސްތޯލުން ހަމަލާއެއް ދޭން ތައްޔާރު ކުރީ ދަތްކުނޑި ވިކަމުންނެވެ. އެހެނަސް ޓްރިގަރަށް ދަމާލެވުމުގެ ކުރިން މިފަހަރު އޭނާގެ ކޮނޑުގައި އައިސް ޖެހުނީ ހެލިކޮޕްޓަރުން ފުންމައިލި މީހެއްގެ ފައެވެ. އިސާހިތަކު ޒުބީންގެ އަތުން ފިސްތޯލު މާ ދުރަށް ގޮސް އޭނާ ބިންމައްޗަށް ވެއްޓުނެވެ. އެ ހިނދު އެތާ ހުއްޓި ހުރީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ.

"ޒިހާން...." ޒިހާން ފެނުމާއެކު ޔުނާއަށް ގޮވައިލެވުނީ ވައި އަޑުންނެވެ. ހެލިކޮޕްޓަރުގެ ގަދަ އަޑުގެ ތެރެއިން ޒިހާނަށް އެ އަޑު ނުއިވުނެއް ކަމަކު ޒިހާން ޔުނާއަށް ބަލައިލިއެވެ. އެއާއެކު ޔުނާ އަނެއްކާވެސް ރޮއިގަންނަމުން ޒިހާނާ ދިމާލަށް ދާން ފެށިއެވެ. ޒިހާން ޔުނާއަށްވުރެ ދިގު ފިޔަވަޅުކެއްގައި ގޮސް ޔުނާއާ ހަމަ ކުރެވުނު ވަގުތު ޔުނާ އަރި އަޅައި ވެއްޓެން ވެސް އުޅުނެވެ. އެހެނަސް ޔުނާ ވެއްޓުމުގެ ކުރިން ޒިހާން ޔުނާ އަތުތެރެއަށް ގެނެސް އޭނާގެ ބާރު އަތުތެރޭގައި ހިފެހެއްޓިއެވެ.

ދެމީހުން ތިބިގޮތަށް ތިއްބައި ޒުބީން އަނެއްކާވެސް ތެދުވެގެން ގޮސް ޓެރެސްގެ ކަނެއްގައި އޮތް އޭނާގެ ފިސްތޯލު ނަގަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އެތަނަށް އައި ފުލުހުންގެ ބަޔަކު އޭނާ ހައްޔަރު ކުރިއެވެ. ހެލިކޮޕްޓަރުގައި އިނދެ ޒިހާން ގުޅައިލި ފުލުހުންގެ ކާރުތަކުގެ ސައިރަންގެ އަޑު މުޅި ސަރަހައްދުގައި އެވަގުތު ގުގުމަމުން ދިޔައެވެ.

އެ ދުވަސްވެގެން ދިޔައީ ގިނަ ދުވަސްވަންދެން އަތު ގުޅައިލައިގެން ގައުމުގެ އަމާންކަން ނަގައިލަން މަސައްކަތް ކުރި ދުޝްމިނުންގެ ނިމުމަށެވެ.

**2 އަހަރު ފަސް**

"މި ރައުންޑްގައި ވެސް އަހަންނޭ މި މޮޅުވަނީ ބޭބޭ...." ލޫލޫ އެހެން ބުނެލީ އޭނައާއެކީ ޓޭބަލް ޓެނިސް ކުޅެމުން ދިޔަ ޖިނާހު ގާތުގައެވެ.

"އުނހު.....ތިއީ ހީވާ ގޮތް..." ޖިނާހު އެ ކުޑަ ބޯޅަ ޖަހަމުން ހިނިތުންވުމަކާއެކީ ބުންޏެވެ.

"ހުމް.... ތިއީ އަބަދުވެސް ބޭބެ ބުނާ ގޮތޭ... އެކަމަކު ކޮންމެ ގޭމެއް ނިމޭއިރު ޓްރީޓެއް ދޭން ޖެހިފައި އޮންނަނީ ބޭބެ!" ލޫލޫ ކުޅުން ކުރިއަށް ގެންދަމުން ބުންޏެވެ.

"އެއީ ބަލިވާ ކަމަށް ހެދެނީއޭ ލޫލޫ ދެރަ ނުކުރަން..." ޖިނާހު ބުންޏެވެ.

"ހޫނ! އޭޒް އިފް...." ލޫލޫ ރާގަކަށް އެހެން ބުނެލި ގޮތުން ޖިނާހަށް ހީލެވުނެވެ.

ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖިނާހާއި ލޫލޫގެ ގުޅުން ބަދަހިވެފައިވެއެވެ. ޖިނާހުގެ ކޮންފަރެންސް ޓީވީން ފެނުނު ދުވަހުއްސުރެ ލޫލޫއަށް ރޮވޭތީ ޒައިނާމެން އޭނާ މަސަލަސްކުރަން މަސައްކަތް ކޮށްފައިވެއެވެ. ލޫލޫ އޭނާގެ ބޭބެއާ ބައްދަލުކުރަން ބޭނުންވޭތޯ ސުވާލުކުރުމުން ވެސް ލޫލޫ ކުރީ އިންކާރެވެ.

މި ހާލަތު ބަދަލުވެގެން ދިޔައީ ޖިނާހު ޖަލު ބަންދުގެ މުއްދަތުގައި ވިސްނި ވިސްނުމުން ރޭވުނު ރޭވުމުންނެވެ. ޖިނާހު ލަބީބުމެންގެ ރޭވުމުގައި ބައިވެރި ނުވިއެއްކަމަކު އެ ޖަރީމާ ސިއްރުކުރި ކަމަށްޓަކައާއި، ފުލުހުންނަށް ރިޕޯޓުކުރުމުގެ ބަދަލުގައި ޓީވީއަށް އަރައި އެ ޒާތުގެ ވާހަކަތައް އިއުލާންކުރުމުގެ ހުކުމް އޭނާއަށް އައެވެ. ޖިނާހު އެ ހުކުމްތައް ގަބޫލުކުރީ ވަކި ހިތާމަކުރުމެއް ނެތިއެވެ. އޭނާ އެގޮތަށް ކަންތައް ނުކުރިނަމަ އޭނާގެ ބައްޕަ އެތެރެއިން އެތެރެއިން ކަންތައް ހަމަޖައްސައިގެން އަނެއްކާވެސް ގާނޫނުން ފިލަން މަސައްކަތް ކުރީސްކަން ޖިނާހަށް ރަނގަޅަށް އެނގޭތީވެއެވެ.

ޖިނާހުގެ ބަންދުގެ މުއްދަތު ދެމިގެން ދިޔައީ މަދު މަސްތަކަށް ކަމަށްވުމުން މަޖިލީހުގައި އޭނާގެ ގޮނޑި ނުގެއްލެއެވެ. އެހެންކަމުން މިނިވަންވީ ދުވަހުގެ އަނެއްދުވަހު ޖިނާހު ވަޒީފާއަށް ނިކުތީ އިހުނަށްވުރެ ރަނގަޅަށް އެ ވަޒީފާ އަދާކުރުމުގެ ނިޔަތުގައެވެ. މިގޮތުން ކުރިއާ ހިލާފަށް އޭނާ ގަވާއިދުން މަޖިލީހަށް ހާޒިރުވާންޖެހޭ ދުވަސްދުވަހު ހާޒިރުވެއެވެ. އަދި އޭނާގެ ދާއިރާގެ ކުރިއެރުމަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ލޫލޫއާ ބައްދަލުކުރުމަށް ޖިނާހު ހިތްވަރު ކުރީ ވަޒީފާގައި ހަފްތާތަކެއް ވަންދެން އުޅުމަށްފަހުގައެވެ. މަޖިލީހުގައި އޭނާގެ ބަހުރުވަ ބަދަލުވެފައިވާ ގޮތް ފެނިފައި ވެސް ލޫލޫގެ ހިތް ބަދަލުވެދާނެއޭ ހިތާއެވެ. އެހެނަސް ލޫލޫއާ ބައްދަލުކުރުމުގެ ކުރިން ޖިނާހު ގުޅައިލީ ޒިހާނަށެވެ. އަދި ޒިހާން ލައްވައި ލޫލޫ ގާތުގައި އޭރު ކަންތައް ވީ ގޮތް ކިޔައިދިނެވެ. ބޭބެ ދުވަހަކުވެސް ލޫލޫ ދޫކޮށްފައި ނުދާނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ.

ޖިނާހު ލޫލޫއާ ބައްދަލުކުރަން މުލަކަށް ދިޔައީ ދެންވެސް ލޫލޫ އޭނާ ގަބޫލުކުރާނެ ކަމުގެ އުއްމީދެއް ނެތިއެވެ. އެހެނަސް ޒިހާންމެންގެ ގެއަށް ގޮސް ލޫލޫ އޭނާގެ ކުރިމައްޗަށް އައިއިރު ވެސް ހުރީ ރޮވިފައެވެ. ޖިނާހު އެންމެ ފުރަތަމަ ވާހަކަދެއްކުމުން ވެސް ލޫލޫ ދުރުގައި ހުންނަން ފެށުމުން ޖިނާހު އުއްމީދު ކަނޑައިލަމުން ދާން އުޅުނެވެ. އެހެނަސް ދެވުމުގެ ކުރިން ލޫލޫ 'ބޭބޭ'އޭ ކިޔައި ގޮވައިލުމުން ޖިނާހުގެ ލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. ޖިނާހު ފަސްއެނބުރި ބަލައިލިތަނާހެން ލޫލޫ އައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ.

ލޫލޫ ބުނި ފަދައިން ޓޭބަލް ޓެނިސްގެ އެ ރައުންޑުން ވެސް މޮޅުވީ ލޫލޫއެވެ. އެހާ ހިސާބުން އެމީހުން ގޭމް ނިންމާލަމުން އެ ޓޭބަލް ޓެނިސް ކޯޓުގެ ތެރެއިން ނިކުތެވެ. އެއީ އެމީހުން ޗުއްޓީ ހޭދަކުރަން އައިސްގެން އުޅޭ ރިސޯޓެއްގައި ހުރި ކޯޓެކެވެ. އެތާ ތެރެއިން ނިކުމެގެން ރިސޯޓުގެ ހިމޭން މާހައުލުން ހިނގާފައި ދިޔައީ އެކިއެކި ވާހަކަތައް ދައްކަމުންނެވެ.

"ހިނގާބަލަ މި ޓްރިޕް ނިންމާލާފައި އަދި މުލަކަށް ދާން ބޭބޭ.... ތިއްތިބެއާއި ޔުނާ ދައްތި މިކޮޅަށް އަންނާނެ ކަންނޭނގެދޯ ވީކެއް ފަހުން؟" ލޫލޫ ބުންޏެވެ. ލޫލޫ މިހާރު އުޅެމުން ދަނީ ޖިނާހާ އެކީ މާލޭގައި ކަމަށްވިޔަސް ލޫލޫ ޒިހާންގެ އާއިލާއާއި ދުރެއް ނުވެއެވެ. ތިން އަހަރު ވަންދެން އޭނާ ލޯތްބާއެކީ ބަލައި ބޮޑުކުރީ އެ އާއިލާ މީހުން ކަމަށްވާތީވެއެވެ.

"ނޭނގެ..... ތިއްތިބެ ބުންޏެއްނު ޔުނާ ދައްތިގެ ގްރެޖުއޭޝަން އޮންނާނީ ޓުވެންޓީ ފަސްޓްގައޭ. އެއީ މިއަދު ދޯ؟"

"އާނ އެހެންވެއްޖެއްޔާ އެއަށްވުރެ މާ ކުރިންވެސް އާދެވޭނެއެއްނު؟"

"ލޫލޫ..... ލޫލޫއަށް ވެސް މިހާރު މި ކަންތައް އަންޑަސްޓޭންޑް ވާވަރަށް އޯލްޑް ކަންނޭނގެދޯ؟ ކަޕްލްއެއް އެގޮތަށް ބޭރަށް ގޮސްފައި އެހާ އަވަހަށް ނާންނާނެއޭ އާއްމުގޮތެއްގަ...."

"އޯންވް! އަޅެ ބޭބެވެސް ތިއްތިބެ ގޮތަށް ކަޕްލްއަކަށް ވެބަލަ!"

"މި.... ތިއީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކައެއްނޫނޭ!"

"އުނހު ދެންމެ ބޭބެ ތިބުނީ އަހަންނަށް މިކަހަލަ ކަންތައް އަންޑަސްޓޭންޑް ވާވަރަށް މިހާރު އޯލްޑްއޭ. އެހެންނޫނަސް އަހަރެން ބޭބެގެ ކަންތަކާ މެދު ނުވިސްނަންޏާ ކާކު ދެން ވިސްނާނީ ވެސް؟ ނޯ ވޮރީސް އިނގޭ. އަހަރެންގެ ބައެއް ފްރެންޑުން ބުނެ އުޅޭ ތިމަންނަމެންގެ ދައްތަމެން މަޖިލިސް މެންބަރު ޖިނާހަށް ކްރަޝްއެއް އޮންނަ ވާހަކަ. އޭގެ ތެރެއިން ރަނގަޅު ކުއްޖެއް ބަލާފަ ހޯދައިދޭނަން އިނގޭ؟"

ލޫލޫ އެހެން ބުނެ އެއްލޯ މަރައިލުމުން ޖިނާހަށް ފަސްދީފައި ދިޔައީ އޭނާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީއެވެ. ލޫލޫ ބުނި އެއްޗެއް ގަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި ޖިނާހު ބަލަން ހުއްޓައި ލޫލޫ ޒާތަކަށް ދުވަމުން ކުރިއަށް ދިޔައެވެ. ޖިނާހު ސިކުންތުކޮޅެއް ވަންދެން ހުރެފައި ހީލަމުން ބޯހޫރުވައިލިއެވެ. އެއަށްފަހު ލޫލޫގެ ފަހަތުން ދާން ފެށިއެވެ.

**

އެމްސްޓާޑަމް ޔުނިވާސިޓީގެ ބޮޑު ހޯލުގައި ޔުނާމެންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔައީ އެދުވަހު ހަވީރު ވަގުތެވެ. ޔުނާ ދަސްވެނިވެ ޕީއެޗްޑީގެ ސަނަދު ލިބިގެން ދިޔައީ ޒިހާންގެ ވެސް ހާޒިރީގައެވެ. ޔުނާ ސަނަދު ހޯދި ވަގުތާއި ސަނަދު ހޯދައިގެން ގޮނޑީގައި އިށީންނަން ދިޔަ މަގުމަތިން ވެސް ޒިހާން ޔުނާގެ ފޮޓޯ ނެގިއެވެ. އެވަގުތު ޒިހާން ފޯނު ދިއްކޮށްގެން ހުރި މަންޒަރު ފެނި ޔުނާގެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ. ޒިހާން އެ ހިނިތުންވުން އޭނާގެ ފޯނުގައި ރައްކާކުރިއެވެ.

ޔުނާ ގޮސް ގޮނޑީގައި އިށީންފަހުން ވެސް ޒިހާނަށް އެ ފޮޓޯއަށް ބަލަން އިނދެވުނެވެ. އެހެން އިނދެފައި ޒިހާނަށް ހިނިތުންވެލެވުނު ވަގުތު އޭނާގެ ލޮލުން ކަރުނަވެސް ހިލުނެވެ. ޔުނާގެ މޫނުމަތިން މި ހިނިތުންވުން ފެންނަނީ ކިހާ ދުވަހެއްގެ ހިތާމަތަކަށް ފަހުކަން އެނގުންވުމުންނެވެ.

މީގެ ދެ އަހަރު ކުރިން އެމީހުންގެ ހަޔާތަށް ތޫފާނެއް ގެނައި އެންމެންނަށް ވެސް އެދުވަހުން އެދުވަހަށް ހައްގު އަދަބު ލިބުނެވެ. ޒުބީނާއި ޔޫސުފްގެ އިތުރުން ހަމީދާއި ލަބީބަށް ވެސް އައީ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެވެ. އެހެނަސް އެމީހުންނަށް އަދަބު ލިބެން ފެށި ދުވަހަކީ ޔުނާއާއި ޒިހާންގެ ހަޔާތަށް އައި އެންމެ ހިތާމަވެރި އެއް ދުވަހަށްވިއެވެ.

ޑޮކްޓަރަކަށް އެންގުމަކާ ނުލައި އެދުވަހު ޔުނާގެ އަތާ ގުޅައިލެވުނު އައިވީގައި ހުރި މާއްދާއެއްގެ ސަބަބުން ޔުނާގެ ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔައެވެ. އެ މާއްދާގެ ސަބަބުން ޔުނާވެސް ބަލިވިއެއްކަމަކު އެ ބައްޔަށްވުރެ ޔުނާ ކުރަން ފެށި ހިތާމަ ބޮޑުވިއެވެ. ޒިހާން އޭނާއަށް ވީ ވަރަކުން ޔުނާއަށް ހިތްވަރު ލައިދިނެއްކަމަކު ޔުނާގެ ހާލަތު ވަރަށް ގޯސްވިއެވެ. އެކަމަށްޓަކައި ޒިހާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ ދުވަހަކުވެސް ނުކުރެވޭ ވަރަށެވެ. އެދުވަހު އޭނާ ޔުނާ ދޫކޮށްފައި ނުދިޔަނަމަ އެހެން ނުވީސްކަމަށް ބުނެ އޭނާގެ އަމިއްލަ ޒަމީރު އޭނާއަށް މަލާމާތް ކުރަމުން ދިޔައެވެ.

ކޮންމެއަކަސް އާދައިގެ މަތިން ޒިހާން އޭނާގެ އިހުސާސްތަކަށްވުރެ ބޮޑަށް ސަމާލުކަން ދިނީ ޔުނާގެ އިހުސާސްތަކަށެވެ. އޭނާގެ ހިތުގައިވި ޝަކުވާތަކާ މެދު ޔުނާއާ ވާހަކަދައްކަން އުޅެފިނަމަ ޔުނާގެ ހާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެންނެވެ.

ޔުނާ އެ ހިތާމައިގެ ސަބަބުން ޔުނާގެ ކިޔެވުން ވެސް މުޅިން ހުއްޓިގެން ދިޔައެވެ. އެތައް ދުވަހެއް ވަންދެން ރަނގަޅަށް ނުކައި ވާހަކަވެސް ނުދައްކައި ނުވެސް ނިދައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޔުނާ މި ހާލަތުގައި އުޅޭތަން ދެކެން ކެތްނުވުމުން ޒިހާން ޔުނާއަށް ފަރުވާ ހޯދައިދެވޭތޯ މަސައްކަތް ކުރިއެވެ. ކައުންސެލަރެއްގެ ކައިރިއަށް ޔުނާ ގެންގޮސް ކައުންސެލަރުގެ އިރުޝާދުގެ ދަށުން ސައިކައޭޓްރިސްޓަކަށް ވެސް ދައްކައި ބޭސްވެސް ދޭން ފެށިއެވެ. އެ ފަރުވާތަކުގެ ތެރެއިން ޒިހާން ޔުނާ ލައްވައި ކޮންމެހެން ވެސް ނަމާދު ކުރުވަން ވެސް މަސައްކަތް ކުރިއެވެ. އަދި ކޮންމެ ނަމާދަކަށްފަހު ގުރުއާނުން އާޔަތްތަކެއްގެ މާނަ ހިއްސާ ކުރިއެވެ.

އެ އާޔަތްތަކެއްގެ އަސަރުން ކަންނޭނގެއެވެ. އެގޮތަށް ނަސޭހަތްތައް ދޭންފެށިތާ މާ ގިނަ ދުވަހެއްނުވެ ޔުނާ އަމިއްލައަށް އިސްނަގައިގެން ނަމާދުކޮށް ގުރުއާން ކިޔަވަން ފެށިއެވެ. އަދި ޒިހާން ގާތު އޭނާއާ އާޔަތެއް ހިއްސާކޮށްލުމަށް އެދެވެން ފެށިއެވެ. މިފަދަ ގޮތަކަށް އުޅުނު ބަދަލުވިތާ ހަފްތާތަކެއް ފަހުން ޔުނާ އޭނާގެ ކިޔެވުން ވެސް އަލުން ފަށަން ނިންމިއެވެ.

ޔުނާއަށް މިފަދަ ގިނަ ބަދަލުތަކެއް އައެއްކަމަކު ޒިހާންގެ ނޭދެވޭ އިހުސާސްތަކާ އެދުވަހުގެ ސަބަބުން ހިތަށް ލިބުނު ޒަހަމުތައް ދިޔައީ ގޯސްވަމުންނެވެ. ބޭރުފުށުން އޭނާ އެކަން ނުދެއްކިޔަސްމެއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ވަރުން އެންމެ ފަހުން ޒިހާން ސިފައިންގެ ވަޒީފާއިން ވަކިވާން ވެސް ނިންމީ އެއްވެސް މީހެއް ކައިރި ނުބުނެއެވެ. އެހެނަސް އެކަމަށްޓަކައި އޭނާ ލިޔެފައި އޮތް ސިޓީ ޔުނާއަށް ފެނިފައި ޔުނާ އެކަމާ މެދު ސުވާލުކުރިއެވެ.

ޒިހާނަށް އޭނާގެ ހިތުގެ އަޑީގައިވި އިހުސާސްތައް ބޭރުކޮށްލެވުނު ފުރަތަމަ ދުވަހަކީ އެއީއެވެ. އޭނާއަށް އެ އިހުސާސްތައް ކިޔައިދެވުނީ ވެސް ހުއްޓުމެއް ނެތް ކަރުނަތަކާ އެކީގައެވެ. އޭނައާ ހެދި އެމީހުންގެ ދަރިފުޅު ގެއްލި ދިޔައީތީ ތަކުރާރުކޮށް މަޢާއާށް އެދެވުނެވެ. އެފަދަ ނަޒަރިއްޔާތަކުން އެ ވާހަކަ ގެނައުމުން ޔުނާ އޭނާއަށް ނަފްރަތުކޮށް އޭނައާ ވަރިވާންވެސް އެދޭނެ ކަމަށް ޒިހާނަށް ހީކުރެވުނެވެ.

އެހެނަސް އޭނާގެ ވާހަކަތައް ނިމުމާއެކު ޔުނާ ލޯތްބާއެކީ ޒިހާންގެ މޫނުގައި ހިފަހައްޓައި ކަރުނަތައް ފޮހެލަދިނެވެ. އަދި އެހެން މީހެއްގެ ކުށަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ނުކުރުމަށް ބުނަމުންނެވެ. އެދުވަހު ޒިހާން ހުރިހާ ކަމެއް ދޫކޮށް ގައުމުގެ ރައްކާތެރިކަމަށްޓަކައި ދިޔުމަކީ ވެސް ޒިހާންގެ އާއިލާގެ ރައްކާތެރިކަމަށްޓަކައި ދިއުން ނޫންތޯ ބުނަމުންނެވެ. ޔުނާގެ އެ ވާހަކަތައް އިވިފައި ޒިހާނަށް އިތުރަށް ރޮމުން ޔުނާގެ ގައިގައި ބައްދާލެވުނެވެ. އާދައިގެ މަތިން އެ ހާލަތުގައިވެސް ދެމީހުން ވެގެން ދިޔައީ އެކަކު އަނެކެއްގެ ހިޔާވައްސަށެވެ. އެހާ ހިސާބުން ދެމީހުން ވެގެން ދިޔައީ އެކަކު އަނެކެއްގެ ހިތްވަރަށެވެ.

ހަމަ އެދުވަހު ޒިހާން ވަޒީފާއިން ވަކިވާން ލިޔެފައި އޮތް ސިޓީ އެއްލައިލިއިރު ޔުނާވެސް އޭނާގެ ކޯހައިގެން ކުރިއަށް ދާން ފެށިއެވެ. އަދި ޒިހާން ބުނިހެން ކައުންސެލިންގް ދޭ ޔުނާގެ އަމިއްލަ ސެންޓަރެއް ހުޅުވުމަށްޓަކައި އެކަމަށް ބޭނުންވާނެ ފޯމްތައް އަމިއްލައަށް ތައްޔާރުކޮށް ޕްރޮފެސަރަކު ލައްވައި އެޕްރޫވް ކުރުވިއެވެ. ޔުނާގެ ފުރަތަމަ ކައުންސެލިންގް ސެންޓަރު ހުޅުވިގެން ދިޔައީ މާލޭގައެވެ. އެ ސެންޓަރުގައި ޔުނާ ކުރިއަށް ގެންދިޔައީ ހަމައެކަނި ވަކިވަކި މީހުންނަށް ކައުންސެލިންގް ދިނުމުގެ ޕްރޮގްރާމެއް ނޫނެވެ. އެކި އުމުރުފުރައިގެ މީހުންނާއި އެކި ދާއިރާތަކުގެ މީހުންގެ އިތުރުން ބެލެނިވެރިންނަށްޓަކައި ވެސް ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ސެޝަންތަކެއް ވެސް އެ ސެންޓަރުގައި ހިންގިއެވެ. މި ސެޝަންތައް ބޮޑަށް މަޝްހޫރުވެގެން ދިޔައީ، ގުރުއާނާއި ސުންނަތުގެ އަލީގައި ނަފްސާނީ ދުޅަހެޔޮކަމަށް އަލިއެޅުވުމަށް އެ ދާއިރާއިން މައްޗަށް ކިޔަވައިގެން ހުރި ޝަހުސިއްޔަތަކު ހިންގި ފުރަތަމަ ސެޝަންތަކަށް ވާތީވެއެވެ. އެހެންކަމުން މާ ގިނަ ދުވަހެއްނުވެ އެ ދާއިރާއިން ޔުނާ ޚަލީލްގެ ނަން މަޝްހޫރުވެ ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ވެސް ޔުނާގެ ސެންޓަރުތައް ހުޅުވިގެން ދިޔައެވެ. އަދި އެ ސެންޓަރުގައި މަސައްކަތް ކުރަން އެ ދާއިރާއިން ކިޔަވަމުންދާ ޒުވާން ކުދިން އަމިއްލައަށް އެދިގެން އައެވެ. ޔުނާގެ އަމާޒަކަށްވީ ވީހާވެސް ހެޔޮ އަގުގައި އާއްމުންނަށް ނަފްސާނީ ބަލިތަކުގެ ފަރުވާ ފޯރުކޮށްދިނުމެވެ. އޭނާގެ ސެންޓަރުތަކުގެ އެހީގައި މިއަދު އެ އަމާޒު ކޮންމެވެސް ވަރަކަށް ކާމިޔާބު ކުރެވިފައިވެއެވެ.

ޔުނާއަށް ކާމިޔާބީތައް ލިބުނު ފަދައިން ޔުނާ ދިން ހިތްވަރުން ޒިހާނަށްވެސް ކާމިޔާބީތަކެއް ލިބުނެވެ. ޒިހާން ސިފައިންގެ ވަޒީފާގައި ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އޭނާ ސާޖެންޓެއްގެ މަގާމަށް ޕްރޮމޯޓްވެފައިވަނީ މީގެ ހަފްތާތަކެއް ކުރިންނެވެ. މީގެ އިތުރުން ޔުނާ ދިން ހިޔާލުތަކާ އެއްގޮތަށް ޒިހާން ލިބޭ ހުސް ވަގުތުތަކުގައި އާކިޓެކްޗާރާ ގުޅޭގޮތުން އިތުރު ހޯދުންތަކެއް ހޯދިއެވެ. އަދި އޭނާގެ ގްރޫޕް ލައްވައި މަސައްކަތް ކުރުވުމުގައި އެ ދަސްވާ ކަންތައްތަކާ އެއްގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން ޒިހާންގެ އެ ވިޔަފާރިވެސް އިހުނަށްވުރެ ތިޔާގިވެގެން ދިޔައެވެ.

ޔުނިވސިޓީގެ ކެމްޕަސް ތެރޭގައި ޔުނާ އޭނާގެ އެކުވެރިންނާއެކީ ސެލްފީ ނަގަން ހުރި މަންޒަރު ބަލަން ޒިހާން ހުރީ ދުރުގައެވެ. ޔުނާއަށް ބަލަން ޒިހާނަށް ހުރެވުނީ އެ ދެމީހުންގެ ގުޅުމަށްޓަކައި ހަމްދުކުރާ ހާލުގައެވެ. އެ ދެމީހުން އެކީގައި ނުހަނު ދަތި ދުވަސްތަކެއް ކަނޑައްތު ކުރުމަށްފަހު ވެސް އެކަކު އަނެކެއްގެ އަތުން ދޫކޮށްނުލީތީ އެ ގުޅުމާ މެދު ފަހުރުވެރިވެވުނެވެ. ޔުނާ އެކުވެރިންގެ ކައިރީގައި ހުރެފައި އޭނާ ފެނުމުން އޭނާގެ ކައިރިއަށް އައީ ކުޑަ ގޮތަކަށް ދުވެލައިފައެވެ.

"ސޮރީ އިނގޭ.... ލަސްވެއްޖެދޯ؟ އެމީހުން ހަމަ ދޫކޮށްނުލީއޭ....." ޒިހާންގެ ކުރިމަތީގައި ގޮސް މަޑުކޮށްލަމުން ޔުނާ ބުންޏެވެ.

"މައާފު ކޮށްފާނަން އިނގޭތޯ، ޑޮކްޓަރ އައިޝަތު ޔުނާ ޚަލީލް...." ޒިހާން ނޫންކަމަށް ހަދާފައި ޔުނާއާ އެފަދައިން މުހާތަބު ކުރިއިރު އެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުރެހުނެވެ. އެއާއެކު ޔުނާއަށް ހީލެވުނެވެ.

"ހުމް.... ދެން މިފަދަ މަގާމެއް ލިބުނީމަ ނެތްތަ ސަޕްރައިޒެއް ވެސް؟" ޔުނާ ޒިހާން ކަމެއް ރާވާނެކަން ޔަގީންކޮށްގެން ހުރެ ބުންޏެވެ.

"ކީއްކުރާ ސަޕްރައިޒެއް؟ ކުދިން ކުދިން ސާރޖެންޓަކަށްވީމަ ވެސް ބަޔަކު ކަމެއް ކުރީއެއް ނޫން....." ޒިހާން ނޭވާ ދަމާކަމަށް ހެދެމުން ބުންޏެވެ.

"އަޅޭ! އަދިވެސް ހިތުގައި ޖެހިފަތަ ތިހިރީ؟ ހަމަ ބިޒީވެގެންނޭ ކަމެއްނުވީ.... ހިނގާބަލަ މިރޭ ޑިނާރއަކަށް ދާން ކޮމްޕެންސޭޓްކުރަން...." ޔުނާ އެދުނެވެ. ޒިހާން ނުރުހުންވާކަމަށް ހެދެމުން ނުއުޅެމޭ ބުނެ ދާން ހިނގައިގަތެވެ. ޔުނާ އާދޭސްކުރަމުން ދެން ހިނގާބަލާށޭ ބުނަމުން ދިޔައެވެ. އެހެނަސް ޒިހާން ސަމާސާވެރި ގޮތަކަށް ގޮތްދޫނުކުރާ ކުޑަކުއްޖެއް ފަދައިން ނޫނެކޭ ބުނަމުން ދިޔައެވެ. އެއިން ޔުނާއަށް ހެވުން ނޫންކަމެއް ނުވިއެވެ.

**

އެރޭ ކޮންމެހެން ވެސް ޒިހާން ކެއުމަކަށް ގެންދަން ޔުނާ ބޭނުންވުމުން ޔުނާ ޒިހާން އެޕާޓްމެންޓުން ނެރުނީ 'ގަދަކަމުންނެވެ'. އެހެނަސް ނޭނގޭ ސަބަބަކާ ހުރެ ދާންވީ ރެސްޓޯރެންޓެއް ކަނޑައެޅީ ޒިހާނެވެ. އަދި ޔުނާއަށް ސިއްރުން ފޯނު ކޯލެއް ކޮށްފައި އަދި ދާނީ 15 ވަރަކަށް މިނެޓް ފަހުން ކަމަށްވެސް ބުންޏެވެ.

އެމީހުން ދާން ނިންމާފައި އޮތީ އުޅެމުން ދިޔަ އިމާރާތާ ކައިރި ހިސާބެއްގައި ކަމަށްވުމުން ދިޔައީ ފައިމަގުގައެވެ. އެރޭ ވިއްސާރަވާނެ ކަމަށް ލަފާ ކުރެވޭތީ ދެމީހުން ނިކުތީ އެއްކަލަ ރަތްކުލައިގެ ކުޑަ ހިފައިގެންނެވެ. މިހާ ދުރަށް ވެސް އޭތި ހިފައިގެން ދެމީހުން އައީ، ދެމީހުންގެ ދެމެދުގައިވާ ލޯބި އެ ކުޑަ ފެނުމުން ހަނދާންވާތީވެއެވެ.

ރެސްޓޯރެންޓަށް ވަދެވުމާއެކު ޒިހާން އިރުކޮޅަކުން އަންނާނެ ކަމަށްބުނެ އެ ރެސްޓޯރެންޓުގައި ވަކިން ހަދާފައި ހުރިތަނަށް ދިޔައިރު ޔުނާ އެހެން ހިނގާފައި ދިޔަ ވެއިޓަރެއްގެ އަތަށް އެއްޗެއް ދީފައި ހަދަންވީ ގޮތް ކިޔައިދިނެވެ.

އިރުކޮޅެއްގެ ތެރޭގައި ޒިހާން ޔުނާ ކައިރިއަށް އައިސް ޔުނާ ގޮވައިގެން އެ ވަކިން ހެދިފައި ހުރިތަނަށް ދިޔައީ ޔުނާގެ ލޯމަތީގައި އަތް އަޅައިގެންނެވެ. ޒިހާން ކުޑަކޮށް ގުނާލުމަށްފަހު ޔުނާގެ ލޯމަތިން އަތް ނަގާލުމުން ޔުނާއަށް ފެނިގެން ދިޔައީ މުޅި އެ ބައި އެއްކޮށް ފަނޑު އަލީގެ ބޮކި ފަތިތަކުންނާއި މާ ކޯނިތަކުން ތައްޔާރުކުރެވިފައިވި ތަނެވެ. އެއްފަރާތުގައި ހުރި ފެންސްގައި އެޅުވިފައި ހުރި ކުޑަ ބެނާގައި ލިޔެވިފައިވީ 'ކޮންގްރޭޓްސް، ޑރ. ޔުނޫ!" އެވެ. އަދި އަމުދުން މީރު ކެއުމަކަށްފަހު އައި ކޭކުގައި ވެސް އޮތީ ޔުނާދެކެ ފަހުރުވެރިވާ ވާހަކައެވެ.

ޒިހާންގެ ހުރިހާ ތައްޔާރީތައް ފެނިފައި ޔުނާ ހިނިތުންވެގެން ހުރިތަން ފެނިފައި ޒިހާންގެ ހިތަށް އުފަލެއް ލިބުނެވެ. އޭނާ އިތުރު އެއްވެސް އެއްޗަކަށް ބޭނުންނުވިއެވެ. އެހެނަސް ވެއިޓަރަކު އައިސް އެތާނގައި ޕްރޮޖެކްޓަރެއް ސެޓްކުރަން ފެށުމުން އޭނާއަށް ވެސް އެއްޗެއް ލިބެން އުޅޭހެން ހީވުމުން ޒިހާނަށް ހައިރާންކަމާއެކީ ޔުނާއަށް ބަލައިލެވުނެވެ. ޔުނާ އެއްލޯ މަރައިލުން ނޫންކަމެއް ނުކުރިއެވެ.

އޭގެ އިރުކޮޅެއްގެ ތެރޭގައި އެތަނުގެ ހުދުކުލައިގެ ފާރަށް އެޅުނު އަލީގެ ތެރެއިން ފެންނަން ފެށީ ވީޑިއޯއެކެވެ. ވީޑިއޯއިން ފެނިގެން ދިޔައީ ޒިހާން ދުރު ބަލަން ހިނިތުންވުމަކާއެކީ އިން މަންޒަރެވެ. އެ ފޮޓޯގެ ތިރިއަށް އެރީ 'މައި ލަވިންގް ހަޒްބެންޑް' އެވެ. ވީޑިޔޯއިން ދެންވެސް ފެންނަން ފެށީ ޒިހާންގެ އެކިއެކި ފޮޓޯތަކެވެ. އޭގެން ކޮންމެ ފޮޓޯއެއްގެ ތިރީގައި ޒިހާނާ ގުޅޭ ކޮންމެވެސް ވާހަކައެއް ލިޔެވިފައިވިއެވެ. އޭގެ ތެރެއިން ގިނަ ފޮޓޯތަކަކީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޒިހާނަށް ނުވެސް އެނގި ޔުނާ ނަގާފައިވާ ފޮޓޯތަކެއްކަން ޒިހާނަށް އެނގުނެވެ. ކުރީކޮޅު ހީލާފައި އެކަން ފާހަގަކުރިއެއް ކަމަކު ފަހުން ފަހުން އައިސް ފެނުނު ލިޔުންތަކުން ޒިހާން ޖަޒުބާތުގައި ޖެހުނެވެ. ސާޖެންޓަކަށްވީ ދުވަހު ސިފައިންގެ ރަސްމީ ޔުނީފޯމުގައި ހުރި ފޮޓޯގެ ތިރީގައިވީ، ޒިހާނަކީ ގައުމުގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ މީހަކަށްވާތީ ޔުނާ ފަހުރުވެރިވާ ވާހަކައެވެ. އަދި އެ ޒާތުގެ އެހެން ފޮޓޯއެއްގެ ތިރީގައި އޮތީ އެ ސަބަބާހުރެ ޒިހާންގެ ކައިރީގައި ހުރުމުން ރައްކާތެރިކަމެއް އިހުސާސްކުރެވޭ ވާހަކައެވެ. ޒިހާންގެ ލޮލުން ކަރުނަ ހިލިގެން ދިޔައީ ދެން އައި ފޮޓޯގައި އޭނާ މަންހަލް އުރާލައިގެން ހުރިއިރު ޒިހާން ވާނީ އެންމެ 'ބެސްޓް' ބައްޕައަށް ކަމަށް އޮތްތަން ފެނުމުންނެވެ.

ވީޑިއޯ ނިމުނުއިރު ޒިހާން ހިނިތުންވިއެއްކަމަކު ރޮވެން ކައިރިވެފައިވުމުން ޔުނާ ގޮސް ޒިހާންގެ ގައިގައި ބައްދާލަމުން ލޯބިވާ ވާހަކަ ބުންޏެވެ. އެއަށްފަހު ޒިހާން ހަމައަކަށް އެޅުމަށް ވަގުތު ދިނެވެ.

**

ރެސްޓޯރެންޓުން ނިކުތް ވަގުތު ހިމަފޮދު ވާރޭ ވެހެމުން ދިޔައީތީ ޔުނާއާއި ޒިހާން ހިނގާފައި ދިޔައީ ކުޑަ އަޅައިގެންނެވެ. ތަންކޮޅެއް ދިގުކޮށް ހިނގާލަން ބޭނުންވުމުން އެމީހުން ދިޔައީ އިމާރާތް ހުންނަ މަގު ނޫން އެހެން މަގަކުންނެވެ. އެއީ އާއްމުގޮތެއްގައި ދުއްވާ އެއްޗެހި ނުދުއްވާ މަގަކަށްވުމުން މަގަށް ވެރިވެފައިވީ ހިމޭންކަމެވެ. ވާރޭވެހެމުން ދިޔައީތީ ވަރަށް މަދުން ނޫނީ މީހަކުވެސް ފެންނާކަށް ނެތެވެ.

"ޔުނާއަށް އެނގޭތަ؟ ﷲ އަށްޓަކައި އެކަކު އަނެކެއްދެކެ ލޯބިވާ މީހުންނަށް ގިޔާމަތް ދުވަހު އަރުޝީގެ ހިޔާވަހިކަން ލިބޭނެ..." ޒިހާން ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރެއިން ބުންޏެވެ.

"އަސްލުވެސްތަ؟ ދެޓްސް ސޯ ކޫލް..... އެހެންވީމަ ދެމީހުންނަށް ތި ނިއުމަތް ލިބޭނެދޯ އިން ޝާ ﷲ!" ޔުނާ އުޖާލާވެގެން ދިޔަ މޫނަކާއެކީ ބުންޏެވެ.

"ނޭނގެ.....ޔުނާ އަހަރެންދެކެ ލޯބިވީ ހަމައެކަނި ލުކްސްއަށްޓަކައި ވިއްޔާ ނުއެއްވާނެދޯ؟" ޒިހާން ރާގަކަށް ބުންޏެވެ.

"ދެޓްސް ނޮޓް ޓްރޫ..... އައި މީން ޔެސް، ލުކްސް ވެސް ލައިކްވޭ... ޕާރސަނޭލިޓީވެސް ލައިކްވޭ.... އެކަމަކު އެންމެ ބޮޑަށް ލޯބިވީ ޒިހާން އަހަންނަށްޓަކައި ގައްވާމްއަކަށްވާން މަސައްކަތް ކުރީތީ. އެގޮތަށް ކަންތައް ކުރީ ގުރުއާނާއި ސުންނަތާ އެއްގޮތަށް އުޅެންކަން އެނގުނީމަ ނޭނގޭ ސަބަބަކާހުރެ އަދި މާ ބޮޑަށް ލައިކްވި. މޭއިބީ އެކަން އެނގުނީމަ އަހަންނަށް ވެސް ދީނާ ކައިރި ވެވުނީތީ ކަންނޭނގެ...." ޔުނާ ވިސްނުމެއްގައި ހުރެ ބުންޏެވެ.

"ހުމް.... ޔުނާ ތަންކޮޅެއް ކުރިން އެހީމެއްނު ކީއްވެހޭ އަހަރެން ޔުނާ ދެކެ ލައިކްވީ؟ އަހަރެން އެންމެ ބޮޑަށް އަޅައިގަތީ ބުރުގާ ނާޅާ އެ އަންހެން ކުއްޖާ ވެސް އެތައް އުދަގުލަކާއެކީ ސްކޫލްގައި ނަމާދުކުރަން ޖެހުނިއްޔާ ނަމާދު ކުރާތީ. ވަރަށް ހަނދާން ހުރޭ އެއްދުވަހަކު ޔުނާގެ ފްރެންޑެއް ބުނީ މިތާނގައި ޔުނާގެ ދޮންބެއެއް ނެތޭ. ބުނީމަ ޔުނާ ބުނީ ދޮންބެ ބުންޏޭ ކޮންމެ ތަނެއްގައި ވިޔަސް ﷲ ބައްލަވާ ވޮޑިގެންވޭ. އެހެންވީމަ ތިމަންނަ ގިލްޓީވެއޭ....ހެހެ..."

"ހަހަ.... ހަނދާނެއްވެސް ނެތް ތި ވާހަކަ ދެކެވުނު ހަނދާނެއް..."

"އެނީވޭސް..... ޔުނާއަކީ މި ދުނިޔޭގަވެސް އަހަރެންގެ ސޭފް ޕްލޭސް. އުއްމީދަކީ މި ލޯބީގެ ސަބަބުން ދެމީހުން ގިޔާމަތް ދުވަހުވެސް ސޭފް ޕްލޭސްއެއްގައި ވުން. އިން ޝާ ﷲ!" ޒިހާން ލުއި ހިނިތުންވުމަކާއެކީ ބުންޏެވެ. އެއާއެކު ޔުނާވެސް އިން ޝާ ﷲ އޭ ބުނެލަމުން ޒިހާންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އެ ހިނދު ވިއްސާރަ ބޯވެގެން ދިޔައެއްކަމަކު ދެމީހުންވީ އެކަކު އަނެކަކާއެކީ ހިޔަލުގައެވެ. އެމީހުންގެ ގުޅުމުގެ ޒާތް ފަދައިންނެވެ.

**ނިމުނީ**