(24 ޑިސެމްބަރުގެ އަދަދާ ގުޅޭ)

إليــاس ވިދާޅުވިއެވެ. "އަޅުގަނޑަށް ހީވާގޮތުން އަޅުގަނޑުމެން ޣަރުނާޠާއަށް އެނބުރިދާން ތައްޔާރުވާންވެއްޖެ. އެއްވެސްކަމަކާނުލައި ކުޅަނދުރު ހަތަޔަކަށް އަތްބޭނުމުގެ ފައިދާއަކީ ކޮބައިތޯ؟"

سعد ވިސްނުންފުޅެއްގެ ތެރެއަށް ގެއްލިވަޑައިގެންފިއެވެ. أحمد އަށާއި حسن އަށް އެންމެފުރަތަމަ ފަހަރަށް އޭނާގެ މޫނުފުޅުމަތީން މާޔޫސްކަމުގެ އަސަރު ފެނިވަޑައިގެންނެވިއެވެ. أحمد ވިދާޅުވިއެވެ.

"ބޭބެ! ބޭބެ معـتـمـد އާ ބައްދަލުކުރެއްވުމުން އެއްވެސްކަހަލަ އެދެވޭ ނަތީޖާއެއް ނުކުމެދާނެކަމުގެ ޔަގީންކަން ބޭބެއަށް އޮތިއްޔާ އެކަމަކީ އެއްގޮތަކަށްވެސް އުނދަގޫކަމެއް ނޫން."

سعد ވިދާޅުވިއެވެ. "މިހާރަކު ބޭބެއަކަށް އެއްވެސްކަމެއްގެ ޔަގީންކަމެއްނެތް. ބޭބެ ވެލިރާޅު ފަށުގައި ވެލިގަނޑުވަރެއް ހަދަނީ އަންދަލުސުގެ ޒުވާނުންގެ ތެރެއިން އެމީހެއްގެ ހިތުގައި ޤައުމާމެދު ލޯތްބެއްއޮތް ކޮންމެ މީހަކުވެސް މިކަހަލަ ވެލިގަނޑުވަރެއް ބިނާކުރާނެހެން ހީވޭ."

أحمد ވިދާޅުވިއެވެ. "އެހެންވީއިރު ބޭބެ ބޭނުންފުޅިއްޔާ معـتـمـد އާ ބައްދަލުކުރެއްވޭނެގޮތް ހަމަޖެއްސިދާނެ."

މިހާރު ހުރިހައި ބޭފުޅުންވެސް ތިއްބެވީ أحمد އާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އޭނާ ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު ހިނިފުޅުވަޑުވަނީއެވެ. سعد ގެ ނަޒަރުގައި أحمد ގެ ހިނިފުޅުވެޑުވުމަކީ ވަގުތާ މުނާސަބު ކަމެއްނޫނެވެ. އޭނާ ތަންކޮޅެއް ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "ވިދާޅުވެ ބައްލަވާ! ކޮންގޮތެއްތޯ ކޮއްކޮ ވިސްނައިވަޑައިގަތީ!"

أحمد ވިދާޅުވިއެވެ. "އަޅުގަނޑު ވިސްނިގޮތަށް ޢަމަލުވެސް ކޮށްފިން. އެކަމުން މާބޮޑު ފައިދާއެއް ނުކުރިކަމުގައިވިޔަސް ބޭބެއަށް ބޭބެގެ ވާޖިބު އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ. މިއަދު އަޅުގަނޑުވެސް ހިސާބަކަށް މަސައްކަތް ކޮށްލިން. އެކަމުގެ ނަތީޖާވެސް ނުފެނިޔެއް ނުދިޔަ. މިހާރު ޝާހީ ގަނޑުވަރުގެ ދޮރުކޮޅު ހުޅުވެނީ ހަމައެކަނި ޅެންވެރީންނަށާއި ލަވަކިޔާ މީހުންނަށް. ބޭބެއަކަށް ލަވަކިޔާ މީހަކަށް ވެވަޑައެއް ނުގެންނެވޭނެ. އެކަމަކު ބޭބެއަށްވެސް ޅެންވެރިޔަކު ކޮޕީ ކުރެއްވިދާނެ."

"ކީކޭތޯ؟" سعد ކުރިޔަށްވުރެވެސް ނުގަބޫލުފުޅުވެފައި ސުވާލު ކުރެއްވިއެވެ.

أحمد އޭނާގެ ޖީބުފުޅަށް އަތްޕުޅު ބާނުއްވައިފައި ކަރުދާސްގަނޑެއް ނަންގަވައިފިއެވެ. سعد އަށް އެކަރުދާސްގަނޑު ދައްކަވަމުން ވިދާޅުވިއެވެ. "ބައްލަވާ! މިއޮތީ معـتـمـد ގެ ގަނޑުވަރުގެ ތަޅުދަނޑި."

سعد ވިދާޅުވިއެވެ. "ސަމާސާކުރައްވަން މިއީ ކޮންވަގުތެއްތޯ؟"

"މިއީ ސަމާސާއެއް ނޫން ބޭބޭ! އަޅުގަނޑަކީ ބޭބެގެ ފަރާތްޕުޅުން އިނާމު ލިބުން ޙައްޤު މީހެއް. މިއީ ރަމީކިއްޔާއަށް ހަދައިފައިވާ ތާރީފުގެ ޅެމެއް. އަޅުގަނޑުގެ ލަފާކުރުން ސީދާވެއްޖެނަމަ މިހާރު އޭނާ މީގެ ދެވަނަ ކޮޕީ ބައްލަވައިފާނެ. މިހާރު އޭނާ معـتـمـد އަށް އަމުރު ކުރައްވާނެ." އަޅުގަނޑުގެ ޝަރަފުގައި ރީތި މިޅެން ހެއްދެވި ޣަރުނާޠާގެ މޮޅު ޝާޢިރު ހަމަމިހާރު ހޯއްދަވާ!"

سعد ބައްލަވައިލެއްވިއިރު އެ ކަރުދާސްގަނޑުގައިވާ ޅެން ފައްޓަވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"އޭ އިޝްބީލިއްޔާގެ ލޮބުވެތި މަލަކާއެވެ! ކަމަނާގެ ރީތިފުޅުކަމަކީ معـتـمـد ގެ ރީތި ކުލަ ހުވަފެންފުޅުތަކުގެ ތަޢުބީރެވެ! ދޫނި ސޫފާސޫތްޕަށް ލަވަ ދަސްކޮށްދިނީ معـتـمـد ގެ ޅެންތައް ކަމުގައިވާނަމަ މާމެލާމެލި ވަނީ ކަމަނާގެ ފަރިފަރި ހިނިތުންކުރެއްވުން ވަގަށް ނަގައިފައެވެ!"

سعد ވިދާޅުވިއެވެ. "ކޮންތާކު ލާނެތެއް؟ ކޮއްކޮ ތިޔަ ޅެން އަޑުއެއްސެވީ ކޮންތަނަކުންތޯ؟"

"މިއުނދަގޫ އުފުލަންޖެހުނީ އަޅުގަނޑު އަމިއްލައަށް..... އެކަމަކު ބޭބެ ކަންބޮޑުވެވަޑައިނުގަންނަވާ! އަޅުގަނޑު ހަމައެކަނި ވަގުތުގެ ބޭނުމެއް ފުރިހަމަކޮށްލީ..... މުޅި ޅެން ދަންނަވާލަންތޯ؟"

"ޅެން އަޑުއަހާނީ ފަހުން. އިހަށް ވިދާޅުވެބައްލަވާ ތިޔަ މޮޔަކަމުގައި ކިހައިހިސާބަކަށް ކުރިޔަށް ވަޑައިގެންފީމުތޯ؟"

أحمد ޖަވާބެއް ދެއްވިއެވެ. "ކޮންމެ އެއްޗެއްވެސް ރުޖޫޢަވާނީ އެއެއްޗެއްގެ ނާރެހަށް. މިބާވަތުގެ މޮޔަކަންކަމުގެ ނާރެހަކީ معـتـمـد ގެ ދަރުބާރު. އަޅުގަނޑު މިޅެން ހިފައިގެން ދިޔައީ ޝާހީ މެހުމާންޚާނާގެ ވެރިޔާގެ އަރިހަށް. އޭނާ އެންމެ ފުރަތަމަ ހުންނެވީ އަޅުގަނޑާ ވާހަކަ ދައްކަވަންވެސް ތައްޔާރަކަށް ނޫން. އެކަމަކު މިޅެން ވިދާޅުވެލެއްވުމާއެކު އޭނާއަށް ހަޅޭއްލަވައިގެންނެވުނު. "ކޮބައިތަ މިރީތި ޅެމުގެ ޝާޢިރު؟ އޭނާ އަހަރެންގެ ގާތަށް ނައިސް އެއުޅެނީ ކީއްވެގެންތަ؟ އޭނާއަށް އަހަރެންގެ ސަލާން ބުނާތި! އަހަރެން ހަމަ މިއަދު މިޅެން މަލަކާގެ އަރިހަށް ފޮނުވާނަން. އަހަންނަށް ޔަގީން އެކަމަނާ ވަރަށް އަވަހަށް އޭނާ ބަލައިފޮނުއްވާނެ." އޭނާ ވިދާޅުވިއެވެ.

"ކޮއްކޮ ޙަޤީޤަތުގައިވެސް ތިޔަ ޅެން ފޮނުއްވީތޯ؟"

"ބޭބޭ! އަޅުގަނޑަކަށް ބޭބެއާ ސަމާސާ ކުރާކަށެއް ނުކެރޭނެ. އަޅުގަނޑަށް ޔަގީން. އޭނާ ވަރަށް އަވަހަށް ބޭބެ ބަލައިފޮނުއްވާނެ."

"ކޮއްކޮ ތިޔަ ޅެން ފޮނުއްވީ ބޭބެގެ ނަމުގައިތޯ؟ ދައްކަވަ ބައްލަވާ ތިޔަ ޅެން؟"

سعد أحمد ގެ އަތްޕުޅުގައި އޮތް ކަރުދާސްގަނޑު ޖައްސަވައިގެންފިއެވެ. މަތިމަތީން އެ ޅެމަށް ނަޒަރު ހިންގަވައިލެއްވުމަށްފަހު سعد ވިދާޅުވިއެވެ. "ލާނެއް ކުއްޖާ! ކޮއްކޮއަށް ހީފުޅުވޭތޯ؟ އެމުސްކުޅިޑައިނު އޭނާއާ ބެހޭގޮތުން މިކަހަލަ ޅެންޅެން އަޑުއަހާން ބޭނުންވާނެހެން!"

أحمد ހަމަޖެހިވަޑައިގެން ޖަވާބުދެއްވިއެވެ. "ބޭބޭ! ކަންބޮޑުވެވަޑައިނުގަންނަވާ. މި މެހުމާންސަރާގެ އެހެން ކޮޓަރިއެއްގައި ޤުރުޠުބާގެ ޝާޢިރެއް އެބަހުރި. އިއްޔެ ހަވީރު އޭނާގެ ޅެމެއް އަޅުގަނޑަށް ދެއްކި. މިއަދު އޭނާ އެއައީ ދަރުބާރުގައި އެ ޅެން ކިޔައިދީފައި ފަސްސަތޭކަ ދީނާރުގެ އިނާމެއް ހޯދައިގެން. އެ ޅެމުގެ އެންމެފުރަތަމަ ބައިތަކީ "ޒަމާނުގެ އަނިޔާވެރި އަތްތަކުން ހުރިހައި ސޫރަތަކެއްވެސް ހުތުރުކޮށްލައިފިއެވެ. އެކަމަކު އޭ ރަމީކިއްޔާއެވެ. ކަމަނާއަކީ ހަމަ މީގެ ތިރީސްއަހަރު ކުރީގެވެސް ކަމަނާއެވެ!"

"ތިޔަކަހަލަ ރަމީކިއްޔާއަކަށް ލަޢުނަތްހުރި!" سعد މަޢުޞޫމް ގޮތަކަށް އެހެން ވިދާޅުވެލެއްވުމުން ހުރިހާ ބޭފުޅުން ހިނިފުޅުވަޑުވާން ފައްޓަވައިފިއެވެ.

أحمد ވިދާޅުވިއެވެ. "ބޭބެއަށް ޝާޢިރުންގެ ހެދުމެއް ބޭނުން. އަޅުގަނޑު ޤުރުޠުބާގެ ޝާޢިރުގެ އަތުން އޭނާގެ އަބާ އާއި ތާކިހާ ގަނެފިން. ބޭބެ ދެއްވަން ޖެހިވަޑައިގަންނަވަނީ އެންމެ ވިހި ދީނާރު!"

"ކޮއްކޮ ތިޔަ ވިދާޅުވަނީ ބޭބެ ޅެންވެރިއަކަށް ހެދިގެން އެތަނަށް ދާންވީއޭތޯ؟"

"އަޅުގަނޑަށް ޔަގީންވޭ. ބޭބެ ބޭބެގެ ޚިޔާލުފުޅު ބަދަލެއް ނުކުރައްވާނެކަން!"

"ކޮއްކޮ ހާދަ ލާނެތޭ!"

"ޝުކުރިއްޔާ!" أحمد ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ.

އެރޭ ތިންބެއިން ޖެހިޖެހިގެން ތިންބެއިންގެ ތިން އެނދުގައި އަވަހާރަފުޅު ލައްޕަވަން ތިއްބަވައިފައި سعد މަޑުމަޑުން ވިދާޅުވިއެވެ. "أحمد!"

"ކީކޭތޯ ބޭބޭ؟"

"ކޮއްކޮ ޅެން ހައްދަވަން ދަސްކުރެއްވީ ކޮންތަނަކުންތޯ؟"

"ބޭބެގެ އަރިހުން." أحمد ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގެން ޖަވާބު ދެއްވިއެވެ.

"އާދެ! އަންދަލުސުގެ ޝާޢިރުންނަކީ ބޭބެ ވަރަށް ކޯފާވާ ބައެއް. ބޭބެ ޅެންވެރީންނަށް ކުރައްވާ ނަފުރަތުގެ ސަބަބުން އަޅުގަނޑުގެ ހިތުގައި ޅެމާއި ޅެންވެރީންގެ މަސައްކަތް ދަސްކުރުމުގެ ޝައުޤުވެރިކަން އުފެދުނީ. އަޅުގަނޑުގެ ހިތަށްއެރީ އިސްލާމްދީން ކުރިއަރައިގެން އައިދުވަސްވަރުވެސް ޅެންވެރީން ތިއްބެވިއޭ. އެކަމަކު އެބޭކަލުން މިގޮތަކަށް ބަދުނާމުވެވަޑައެއް ނުގަންނަވައޭ. އެހެން ހިތަށްއެރުމުން އަޅުގަނޑު އެބޭކަލުންގެ ޅެންތައް މުޠާލިޢާކުރިން. އަޅުގަނޑު ވަރަށް ހިތާމަކުރިން. އެބޭކަލުންނަކީ އެޒަމާނުގައި ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ގޮވައިލެއްވި ބޭކަލުން. އެބޭކަލުންގެ މަސައްކަތްޕުޅަކީ ނިދައިފައިތިބޭ މީހުން ހޭލެއްވެވުން. އެބޭކަލުން ޤައުމުގައި ކުރިޔަށްދިއުމުގެ ރޫޙު އުފައްދަވައިދެއްވި. އެބޭކަލުން ނާނާވިދާޅުވެ ޤައުމު މަރުގެ ދާނުގައި ނިންދެވީކީ ނޫން!"

سعد ވިދާޅުވިއެވެ. "ކޮއްކޮ އެހެން ޅެންތައްވެސް ހައްދަވައިފައި ހުންނާނެތޯ؟"

أحمد ޖަވާބު ދެއްވަން ފަސްޖެހިވަޑައިގަތުމުން حسن ޖަވާބު ދެއްވިއެވެ. "އާދެ! ބޭބޭ! ކުޑަބެ މިއަދުވެސް އެހެން ޅެމެއް އަޅުގަނޑަށް ވިދާޅުވެދެއްވި."

أحمد ވަގުތުން ދިފާޢުވެވަޑައިގަންނަވާން ބޭނުންފުޅުވިއެވެ. ނަމަވެސް އޭނާ ބާލީސްކޮޅުން އިސްތަށިފުޅު އުފުއްލަވައިލައްވައިފައި ބައްތީގެ އަލީގައި ބޭބެގެ މޫނުފުޅު ބައްލަވައިލެއްވުމާއެކު އޭނާގެ ހިތްޕުޅު ހަމަޖެހިވަޑައިގެންފިއެވެ. سعد ގެ މޫނުފުޅުމަތީގައި ކޯފާގެ އަސަރުގެ ބަދަލުގައި ހުރީ ހިނިފުޅުވެޑުވުމުގެ އަސަރެވެ. سعد ކުޑަކޮށް މަޑުކޮށްލައްވައިފައި ވިދާޅުވިއެވެ. "أحمد! ބޭބެއަށް އެނގޭ أحمد އަކީ ޝާޢިރެއްކަން!"

"ނޫން. ނޫން!" أحمد ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ބޭބޭ! އަޅުގަނޑު ބައެއް ފަހަރުފަހަރު ފޫހިފިލުވައިލާން ޅެމެއް ހަދައިލަނީ!"

سعد ވިދާޅުވިއެވެ. "ކަންބޮޑުވުމުގެ ބޭނުމެއް ނެތް. ޤައުމު އިޞްލާޙު ކުރުމުގައި ބޭނުންހިފޭކަހަލަ ޅެންވެރިކަމަކީ ބޭބެ އެއާ ދެކޮޅުހަދާ ކަމެއްނޫން. ޅެންވެރިޔާ ޤައުމުގެ ޙާލަތާއި ވަށައިގެންވާ ވެއްޓުމާމެދު ޣާފިލު ނުވެއްޖެނަމަ އޭނާއަށް ޒަމާނުގެ އަޑުއިއްވާ މީހަކަށްވެސް ވެވިދާނެ. ބޭބެއަށް ކިޔައިދީބަލަ! أحمد އިޝްބީލިއްޔާގެ މީހުންނަށް ހެއްދެވި ޅެމުގައި ކީކޭތަ ވިދާޅުވެފައި އޮތީ؟"

أحمد ވިދާޅުވިއެވެ. "އެއީ ބޭބެއަށް ދަންނަވައިދޭވަރުގެ ޅެމެއް ނޫން!"

ޖެހިގެންހުރި ކޮޓަރީގައި އަވަހާރަފުޅަށް އޮށޯވެވަޑައިގެން އޮންނެވި إليــاس ވެސް އެވާހަކަފުޅުތަކުގެ އަޑު އިވިވަޑައިގަތުމުން ތެދުވެވަޑައިގެން سعد ގެ ކޮޓަރިކޮޅަށް ވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "ބައްލަވާ! އަޅުގަނޑުވެސް ތިޔަ ޅެމުގެ އަޑުއަހާނަން!"

"ވިދާޅުވެބައްލަވާ أحمد!" سعد ދެވަނަ ފަހަރަށް ވިދާޅުވިއެވެ.

أحمد ޅެން ވިދާޅުވާން ތައްޔާރުވެވަޑައިގަތުމާއެކު އެބޭފުޅުންގެ އެހެނިހެން އެކުވެރީންވެސް އެބޭފުޅުންގެ އަރިހަށް ޖަމާވެވަޑައިގެންފިއެވެ. أحمد ގެ ޅެމުގެ މަފްހޫމް ތިރީގައި މިދަންނަވަނީއެވެ.

"އިޝްބީލިއްޔާގެ ޒަމާނީ ގޮތްތަކަށް ލޯބިކުރާ މީހުން ލަފުޒުތަކުގެ މުސްކުޅި މާނަތައްވެސް ބަދަލުކޮށްލައިފިއެވެ.

މިހާރު ފިނޑީންނަށް ކިޔަނީ ހިތްވަރުގަދަ މީހުންނެވެ. ހިޔަޅަށް ކިޔަނީ ސިންގާއެވެ. ދެނެއް އެއްވެސް މައިދާނެއްގައި معـتـمـد ގެ ލަޝްކަރެއް ބައްޔެއް ނުވާނެއެވެ.

އެހެނީ އިޝްބީލިއްޔާގެ ޝާޢިރުން ކޮންމެ ބަލިވުމެއް ސިފަކުރަނީ ފަތަޙައިގެ ނަމުންނެވެ.

ނިކަމެތި ދުޝްމިނަކު معـتـمـد އަށް ހަނގުރާމައިގެ ދަޢުވަތު ދިންހިނދު އޭނާ ކުރިޔަށް ނެރުއްވީ އޭނާ ފަރީއްކުޅުއްވާ ސުފުރާކޮޅުމަތީގައި ގެންގުޅުއްވާ ސިންގާތަކެވެ.

ދެނެއް އިޝްބީލިއްޔާގެ އަހުލުވެރީންނަކަށް ކަނޑީގެ ބޭނުމެއް ނޯންނާނެއެވެ.

އެހެނީ إبـن عمّــار ވަނީ ރާޒުވާ ކުޅުއްވުމުގައި ވަރަށްބޮޑު މަޝްހޫރުކަމެއް ހޯއްދަވައިފައެވެ.

މިހާރަކު އިޝްބީލިއްޔާގެ އަންހެންކުދީންނަކަށް ދުޝްމިނުންގެ ވަޙުޝީ ޢަޒުމުތަކުގެ ނުރައްކަލެއް ނެތެވެ.

އެހެނީ ރަމީކިއްޔާ ވަނީ އަންހެން ދަރީންގެ ޢިއްފަތާއި އަބުރުގެ ހުރިހައި ފަރުދާތަކެއް ވީއްދަވައިލައްވައިފައެވެ.

މިހާރަކު އިސްލާމްދީނުގެ ދަންމަރަކަށް ކުފުރުގެ ގަދަ ވައިރޯޅީގެ ސަބަބަކުން ބިރެއްނެތެވެ.

އެހެނީ މުސްލިމުންގެ ނަން ބޭނުންކުރާ މީހުން މިހާރު އެތިބީ އަމިއްލައަށް އެދަންމަރު ނިއްވައިލުމުގެ ފިކުރުގައެވެ.

* * * * * * * * * * *

ޝެހެޒާދާ رشـيـد އެރޭގެ އިރާކޮޅު ޝާހީ ގަނޑުވަރުގެ ވަރަށް ތަނަވަސް ކޮޓަރިކޮޅެއްގައި މަޑުމަޑުން ދެކޮޅަށް ހިންގަވަ ހިންގަވައި ހުންނެވިއެވެ. އޭނާގެ މޫނުފުޅުމަތީން ބައެއްފަހަރަށް ފެންނަނީ ކޯފާގެ އަސަރެވެ. އަނެއްބައިފަހަރަށް ކަންބޮޑުވެވަޑައިގަތުމުގެ އަސަރެވެ. ޚާދިމާއެއް ކޮޓަރިކޮޅުގެތެރެ ބަލައިލައިފައި ދެންނެވިއެވެ. "زيـاد އެތެރެއަށް ވެދެވަޑައިގަތުމުގެ ހުއްދައަށް އެބަ އެދިވަޑައިގަންނަވާ!"

رشـيـد ވަރަށް ބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "އޭނާ މިތަނަށް ވެދެވަޑައިގަންނަވާން ހުއްދަ ހޯއްދަވާން ޖެހިވަޑައިގަންނަވާނެ ވާހަކަ އަހަރެން ބުނީ ކޮންއިރަކުތަ؟"

(ނުނިމޭ)