އުފަލާއި ހިތާމައިގައިވެސް ރާއްޖެއަކީ ބަދަހި ގައުމެއް ކަމަށާއި ދިވެހިން އިސްކުރަނީ އިސްލާމް ދީނާއި ގައުމިއްޔަތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުންނެވެ.

އިމްރާންގެ ތަހުނިޔާގެ ޓުވީޓުގައި ވިދާޅުވީ އުފަލާއި ހިތާމައިގައިވެސް ދިވެހިރާއްޖެއަކީ ބަދަހި ގައުމެއް ކަމަށާއި ދިވެހިން އިސްކުރަނީ އިސްލާމް ދީނާއި ގައުމިއްޔަތު ކަމަށެވެ.

"އަހަރެމެންގެ ޖަޒީރާތައް ގުޅުވާލަނީ އެއްބައިވަންތަކަމުގެ ފާލަމުން. ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރަން،" އިމްރާން ވިދާޅުވިއެވެ.

ރާއްޖެއަށް ސުނާމީ ކާރިސާ ކުރިމަތިވީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެންނެވެ. ރެކްޓާ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި 50 ފޫޓާއި 160 ފޫޓާ ދެމެދުގެ އުސްމިން ހުރި ރާޅުތައް އުފެދި ރާއްޖެއަށް ސުނާމީގެ ރާޅުތައް އަރަން ފެށީ އެ ދުވަހުގެ ހެނދުނު 9:20 ގައެވެ.

ރާއްޖޭގެ ނުވަ ރަށެއް ފިޔަވައި ހުރިހާ ރަށަކަށް ސުނާމީގެ ރާޅުތައް އެރި މި ބިރުވެރި ކާރިސާގައި 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައެވެ. މި ކާރިސާގައި 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ހަތަރު ރަށެއް އެއްކޮށް ސުންނާފަތިވިއެވެ. މި ކާރިސާގައި 15،000 މީހުންގެ ގެދޮރު ގެއްލި، 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ.

ރާއްޖޭގެ އިތުރުން ވަރަށް ގިނަ ގައުމުތަކަށް މި ކާރިސާގައި ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު މަރުވިއެވެ.