ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިފައިވާ އިރު، މެޗުގެ ދެ ގޯލުވެސް ފެނިފައިވަނީ ފުރަތަމަ ހާފުގައެވެ.

އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަސްއިން ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ފުރަތަމަ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ އިރު، ޓީސީއަށް ފުރަތަމަ ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހަމަލާ ތަނަވަސްކުރީ ސަސްއިންނެވެ. އަހުމަދު އައިހަމް އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެ ހަމަލާއާއެކު ސަސްއިން ރަނގަޅަށް މެޗު ފެށި ނަމަވެސް ލީޑު ނެގީ ޓީސީންނެވެ. ޓީސީގެ ކެޕްޓަން އައްޒާމް މުހައްމަދު އަރިމަތިން އެކަނިމާއެކަނި އަރައި އޭރިއާ ތެރެއަށް ވަދެ ހުރަސްކުރި ބޯޅަ ޓީސީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ލިބުނު ވަގުތު ބޯޅަ ގޯލަށް ވައްދާލީ ސާވީ އިބްރާހީމެވެ.

ހާފް ނިމުމުގެ ކުރިން ސަސްއިން އެއްވަރު ކުރިއެވެ. ސަސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ 34 ވަނަ މިނެޓުގައި ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) އެވެ. ޖަޕާން މިޑްފީލްޑަރު އަޓްޝުޝީ ޔޮނެޒާވާ ކޯނަރަކުން ހުރަސްްކުރި ބޯޅަ ބެންޖޯ ގޯލަށް ވައްދާލީ އޭރިއާ ތެރެއިން ހުހަށް އަރައި ބޮލުންނެވެ.

މެޗުގެ ފަހު ހާފު ހަމަލާތައް މަދުކޮށް ފެނުނު ނަމަވެސް މެޗު ނިމެން ދަނިކޮށް ޓީސީއަށް ވަނީ މޮޅުވާން ފަހު ދެ ފުރުސަތެއް ލިބިފައެވެ. އިބްރާހިމް އަބްދުލްވާހިދު (ވާޑު) ނެގި ހުރަހަށް އަރައި އޭރިއާ ތެރެއިން އައްޒާމާއި ނަޝާހު އަހުމަދު ފޮނުވާލި ބޯޅަ ވެސް ސަސްގެ ގޯލްކީޕަރު މަތަކުރީއެވެ.

ލީގުގެ ދެމެޗު މިއަދުވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ޔުނައިޓެޑް ވިކްޓަރީ ނުކުންނަ އިރު، މިރޭ އޮންނަ މެޗުގައި މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަނުން ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.