ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން ޝަރުއީ ދާއިރާތަކަށް ދަތުރުކޮށް ކުޑަކުދިންގެ މައްސަލަތައް ބަލަންޖެހޭ ގޮތަށާއި، ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަށް މަރުގެ އަދަބު ނުދެވޭނެ ކަމަށް ކަނޑައަޅައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މި ބިލުގައި ބުނެފައި ވަނީ، އުމުރުން އުމުރުން 18 އަހަރު ވުމުގެ ކުރިން ކޮށްފައިވާ ކުށެއް ޝަރީއަތަށް ސާބިތުވިޔަސް، 18 އަހަރުން މަތިވުމުން އެ ކުށަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ.
މަރުގެ އަދަބު ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަންޖެހޭނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެ މައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ.
ބަންދުގެ މުއްދަތު އިތުރުކުރާ ނަމަވެސް ހަމަ އެފަދައިން އަމަލުކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން ވެސް ބިލުގައި ހިމަނާފައިވެއެވެ.
ޖުވެނައިލް ކޯޓަށް ބެލުމުގެ އިހުތިސާސް ލިބިގެންވާ މައްސަލައެއް މާލެ ނޫން ރަށަކަށް ހުށަހަޅައި ޝަރީއަތް ހިންގަން ޖެހިއްޖެ ހާލަތެއްގައި، އެފަދަ މައްސަލަތައް ބަލާނީ، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން ރަށްރަށުގެ ޝަރުއީ ދާއިރާތަކަށް ހާޒިރުވެގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އަދި ޖުވެނައިލް ކޯޓުގެ ސަރަހައްދީ ޑިވިޝަންތަކުގައި މަސައްކަތްކުރަންވާނީ، މާލޭގައި ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ އެއް ޝަރުތުތަކެއް ކަނޑައެޅިފައިވާ ފަނޑިޔާރުން ކަމަށާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައި ކުޑަކުދިންގެ މައްސަލަތައް ބެލުމަށްޓަކައި އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސް މިއަދު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލުވެސް ތަސްދީގުކުރައްވައިފައެވެ. އެގޮތުން އެމްއެމްއޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި އިގުތިސޯދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާއި މި މަގުސަދު ހާސިލުކުރުމާއެކު ފައިނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމުގެ ޒިންމާތައް މި ބިލުގައި ހިމަނާފައިވެއެވެ. އަދި ރާއްޖޭގެ އިގުތިސޯދީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ވެސް މި ބިލުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު