ޖެނުއަރީ 2015 ގައި ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމައިލިކަން އިއުލާންކޮށް، އެ މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމައިލިކަން އިއުލާންކޮށް، އެ މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގައި މީގެ ކުރިންވެސް ހުކުމް ކުރުމަށް ބައެއް އަޑުއެހުންތައް ތާވަލްކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައިވެއެވެ.

ނަމަވެސް އެގޮތުން ބޭއްވި ބައްދަލުވުމެއްގައި، އާފިޔާގެ ވަކީލު ބަދަލުވެފައިވާ ކަމަށް ބުނެ އޭނާ ވަނީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފައެވެ.

އެހެންކަމުން އޭނާއަށް އިތުުރު ފުރުސަތެއްދީ ދައުލަތުގެ ހަރަދުގައި އޭނާއަށް ވަކީލަކު ހަމައްޖައި ހުލާސާ ބަޔާން ހުށަހެޅުމަށް ފުރުސަތެއްދިނެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި އޮތީ، އާފިޔާގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމެވެ.

އާފިޔާގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމުން، ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ، އަންނަ ހަފުތާގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އަދި ބަދަލެއް ނާންނަ ނަމަ، ހުކުމް އިއްވުން އޮންނާނީ ހޯމަ ދުވަހުކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑު އެހުމުގައި ހުލާސާ ބަޔާން ހުށަހަޅުއްބަމުން، އާފިޔާގެ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ، އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ މީގެކުރިން ކޯޓުގައި އެއްބަސްވި ނަމަވެސް، ފަހުން އެކަމަށް އިންކާރު ކޮށްފައިވާ ކަމަށެވެ.

އޭރު އޭނާ އެކަމަށް އެއްބަސްވީ ޖަލުގައި ތިބި އޮފިސަރުންތަކެއް ބިރު ދެއްކުމުން ކަމަށް އާފިޔާ ބުނެފައިވާ ކަމަށާއި، އެކަން ނަފީ ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އެހެންވެ، އާފިޔާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އާފިޔާގެ މައްޗަށް އެ ކުށް ސާބިތު ނުވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ،

އިބްތިހާލަށް އާފިޔާ އަނިޔާކުރާ މަންޒަރު ފެނުނު އެއްވެސް މީހަކު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށާއި، އެހެންކަމުން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންވަރަށް މަރުގެ މައްސަލަ، އާފިޔާގެ މައްޗަށް ސާބިތު ކުރެވެންނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑު އެހުމުގައި، އާފިޔާގެ ބަންދު ރިވިއު ކުރުމަށް އެދިފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން ޝަރީއަތް ނިމެންދެން އާފިޔާ ހުރި ބަންދުގައި ކަމަށްވެފައި، ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ހައި ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ ދަށުން ބަންދުގެ އަމުރު ކޮންމެ 30 ދުވަހަކުން ރިވިއު ކުރަން ޖެހޭތީ އާފިޔާގެ ބަންދު ވެސް ރިވިއު ކުރަން އެދޭ ކަމަށެވެ.

އާފިޔާ އަށް ތުހުމަތު ކުރެވެނީ މަރުގެ މައްސަލައެއްގެ ތުހުމަތު ކަމަށް ވާތީ އޭނާ ދޫކޮށްލުމަކީ، މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށާއި، މަރުގެ މައްސަލަތަކުގައި ކަފާލާތު ވެސް ނުލިބޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނާތީ، އާފިޔާގެ ބަންދު އަދިވެސް ދަމަހައްޓައި ދިނުމަށް ދައުލަތުން ވަނީ ހުށަހަޅައިފައެވެ.