ޚަބަރު

ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިމަހުގެ ތެރޭ އިއުލާނުކުރަނީ

އަލީ ޔާމިން

ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިމަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ޒަހާ ވިދާޅުވީ، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ސަރުކާރާއި މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރިންނަށް ނަފާވާނެ ގާނޫނުތައް ހެދި، މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ޒަހާ ވިދާޅުވީ، ކަންނެލީގެ އެންމެ ބޮޑު މާކެޓަކީ ޔޫރަޕް ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ހުރި ގޮންޖެހުންތަކާއެކު ބޭރުގެ މާކެޓުތަކަށް ކަންނެލި ވިއްކުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކަންނެއްޔަކީ ފްރެޝްކޮށް އެކްސްޕޯޓް ކުރަން ޖެހޭ އެއްޗެއް. ޔޫރަޕު ބަންދުވެފައި އޮތުމުން ބޮޑެތި ދަތިތައް އެބަހުރި،" ޒަހާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒަހާ ވިދާޅުވީ، ކަންނެލީގެ މަސްވެރިކަމުން ރަނގަޅު ނަފާއެއް ލިބޭނީ ކަންނެލީގެ މަސްވެރިކަން ބޭރުގެ ގައުމުތަކުގައި އިޝްތިހާރުކޮށް އަދި ކަންނެލި އެކްސްޕޯޓް ކުރުމުގައި ނަގާ ޓެކްސް ދަށް ކުރެވިގެން ކަމަށެވެ. އަދި ކަންނެލި ބޭރުކުރާއިރު ނަގާ ޓެކުހަށް 2023 ވަނަ އަހަރުގެ ކުރިން ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމަކީ 24 ޕަސަންޓް ޓެކްސް ދައްކާފައި ޔޫރަޕަށް މި އެކްސްޕޯޓް ކުރަނީ. އެހެންކަމުން އެޔެއް ރިވިއުއެއް ނުވާނެއޭ އެއަށްވުރެ ކުރިންނެއް. އެހެންކަމުން ކުރިއަށް އޮތް ދެތިން އަހަރުވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެ މި ގޮންޖެހުމުގެ ތެރޭގައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު ފެށެން ވާއިރަށް ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ "ފްލޯ ޕްރައިޒް" އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަންނެލީގެ ފްލޯ ޕްރައިޒެއް އިއުލާން ކުރެވިގެންދާނެ. އަޅުގަނޑު ދަންނަވާނީ މިއަންނަ އަހަރު ފެށެންވާއިރަށް ފްލޯ ޕްރައިޒް އިއުލާން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތަށް ޒުވާނުން ނުކުންނަ މިންވަރު އިތުރުކުރަން ޖެހޭ ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިންނަށް ހާއްސަކޮށް ކަނޑުއޮތްގިރި މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ތަރައްގީކުރާނެ ކަމަށެވެ. މިހާރުވެސް ކަނޑުއޮތްގިރީގައި އަންނަނީ ކަންނެލި ބަންދުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް މިމަހުގެ ތެރޭގައި އިއުލާނުކުރާ އިރު، ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ކުޑަ އަގު އަލުން މުރާޖައާކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.