ސްރީލަންކާގެ މައްތަލަ ރާޖަޕަކްސް އިންޓަނޭޝަނަލް އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ޗާޓަރު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް "ވަން" އަށް ވިދާޅުވި ގޮތުގައި މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓަށް އެ ކުންފުނިން ކުރާ ދަތުރުތަކަކީ ޗާޓަރު ދަތުރުތަކެއް ކަމަށާއި އެގޮތުން ހަފުތާއަކު ދެ ފްލައިޓު ބާއްވާނެ ކަމަށެވެ. އެއްމަސް ދުވަހަށް ބާއްވާ މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓު މިރޭ ރާއްޖޭން ފުރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޗާޓަރު ފްލައިޓުތަކެއް މި ބާއްވަނީ. މި ދަތުރުތަކަކީ ބަޔަކު އެއްމަސް ދުވަހަށް ހިފާފައިވާ ދަތުރުތަކެއް. މަސް ދުވަހަށް ދެމިގެންދާނެ މި ދަތުރުތައް. އެގޮތުން ހަފުތާއަކު ދެ ދަތުރު ބޭއްވުމަށް ހަމަޖެހިފައި މިވަނީ،" މޫސަ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މި ދަތުރުތަކަކީ ސްރީލަންކާގެ ސީމަނުން ތަކެއް އެ ގައުމަށް ގެންގޮސް ދިނުމަށް ކުރާ ދަތުރުތަކެކެވެ. މިއީ ކޮވިޑުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައިވުމުން، ޔޫކޭ އާއި ޔޫއޭއީ ފަދަ ގައުމުތަކުގައި މަޑުކުރުމަށްފަހު އަންނަ ސީމަނުން އުފުލަން ބާއްވާ ދަތުރުތަކެކެވެ.
ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ އިރު، ލަންކާ ސަރުކާރުން މޯލްޑިވިއަަންއަށް މިފަދަ ފުރުސަތެއް ދިނީ އަގާއި ހިދުމަތް ރަނގަޅުވީމަ ކަމަށް ބެލެވެއެވެ.
މޯލްޑިވިއަނުން ލަންކާއަށް ޝެޑިއުލް ދަތުރުތައް އަދި ފަށާފައިނުވި ނަމަވެސް މިދިޔަ އަހަރު ލަންކާގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށްޓަކައި ދިރާސާތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު ލަންކާގެ ރަތަމަލާނާއަށް ދަތުރުތައް ފަށާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު