ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ އެ ދެމީހުން ފިލީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ. ފިލި ދެ މީހުންނަކީ ކ. ކާށިދޫ، އަލުންތިލަ، އަހުމަދު ސިމާއު އަދި ކ. ކާށިދޫ، ސައުތުކޯނަރު، އިބްރާހިމް ފަވާޒެވެ. އެ ދެމީހުން ހައްޔަރުކުރީ ކޮން މައްސަލަތަކެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ދެ މީހުންގެ ތެރެއިން އިބްރާހިމް ފަވާޒް މިއަދު މެންދުރު 1:45 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް އަލުން ގެނެސްފައިވާ އިރު، އަހުމަދު ސިމާއު އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ކާށިދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791519 އަށް ގުޅައި އެކަން އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ, އެފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، އެ ދެމީހުން ފިލި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ކާށިދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ތިބި ދެމީހުން ފިލާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ އެ ސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުރި އުމުރުން 23 އަހަރުގެ ދިވެއްސަކު ފިލައިފައެވެ.