އަންނަ އަހަރު ކުރިއަށްގެންދާ މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށުމާއެކު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށްފަހު އަލުން ބައެއް ގްރޭޑްތަކުގެ ކިޔެވުން ފަށާފައިވާ އިރު، އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ އަންނަ އަހަރު ފަށާ މިއަހަރުގެ ދެވަނަ ސެމިސްޓާއާއެކު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސްކޫލުތަކަށް އިރުޝާދު ދީފައިވާނެ ކަމަށެވެ. އެގޮތުން ކުރިއަށްގެންދެވޭނެ ހަރަކާތްތަކުގެ ތަފްސީލު ވެސް ސްކޫލުތަކަށް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސްކޫލަކުން ކޮށްދޭންޖެހޭ ކަންތައްތައް އެންމެ ފުރިހަމައަށް މި ކޮށްދެވެނީވެސް ހަގީގަތުގައި ސްކޫލެއްގެ އިތުރު ހަރަކާތްތަކާއި އެކްސްޓްރާ ކޯކަރިކިއުލާ އެކްޓިވިޓީސްތައް ރަނގަޅަށް ގެންދެވުނީމަ. ނަމަވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި މިދިޔައީ އަޅުގަނޑުމެންނަށް އެފަދަ ހަރަކާތްތަކެއް ގެންދެވޭނެ ފަދަ މާހައުލެއް ނެތި،" މުޖާހިދު ވިދާޅުވިއެވެ.

އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމާ ބެހޭ ތަފްސީލުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ވިދާޅުވީ، އަންނަ އަހަރު އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބުނު ނަމަވެސް އާންމު ހާލަތުގައި އެ ހަރަކާތްތައް ކުރިއަށްގެންދާ އުސޫލުން އެކަންކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް އިތުރު ހަރަކާތްތަކާއެކު ދަރިވަރުންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ޓާމުގެ ކިޔެވުމަށް ސްކޫލުތައް ހުޅުވުމުގެ ތައްޔާރީތައް އެޑިއުކޭޝަން މިނިސްޓްރީން ވަމުން އަންނަ އިރު، މިދިޔަ ޓާމާއި ހިލާފަށް ދެވަނަ ޓާމުގައި ސްކޫލުތަކުގެ ކިޔެވުން ހަފުތާއަކު ފަސް ދުވަހު ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފައެވެ. އަދި ކޮވިޑާ ގުޅިގެން މެދުކަނޑާލި ނާސްތާ ޕްރޮގްރާމު ވެސް ދެވަނަ ޓާމާއެކު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް 19ގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ސްކޫލުތައް ބަންދުކޮށްފައި ބާއްވަން ޖެހުމުން ޖެނުއަރީ މަހުގައި ފަށާ ގޮތަށް ކުރިން އޮތް ދިރާސީ އަހަރު ވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފައެވެ.